އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުން މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާ ކުރުމަށްފަހު ކޮމިޓީން ފާސްކޮށްފި އެވެ.
މިއަދު ބޭއްވި ބަޖެޓު ކޮމިޓީގެ ބައްދަލުވުމުގައި ބަޖެޓު ފާސްކޮށްފައި ވަނީ ބަޖެޓު ކޮމިޓީގެ އަގުލަބިއްޔަތުންނެވެ. ކޮމިޓީން 2023 ވަނަ އަހަރަށް ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހެޅީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިއަދު ކުރިއަށް ދިޔަ މަޖިލީހުގެ ބެޖެޓް ކޮމިޓީން ވަނީ އިތުރު އިސްލާހުތަކާ އެކު ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށްފަ އެވެ.
އެއާ އެކު ކޮމިޓީން ފާސްކުރި ބަޖެޓްގެ އަދަދަކީ 42.8 ބިލިއަން ރުފިޔާ އެވެ.
އިތުރު ހުށަހެޅުންތަކާއި، ރިކޮމެންޑޭޝަންތަކާއެކު ކޮމިޓީން ބަޖެޓު ފާސްކުރުމުން، ދެން ބަޖެޓު ދާނީ މަޖިލީހުގެ ތަޅުމަށެވެ.

2023 ވަނަ އަހަރުގެ ބަޖެޓަށް ކޮމިޓީން ގެނެސްފައި ވަނީ ޖުމްލަ ތިން އިސްލާހެކެވެ;
އޭގެ ތެރޭގައި ހިމެނެނީ އޮފީސްތަކުގެ ޑޮމެސްޓިކް ބަޖެޓަށް 36 މިލިއަން ރުފިޔާ އިތުރު ކުރުމާއި، ޕީއެސްއައިޕީއަށް 124 މިލިއަން ރުފިޔާ އިތުރު ކުރުން އަދި ކޮންޓެންޖެންސީ ބަޖެޓުން 25 މިލިއަން ރުފިޔާ އުނިކޮށް، އެ ފައިސާ އައްޑޫ ގަމުގައި ދޫގަސް ތަރައްގީ ކުރުމަށް ހަމަޖެއްސުމަށެވެ.
އަންނަ އަހަރުގެ ބަޖެޓު މަޖިލީހުގެ ކޮމިޓީން ފާސްކޮށްފައި މިވަނީ ޖުމްލަ 11 ރިކޮމެންޑޭޝަނަކާ އެކު އެވެ. އެ ރިކޮމެންޑޭޝަންތަކުގެ ތެރޭގައި އަންނަ އަހަރަށް ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދުތައް ލިބޭނެކަން ކަށަވަރު ކުރުމަށް ދުރާލާ ގައުމުތަކާއި ޖަމްއިއްޔާތަކާ އެކު މަޝްވަރާ ކުރުން ހިމެނެ އެވެ. އަދި އާސަންދައިގެ ހިދުމަތްތައް ހަރުދަނާކޮށް، ބޭކާރު ހަރަދު ކުޑަކުރުމާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ޖަވާބުދާރީ ކުރެވޭނެ ގޮތްތައް ހަމަޖެއްސުން ހިމެނެ އެވެ.
މީގެ އިތުރުން، ކައުންސިލުތަކުގެ މާލީ ކަންކަން ގާނޫނާއި، ގަވައިދާއި އުސޫލާ ހިލާފަށް ކުރާ ކައުންސިލުތަކުގެ ބްލޮކް ގްރާންޓް ހިފެހެއްޓުމާއި ސަބްސިޑީގެ ނިޒާމު މުރާޖައާ ކުރުމުގެ އިތުރުން ރިޔާސީ އިންތިހާބުގެ ހަރަދުތައް ބެޖެޓުން ހަމަޖެއްސުމަށް ވެސް ކޮމިޓީން ރިކޮމެންޑް ކޮށްފައި ވެއެވެ. ކޮމިޓީން ވަނީ ބަޖެޓުގެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ބެލެވޭނަމަ ދުރާލާ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހެޅުމަށް ވެސް ރިކޮމެންޑް ކޮށްފަ އެވެ.
މިއަދުގެ ބަޖެޓު ކޮމިޓީގައި ވަނީ 2022 ވަނަ އަހަރުގެ ސަޕްލިމެންޓު ވެސް ފާސްކޮށްފަ އެވެ. އެގޮތުން މި އަހަރުގެ ބަޖެޓަށް އިތުރު 5.84 މިލިއަން ރުފިޔާ ވަނީ މިއަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ކޮމިޓީގައި ފާސްކޮށްފަ އެވެ.













