އަންނަ އަހަރުން ފެށިގެން ތެލުގެ ސަބްސިޑީ ދެމުންދާ އުސޫލަށް ބަދަލު ގެނައުމުން، ސަރުކާރުގެ އޮފީސްތަކުގެ ކަރަންޓު ހަރަދު މި އަހަރާ އަޅާބަލާއިރު، 135 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކޮށްފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓުގައި ހަރަދުގެ ގޮތުގައި 40.5 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެ ތެރެއިން، 28.6 ބިލިއަން ރުފިޔާ ނުވަތަ ޖުމްލަ ހަރަދުގެ 67 ޕަސަންޓަކީ ރިކަރަންޓު ހަރަދެވެ.
ސަރުކާރުގެ ރިކަރަންޓު ހަރަދުތަކުގެ ތެރެއިން، ފާއިތުވި ތިން އަހަރުވެސް އެވްރެޖު ގޮތެއްގައި 6.7 ޕަސަންޓު ހިއްސާކުރަނީ އޮފީސް ހިންގުމުގެ ހަރަދުތައް ކަމަށް ފިނޭންސުން ބުނެ އެވެ. މި ހަރަދުތަކުގެ ތެރޭގައި ހިމެނެނީ ދައުލަތުގެ އިދާރާތައް ހުއްޓުމެއްނެތި، ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ބަޖެޓުކުރެވޭ ހިދުމަތާއި ތަކެއްޗެވެ.

އޮފީސް ހިންގުމުގެ ހަރަދުން ބޮޑު ހިއްސާއެއް ހަރަދުކުރެވެނީ ޔުޓިލިޓީ ހިދުމަތަށް ކުރެވޭ ހަރަދަށް ކަމަށްވާއިރު، ހަރަދު ކުޑަކުރުމަށް އަޅައިފައިވާ ފިޔަވަޅުތަކާއެކު، ކަރަންޓް، ފެން އަދި އިންޓަނެޓުގެ ހިދުމަތްތަކަށް ކުރެވޭ ހޭދަ ފާއިތުވި ދެ އަހަރުވެސް އެއްމިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.
ނަމަވެސް، މިއަހަރުގެ ނިޔަލަށް ކަރަންޓު ޚަރަދުގެ ގޮތުގައި 475.5 މިލިއަން ރުފިޔާ ހަރަދުވާނެކަން އަންދާޒާކުރެވުނު ނަމަވެސް، އަންނަ އަހަރު މި އަދަދު 610.9 މިލިއަން ރުފިޔާއަށް އިތުރުވާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.
"މިއީ ފިއުލް ސަބްސިޑީ މުރާޖައާކުރުމުގެ ސަބަބުން ސަރުކާރުގެ މުއައްސަސާތަކުގެ ކަރަންޓު ބިލު އިތުރުވާނެކަމަށް ބެލެވޭތީ އިތުރުވާ އިތުރުވުމެކެވެ،" ފިނޭންސުން ބުންޏެވެ.
ތެލުގެ ސަބްސިޑީ ޑައިރެކްޓު ސަބްސިޑީއަކަށް
އަންނަ އަހަރުން ފެށިގެން ސަރުކާރުން ދެމުންދާ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީން ކަމަށް ފިނޭންސުން ބުނެ އެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފިއުލް ސަބްސިޑީއަށް ކުރާ ހަރަދު އިންތިހާއަށް ބޮޑުވެގެން ދިއުމުން ފިއުލް ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.
"ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުން މިހާރު މިދޭ އުސޫލޫން ސަބްސިޑީ ދިނުމަށްވުރެ ހަރަދު ކުޑަވާނެކަމަށް ލަފާކުރެވޭ،" ފިނޭންސުން ބުންޏެވެ.
މިގޮތުން، ތެލުގެ ސަބްސިޑީއަށް ގެންނަ ބަދަލުން، އަންނަ އަހަރު ގާތްގަނޑަކަށް އެއް ބިލިއަނެއްހާ ރުފިޔާ ހަރަދުން ސަލާމަތް ކުރެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ނަމަވެސް، ތެލުގެ ސަބްސިޑީ ދިނުމުގެ އުސޫލު ބަދަލުކުރާ ގޮތެއް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
ބަޖެޓު 2023 ކުރުކޮށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.













