އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ބަހުސް މާދަމާއަށް އެޖެންޑާކޮށް، ބަހުސް ރޭގަނޑާ ހަމައަށް ކުރިއަށްދާނެ ކަމަށް މަޖިލީހުގެ ރިޔާސަތުން އިއުލާނުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ 2023އަށް ހުށަހަޅާފައިވާ ބަޖެޓަށް ބަހުސްކުރުން މާދަމާ ފެށިގެންދާނެ ކަމަށެވެ.
އީވާ ވިދާޅުވީ އަންނަ އަންގާރަ، ބުދަ އަދި ބުރާސްފަތި ދުވަހު ބަޖެޓަށް ބަހުސްކުރަން ނިންމާފައިވާއިރު، އެ ތިން ދުވަހުގެ ޖަލްސާ ރޭގަނޑު 10:00 އާ ހަމައަށް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ.
"އެކަމަކު ބުރާސްފަތި ދުވަހުގެ ރޭގަނޑު 10:00 އަށް ވެސް ބަހުސް ނުނިމެންޏާ ޖަލްސާ ހަމަ ކުރިއަށް ގެންދާނީ،" އީވާ ވިދާޅުވި އެވެ.
އެހެންކަމުން ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ބަހުސް ކުރުމުގެ ފުރުސަތަށް އެދުމަށް އީވާ ވަނީ މެމްބަރުންގެ އަރިހުން އެދިވަޑައިގެންފަ އެވެ.

އަދި އެ ތިން ދުވަހު ވެސް ބަހުސް ކުރިއަށް ގެންދާނީ، ފުރުސަތަށް އެދޭ މެމްބަރުން އެ ވަގުތު ތަޅުމުގައި ތިއްބަވާނަމަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެހެން އަހަރުތަކެކޭ އެއް ގޮތަށް މި އަހަރު ވެސް ބަޖެޓަށް ބަހުސް ކުރުމަށް ކޮންމެ މެމްބަރަކަށް ގިނަވެގެން 15 މިނެޓުގެ ވަގުތެއް ވަނީ ކަނޑައަޅައިފަ އެވެ.
ބަޖެޓު 2023 ކުރުކޮށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.












