އިދާރީ ބަދަލެއް ކަމަށް ބުނެ އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލްގެ މަގާމުގައި ހުންނެވި މުހައްމަދު ޝުޖާއު ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) އަށް ބަދަލުކުރުމުން އެ ސްކޫލުގެ ބެލެނިވެރިން މިރޭ އިހުތިޖާޖެއްކޮށްފި އެވެ.
އަރަބިއްޔާ ސްކޫލު މިހާރު ހިންގާ އިމާރާތް ކުރިމައްޗަށް އެއްވެ ބެލެނިވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނީ، ސަރުކާރުން އަރަބިއްޔާ ސްކޫލާމެދު "ބޭނުންގޮތެއް" ހަދަމުންދާ ކަމަށް ބުނެ އެވެ. އަދި އެ ސްކޫލުގެ ޕްރިންސިޕަލް "ވަކިކުރުމާ" ދެކޮޅަށެވެ.
އަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލުގެ މަގާމުގައި ހުންނެވި ޝުޖާއު އެންއައިއީ އަށް ބަދަލުކުރުމާއެކު، އެ ސްކޫލު ވަގުތީ ގޮތުން ހިންގާ ހަވާލުކޮށްފައި ވަނީ އިސްކަންދަރު ސްކޫލުގެ ޕްރިންސިޕަލާ އެވެ.
ޝުޖާއު މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓު ސެކްރެޓަރީ އަހްމަދު އަލީ "އަދަދު" ނޫހަށް ވިދާޅުވީ އޭނާ މަގާމުން ވަކިކޮށްފައިވާ ކަމަށް ބުނެ ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި، އޭނާ އެންއައިއީއަށް ބަދަލުކޮށްފައި ވަނީ ވެސް ޕްރިންސިޕަލެއްގެ މަގާމުގައި ކަމަށް ވެސް ވިދާޅުވި އެވެ.
ޝުޖާއު މަގާމުން ވަކިކޮށްފައިވަނީ އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ކުރިއަށްގެންދާ "ސޭވް އަރަބިއްޔާ" ކެމްޕޭން ނުހުއްޓުވައި ބެލެނިވެރިންނާ އެކު އޭނާ ހުންނެވުމުން ކަމަށް ވެސް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ. އެހެން ނަމަވެސް، އޭނާ އެންއައިއީއަށް ބަދަލުކުރީ އެ ކެމްޕޭނާ ގުޅިގެން ނޫން ކަމަށް އެޑިއުކޭޝަންގެ ޕާމަނަންޓު ސެކްރެޓަރީ މި ނޫހާ ވާހަކަ ދައްކަވަމުން ވިދާޅުވި އެވެ.













