ވިލިމާލޭގައި ހުންނަ ސިނަމާލެ ހަތަރެއް ފްލެޓުން އެޕާޓްމަންޓު އަމިއްލަ ކުރާ ފަރާތްތަކުން ޖޫރިމަނާއެއް ދައްކަންޖެހިފައި އޮންނަ ނަމަ އެ ފައިސާ މައާފުކޮށްދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ޖޫރިމަނާ މައާފްކޮށްދިނީ މާލޭ ސިޓީ ކައުންސިލުން އެކަމަށް އެދުމުން ފައިނޭންސް މިނިސްޓްރީގެ ފަރާތުންނެވެ.
ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާ މާލެ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ބުނީ މައާފުކޮށްދިނީ ފްލެޓު އަމިއްލަކުރަން ބޭނުންވާ ފަރާތްތަކުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 540،945 ރުފިޔާއެއް ކަމަށެވެ.
ސިޓީގައި ފިނޭންސްއިން ބުނީ "ދައުލަތަށް ލިބެންޖެހޭ ފައިސާ އާއި މުދާ އަނބުރާ ނުލިބޭނެ ކަމަށް ކަނޑައަޅައި ދޫކޮށްލުމުގެ އަމަލު ކުރާނެ އުސޫލުގެ" މި ފައިސާއަކީ ދައުލަތަށް ނުލިބޭނެ ފައިސާއެއްގެ ގޮތުގައި މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.
ސިނަމާލޭގެ ނަމުގައި އެޅި ހަތަރު ފްލެޓަކީ މާލެއަށް ކުރިމަތިވަމުންދިޔަ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ބޭނުމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެޅި ފުރަތަމަ ފްލެޓުތަކެވެ. އެއަށްފަހު ދެން ބިނާކުރީ މާލޭ ހިޔާ އެވެ.














