އެތެރޭގެ އުދުހުންތަކުގެ ޑިމާންޑް ބޮޑުވާނެ ކަމަށް ލަފާކޮށް މޯލްޑިވިއަން އިން ކުރު މުއްދަތަކަށް އާ ބޯޓެއް ގެނެސްފި އެވެ.
މޯލްޑިވިއަން ހިންގާ ކުންފުނި އައިލެންޑް އޭވިއޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ބޯޓު ގެނައުމުގެ މަގުސަދަކީ ކުރިއަށް އޮތް ޗުއްޓީ ތެރޭގައި ދަތުރު ކުރަން ބޭނުންވާ ފަރާތްތަކަށް އެކަން މަގުފަހިކޮށްދިނުން ކަމަށެވެ.
މޯލްޑިވިއަން އިން މިފަހަރު ގެނެސްފައިވަނީ އޭޓީއާރު 72-500 ބޯޓެކެވެެ. މިއީ ދުނިޔޭގެ އެކި ގައުމުތަކުގެ އެތެރޭގެ އުދުހުންތަކުގައި އެންމެ މަގުބޫލު އެއް އުޅަނދެވެ. އެގޮތުން އެ އުޅަނދަކީ ތެލުގެ ހަރަދު ކުޑަ އަދި އޮޕަރޭޝަނަލީ ވެސް ގިނަ ފަސޭހަތަކެއް ލިބޭ އެއް އުޅަނދެވެ. މޯލްޑިވިއަން އިން ބުނެފައިވަނީ އޭޓީއާރު މަރުކާގެ އެފަރާތުގެ އޮޕަރޭޝަނަށް އެންމެ އެކަށޭނަ އުޅަނދު ކަމަށެވެ.
އާންމު އުސޫލެއްގެ ގޮތުން ބޮޑު ޗުއްޓީތަކާ ދިމާކޮށް މޯލްޑިވިއަން އިން ދަތުރުވެރިންނަށް ފަސޭހަ ކޮށްދިނުމުގެ ގޮތުން އެކި ޕްރޮމޯޝަންތައް ހިންގަ އެވެ. އެގޮތުން ހާއްސަ އަގުތައް ވެސް ހިމެނެ އެވެ.











