އިއްޔެއަކީ ނޫސްވެރިކަމުގެ އިނާމު ބޭއްވި ދުވަސް ކަމަށްވާއިރު އެ ހަފްލާގައި "އަދަދު" ނޫހަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. އެގޮތުން، އަދަދު ނޫހުގެ އެސޯސިއޭޓު އެޑިޓަރު އައްޒާމު އަލިފުޅު އަދި ވިޝުއަލް އެޑިޓަރު އަބްދުﷲ ޝަފީއުއަށް ވަނީ އެވޯޑު ލިބިފަ އެވެ.
އައްޒާމު - އެންމެ މޮޅު ކުޅިވަރު ނޫސްވެރިޔާ
ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާފައި އައްޒާމް، މި އެވޯޑު ކާމިޔާބު ކުރީ، ހުސައިން ހަބީބު އާއި މުހައްމަދު ޝައްމޫނާ ވާދަކޮށްގެންނެވެ. އައްޒާމަށް ވަނީ މީގެ ކުރިން ވެސް ތިން ފަހަރު ކުޅިވަރު ދާއިރާއިން ނޫސްވެރިކަމުގެ އެވޯޑް ހާސިލުކޮށްފަ އެވެ.
އައްޒާމަކީ ކުޅިވަރަށް ހާއްސަ ނޫސްވެރިންގެ ތެރެއިން ރާއްޖޭގައި މިވަގުތު ހުރި އެންމެ ހުނަރުވެރި އަދި އެންމެ ތަޖުރިބާކާރު އެއް ނޫސްވެރިޔާ އެވެ. އޭނާ ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރަތާ މިއީ އަށް ވަނަ އަހަރެވެ.
އައްޒާމް ނޫސްވެރިކަމުގެ ދާއިރާއަށް ނިކުތީ 2014 ވަނަ އަހަރު ސީއެންއެމް ނޫހުންނެވެ. އެއަށްފަހު ހަވީރު ނޫހާއި މިހާރު ނޫހުގައި ވެސް އޭނާ ވަނީ މަސައްކަތް ކޮށްފަ އެވެ. އަދި 2021 ވަނަ އަހަރު އަދަދު ނޫސް ފެށުމާއެކު، އަދަދު ނޫހުގެ އެސޯސިއޭޓް އެޑިޓަރުގެ މަގާމުގައި އައްޒާމް ގެންދަނީ ނޫސްވެރިކަމަށް އަގުހުރި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އައްޒާމްގެ ނޫސްވެރިކަމުގެ ހަޔާތުގައި އޭނާ ވަނީ ރާއްޖެ ބައިވެރިވާ ބައިނަލްއަގްވާމީ ގިނަ ކުޅިވަރު މުބަރާތްތަކެއް ކަވަރު ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮމަންވެލްތު ގޭމްސްއާއި، އިސްލާމިކް ސޮލިޑާރިޓީ ގޭންސްގެ އިތުރުން ސައުތް އޭޝިއަން ގޭމްސް ހިމެނެ އެވެ.

ނޫސްވެރިކަމުގެ އިތުރުން އައްޒާމް ވަނީ މައިލޯގެ ފަރާތުން ރާއްޖޭގެ ކުޅިވަރުގެ ޕަބްލިކް ރިލޭޝަންސް ކޮންސަލްޓެންޓެއްގެ ގޮތުގައި ވެސް މަސައްކަތް ކޮށްފަ އެވެ. އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީއަށް ވެސް ހިދުމަތްކޮށްފައިވާއިރު، އެ ކޮމިޓީން ވަނީ ދެ ފަހަރެއްގެ މަތިން އޭނާއަށް އަގުވަޒަން ކުރުމުގެ އެވޯޑް ދީފަ އެވެ.
އަބޯ - އެންމެ މޮޅު ގްރެފިކްސް ޑިޒައިނަރު
ފަންނު އަދި އާޓްގެ ދާއިރާއިން ޒުވާނުންގެ އެވޯޑު ވެސް މި ފަހުން ހާސިލްކޮށްފައިވާ އަބޯ، ނޫސްވެރިކަމުގެ ކެރިއަރުގައި މިއީ ލިބުނު އެންމެ ބޮޑު ކާމިޔާބީ އެވެ. އޭނާއަށް އެވޯޑު ލިބުނީ ގްރެފިކްސް އަދި އިލަސްޓްރޭޝަންގެ ދާއިރާއިންނެވެ.
އަބޯ، 28، ހާއްސަވެފައިވަނީ ތާނަ ލެޓަރިންގައި ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އާޓިސްޓެއްގެ ގޮތުގަ އެވެ. މިދިޔަ އަހަރު "އަދަދު" އިން ވުޖޫދު ކުރި އުފެއްދުންތަކުގެ ލެޓަރިން ފަރުމާކުރީ ވެސް އަބޯ އެވެ.
ސާފް ޗެމްޕިއަންޝިޕްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުުގައި "އަދަދު" އިން ގެނެސްދިން 10 އެޕިސޯޑްގެ ޕްރޮގްރާމް ޕްރޮޑިއުސް ކުރީ އަބޯ އެވެ.
މި ނޫހުން ގެނެސްދިން ސާފް މުބާރާތުގެ ކަވަރޭޖަށް ބޭނުންވާ ހުރިހާ ގްރެފިސްއަކާއި ޕޯސްޓަރުތައް ވެސް އޭނާ ފަރުމާކޮށްދީފައިވެ އެވެ.
މިނިވަން ދުވަހުގެ މުނާސަބަތާ ގުޅިގެން "އަދަދު" އިން ގެނެސްދިން ވީޑިއޯ ޑޮކިއުމަންޓަރީގެ އާޓް ޑައިރެކްޝަން ވެސް އަމިއްލައަށް އިސް ނަގައިގެން އަބޯ އެ މަސައްކަތް ކުރި އެވެ.
ރޯދަ މަހަށް ހާއްސަކޮށް "އަދަދު" އިން ގެނެސްދިން ހަތް ޝޯގެ ގްރެފިކްސް އާއި އާޓް ޑައިރެކްޝަން ވެސް ބަލަހައްޓައިދިނީ އަބޯ އެވެ.
ވިޝުއަލް އެޑިޓަރެއްގެ ގޮތުން އަބޯ ގެންދަނީ ފޮޓޯފްރާފަރުންނާއި ވީޑިއޯ ގްރާފަރުން އަދި ޑިޒައިނަރުންގެ މަސައްކަތްތައް ބަލައި, އެމީހުންނަށް ހިޔާލާއި ތައުލީމްދީ, މީހުން އުފައްދައި ތަރައްގީކޮށް މަގު ދައްކައިދެމުންނެވެ. އޭނާގެ މަސައްކަތުން މީޑިއާގެ ދާއިރާއަށް އާ ޑިޒައިނަރުން ނެރެވިފައިވެ އެވެ.
މީޑިއާގައި އަބޯގެ ފާހަގަކޮށްލެވޭ މަސައްކަތްތަކުގެ ތެރޭގައި ވަގުތު އޮންލައިން އުފެއްދުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނާއި އަވަސް އޮންލައިންގައި ކްރިއޭޓިވް ޑިރެކްޓަރެއްގެ ގޮތުން ކުރި މަސައްކަތްތައް ވެސް ހިމެނެ އެވެ.
ކުރީގެ ދެ އެޑިޓަރަކަށް ވެސް އެވޯޑު
އޭގެ އިތުރުން، "އަދަދު" ނޫހުގެ ކުރީގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫނާއި އެޑިޓަރެއްގެ މަގާމު އަދާކުރެއްވި ފަޒީނާ އަހްމަދަށް ވެސް ވަނީ އެވޯޑު ލިބިފަ އެވެ. އެގޮތުން، ހަމްދޫނަށް އިޖުތިމާއީ އަދި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑު ލިބުނުއިރު ފަޒީނާއަށް އެވޯޑު ލިބިފައި ވަނީ ސިޔާސީ ދާއިރާއިންނެވެ. އެ ދެ ނޫސްވެރިންނަށް ވެސް އެވޯޑު ލިބުނީ "އަދަދު" ގައި ޝާއިއުކުރި ލިޔުމަށެވެ.
ގިނަ ނޮމިނޭޝަންތަކެއް
ގިނަ އެވޯޑުތަކަކަށް "އަދަދު"ގެ ނޫސްވެރިން ނޮމިނޭޓު ވެސްވި އެވެ. އޭގެ ތެރޭގައި، އެންމެ މޮޅު ނޫސްވެރިޔާގެ އެވޯޑާއި ޝަރުއީ އަދި ގާނޫނީ ދާއިރާއިން މޮޅު ނޫސްވެރިޔާގެ އެވޯޑަށް އެސޯސިއޭޓު އެޑިޓަރު ހަސަން ނާޒިމު، އުއްމީދީ ނޫސްވެރިޔާގެ އެވޯޑަށް މުހައްމަދު އުޝާމް، ވީޑިއޯ ޖާނަލިސްޓުގެ އެވޯޑަށް އާއިމް ޒަމީރު، އަދި ފޮޓޯ ޖާނަލިސްޓް އެވޯޑަށް މުހައްމަދު ޝަޔާހު ނޮމިނޭޓުވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން މިދިޔަ އަހަރު ގާއިމުކުރަން ފެށި އޮންލައިން ޕޭމަންޓު ސިސްޓަމް އާއްމުކޮށް ބޭނުން ކުރުމަށް ހުޅުވާލުން ހަތަރު ވަނަ ފަހަރަށް ފަސްކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ވޯލްޑު ލީޑިން ޑެސްޓިނޭޝަންގެ އެވޯޑު ހޯދައި އެ މަގާމު ރާއްޖޭން މިލްކު ކުރިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ފުލުހުންނާއި އެމްއެންޑީއެފްއިން މިހާރު ކުރިއަށްގެންދާ ކައުންޓަ ޓެރަރިޒަމް އޮޕަރޭޝަނުގައި މިހާތަނަށް 13 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގެ ގަވައިދު ކޮމިޓީން ފާސްކޮށް، ޕްލޭނިން މިނިސްޓްރީއަށް ފޮނުވާފައިވާ "ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު" ގެޒެޓްކުރަން ނުފޮނުވާ ބާއްވާފައި އޮތް އޮތުން ކުށްވެރިކޮށް، އެ ގަވައިދު ގެޒެޓްކުރަން ހަފްތާއެއްގެ މުހުލަތެއް ދެމުން އެ ކޮމިޓީން ބުނީ:
މިއަދާ ހަަމައަށް ވެސް ހުޅުމާލެ ޕްލޭނިން އަދި އިމާރާތްކުރުމުގެ ގަވައިދު ގެޒެޓްގައި ޝާއިއުކުރެއްވުމަށް އެ މިނިސްޓްރީން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ނުވާތީ އާއި އެ ގަވައިދު ގެޒެޓްނުކުރައްވައި ބޭއްވުމަކީ ދުސްތޫރީ އަދި ގާނޫނީ ހަމަތަކުން ކުރެއްވިދާނެ ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވޭ












