މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށާއި، އެ ބަދަލުތަކަށް ހޭނުމުގެ ދާއިރާއިން ކުރިއަށް ދިއުމުގެ ގޮތުންނާއި ގައުމީ ތަރައްގީގެ ސިޔާސަތުތައް އެކުލަވާލުމަށް ޑްރޯން ޓެކްނޮލޮޖީތައް ބޭނުންކުރުން މުހިންމު ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
ދިރާގު، އައްޑޫ ސިޓީ ކައުންސިލް، އަދި ޔޫއެންޑީޕީގެ ފަރާތުން އިންތިޒާމުކޮށްފައިވާ "ޑްރޯން ފޮ ރެޒެލިއަންސް" ހަވާލުކުރުމުގެ ރަސްމިއްޔާތު ވަނީ މިއަދު ބާއްވައިފަ އެވެ.
އެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެން ޝައުނާ ވިދާޅުވީ މޫސުމީ ބަދަލުތަކުން އަރައިގަތުމާއި އެޑެޕްޓޭޝަންގެ ދާއިރާއިން ކުރި ހޯދުމަށް، ޑްރޯނާއި އާޓިފިޝަލް ޓެކްނޮލޮޖީގެ ފުރުސަތުތައް ބޮޑު ކަމަށެވެ.
އެ ޑޭޓާއަކީ ހަމައެކަނި ސަރުކާރަށް ލިބެން ޖެހޭ ޑޭޓާއަކަށް ވުމުގެ ބަދަލުގައި އާންމުންނަށް ވެސް ލިބިދޭ ގޮތަށް އޯޕަން ޑޭޓާއެއް ގޮތުގައި އޮތުން މުހިންމު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގެ ތެރެއިން ޑޭޓާ ޕްރޮޑަކްޓްތަކާއި އިމޭޖިން ޑްރޯންތައް ވަނީ އައްޑޫ ސިޓީ ކައުންސިލާ ހަވާލުކޮށްފަ އެވެ.












