ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައި ހުރި ހުނަރާއި އުފެއްދުންތެރިކަން ދައްކުވައިދޭ ރިވެލި މައުރަޒު ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން މި މައުރަޒު އިންތިޒާމުކޮށްފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ކިބައިގައި ހުރި ހުނަރާއި އުފެއްދުންތެރިކަން އާންމު ކުރުމުގެ އިތުރުން މަސައްކަތްތެރިކަމާއި ވިޔަފާރި ކުރިއެރުވުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތައް ބާރުވެރިކޮށް އެކަމަށް މަގުފަހިކޮށްދިނުމުގެ މަގުސަދުގަ އެވެ.
މިއަދު ހެނދުނު ދަރުބާރުގޭގައި މި މައުރަޒު ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފަޒުނާ އަހުމަދެވެ. މިއަދު ހެނދުނު 10:00ގައި ހުޅުވި މި މައުރަޒު ކުރިއަށްދާނީ މިއަދާއި މާދަމާ، ހެނދުނު 10:00 އިން ހަވީރު 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން 10:00 އަށެވެ.

މެޑަމް ފަޒްނާ؛ ރިވެލި މައުރަޒުގައި ހުރި އުފެއްދުންތައް ބައްލަވާލައްވަނީ -- ފޮޓޯ: ޖެންޑާ މިނިސްޓްރީ
ރިވެހި މައުރަޒުގައި ބައިވެރިންގެ އުފެއްދުންތައް ހުށަހަޅަފައި ވަނީ ފަސް ދާއިރާއަކުންނެވެ. އެއީ އަމިއްލަ އުފެއްދުންތެރިކަމުގެ ދާއިރާ، ދަނޑުވެރިކަމުގެ ދާއިރާ، ކާބޯތަކެތީގެ ދާއިރާ، ކުރެހުމުގެ ދާއިރާގެ އިތުރުން އަތްތެރި މަސައްކަތުގެ ދާއިރާ އެވެ.

މި މައުރަޒުގައި ޖުމުލަ 95 ބައިވެރިންގެ އުފެއްދުންތައް ދައްކާލާފައިވާއިރު، އެ އުފެއްދުންތައް ވިއްކުމަށް ބޭނުންވާ ބައިވެރިންނަށް އެ ފުރުސަތު ވެސް ވަނީ ހުޅުވާލާފަ އެވެ.











