ދިވެހިރާއްޖޭގެ ސަލާމަތަށްޓަކައި، މޫސުމަށް އަންނަ ބަދަލަށް ހޭނުމާއި ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި މެނޭޖް ކުރަން މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓަރު އައިމިނަތު ޝައުނާ މިއަދު ވިދާޅުވެއްޖެ އެވެ.
އދ. އިން އޭޝިޔާ އަދި ޕެސިފިކަށް ކަނޑައަޅާފައިވާ އިގްތިސާދީ އަދި އިޖްތިމާއީ ކޮމެޓީގެ ސެޝަނެއްގައި ރާއްޖޭގެ ބަޔާން އިއްވަވަމުން ޝައުނާ ވިދާޅުވީ، ރާއްޖެ އުފެދިފައިވާ ގޮތުގެ ސަބަބުން ތިމާވެށި ހިމާޔަތް ކުރުމަށާއި ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީ ގެނައުމަށް ބޮޑެތި ގޮންޖެހުން އެބަހުރި ކަމަށެވެ.
"ރާައްޖެއަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށް މި ދަނީ މަސައްކަތް ކުރަމުން. މޫސުމީ ބަދަލަށް ހޭނިގެން އަދި އެބަދަލުތައް ކުޑަ ކުރުމަށް އަޅާ ފިޔަވަޅުތަކުން، އަޅުގަނޑުމެން މި ހަނގުރާމަ ކުރަނީ މަރާ،" މިނިސްޓަރު ވިދާޅުވި އެވެ.
ދިވެހި ސަރުކާރުން އަޅަމުންދާ ބައެއް ފިޔަވަޅުތަކުގެ ގޮތުގައި ޝައުނާ ފާހަގަ ކުރެއްވީ ގުދުރަތީ ބައެއް ސަރަހައްދުތައް ހިމާޔަތް ކުރުމާއި ރާއްޖޭގެ ދިރުންތައް ހިމާޔަތް ކުރުމަށް ސާވޭ ހިންގުމެވެ. އަދި ޔުނެސްކޯ ބަޔޮސްފިޔާ ރިޒާވްގައި ރާއްޖޭގެ ތިން އަތޮޅެއް ހިމެނުން ވެސް ވެސް ޝައުނާ ފާހަގަ ކުރެއްވި އެވެ.
އޭގެ އިތުރުން، ވައިގެ ކޮލިޓީ ބެލޭނެ ނިޒާމުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުކުރުމާއި ޕްލާސްޓިކް މަދު ކުރުމަށް ގާނޫނު އެކުލަވާލުން ވެސް، މޫސުމީ ބަދަލަށް ހޭނުމަށް އެޅި ފިޔަވަޅުތަކުގެ ގޮތުގައި ޝައުނާ ފާހަގަ ކުރެއްވި އެވެ.

ނަމަވެސް ޝައުނާ ވިދާޅުވީ، އެހެން ގައުމުތަކުގެ އެއްބާރުލުން ނެތި މޫސުމަށް އަންނަ ބަދަލު ކޮންޓްރޯލް ނުކުރެވޭނެ ކަމަށެވެ.
"ދިވެހިރާއްޖެއިން ކިތަންމެ ބައިވަރު ކަންކަމެއް ހާސިލް ކުރަން ބޭނުންވި ނަމަވެސް އަޅުގަނޑުމެންނަށް އެކަނި މިކަމެއް ނުވާނެ. ގުޅިގެން ކުރެވޭ މަސައްކަތެއް މިކަމަށް ބޭނުންވޭ. އަޅުގަނޑުމެން ދެކޭ ގޮތުގައި މި މިކަމަށް ސަރަހައްދީ އަދި މުޅި ދުނިޔޭގެ އެއްބާރުލުން ވެސް ބޭނުންވޭ،" ޝައުނާ ވިދާޅުވި އެވެ.











