މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދި ކަމަށް ތުހުމަތުކޮށް އުފުލި މަނީ ލޯންޑަރިންގެ ފުރަތަމަ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލީ އެންމެ ރަނގަޅަށް ނޫން ކަމަށާއި، އެ ކަމާ ގުޅިގެން ހުށަހަޅާފައިވާ ހުށަހެޅުން އަލުން ބެލުމަށް ހައިކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލީ ގދ. ތިނަދޫ, ލަކީލާސްޓް, ރާމިޒާ އަލީގެ މައްޗަށެވެ. އޭނަގެ މައްޗަށް ކުރާ ދައުވާ ކްރިމިނަލް ކޯޓުން ބާތިލްކުރުމުން، އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ.
ހައި ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައިވަނީ ރާމިޒާގެ މައްޗަށް ކުރެވިފައިވާ ދައުވާގައި ހިމެނޭ ކުށުގެ ބާވަތުން އެ ކުށާ ގުޅޭ އެހެން ކުށެއް ވެސް އޮތުމުން ގިނަ ހެކި ހުރެދާނެ ކަމަށެވެ.
މި މައްސަލާގައި ކުރިން މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއް ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވާއިރު އެ ފަހުން ދައުވާ ބާތިލްކޮށްދިނުމަށް ރާމިޒާގެ ފަރާތުން ހުށަހަޅާފައި ނުވާތީ އެ ގޮތަށް ނުނިންމޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އޭގެ އިތުރަށް، ރާމިޒާ ހުށަހަޅާފައިވާ ހުށަހެޅުމަށް ރިއާޔަތްކޮށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް ބަލައިނުގަތުމަށް ދަށު ކޯޓުން ނިންމާފައިވާ ނިންމުމާ މެދު އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ.
ރާމިޒާގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިރިމީހާ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު، އިތުރު ބަޔަކާއެކު މަސްތުވާތަކެތީގެ ވިޔަފާރި ކޮށްގެން ހޯދި ކަމަށް ޝައްކު ކުރެވޭ ފައިސާ އޭނާގެ އެކައުންޓަށް ޖަމާކުރުމުން، އޭގެން މަންފާ ހޯދާފައިވާތީ އެވެ.
އެ މައްސަލައިގައި ދައުލަތުން ރާމިޒާގެ މައްޗަށް ހުށަހެޅި 23 ހެއްކެއް ބަލައިނުގަތުމަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އެދިފަ އެވެ. ދައުލަތުން ހުށަހެޅި ގިނަ ހެކިތަކަކީ އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއާ ނުގުޅޭ ހެކިތަކެއް ކަމަށް ރާމިޒާގެ ފަރާތުން ބުނެ އެވެ.













