"ސްކުއިޑް ގޭމް"ގެ އެކްޓަރު އޯ ޔޮންގް ސޫއަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް، ރަސްމީކޮށް މައްސަލަ ފަށާފައިވާ ކަމަށް ދެކުނު ކޮރެއާގެ އޮފިޝަލުން ބުނެފި އެވެ.
އުމުރުން 78 އަހަރުގެ އެކްޓަރުގެ މައްޗަށް ތުހުމަތު ކުރަނީ 2017 ވަނަ އަހަރު އަންހެނެއްގެ ގައިގައި ގޯސް ގޮތަކަށް އަތްލި ކަމަށެވެ.
ދެކުނު ކޮރެއާގެ ނޫސްތަކުން ބުނީ ޔޮންގް ސޫ އެ ތުހުމަތުތައް ދޮގުކުރާ ކަމަށެވެ.
ޔޮންގް ސޫއަކީ ސީރީޒެއްގައި ސަޕޯޓިން އެކްޓަރެއްގެ ދައުރުން ގޯލްޑަން ގްލޯބް އެވޯޑް ހޯދި ދެކުނު ކޮރެއާގެ ފުރަތަމަ އެކްޓަރެވެ. އެއީ މި އަހަރުގެ ކުރީކޮޅު ނެޓްފްލިކްސްގައި މަގްބޫލުވި "ސްކުއިޑް ގޭމް"ގައި އޭނާ ކުޅުނު ރޯލަށެވެ.
ޔޮންހަޕް ނިއުސް އެޖެންސީން ބުނީ ޔޮންގް ސޫއާ ދެކޮޅަށް އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައި ކަމަށެވެ.

އެ މައްސަލައިގެ ދައުވާ ނުކޮށް، ތަހުގީގު ހުއްޓާލީ އެޕްރީލް މަހުގަ އެވެ. މައްސަލަ ރިޕޯޓު ކުރި މީހާގެ އެދުމަށް އަލުން ތަހުގީގު ފަށާފައިވާ ކަމަށް ޔޮންހެޕް ނިއުސް އެޖެންސީން ބުންޏެވެ.
އެއާ އެކު އޭނާއާ ދެކޮޅަށް ވަނީ ދައުވާ ވެސް އުފުލައިފަ އެވެ. އެހެންވެ، ޔޮންގް ސޫ ފެންނަ އިޝްތިހާރެއް ދެއްކުން ހުއްޓާލަން ދެކުނު ކޮރެއާގެ ސަގާފަތާ ބެހޭ މިނިސްޓްރީން ނިންމި އެވެ.










