ސަރުކާރުން މިހާރު ދެމުންދާ ސަބްސިޑީތަކުގެ އިތުރުން އަންނަ އަހަރުން ފެށިގެން ނަރުދަމާގެ ހިދުމަތާއި މަސްވެރިންނަށް ސަބްސިޑީ ދޭން ފަށަން، 2023 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި ހިމަނައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޖުމްލަ 42.608 ބިލިއަން ރުފިޔާގެ ބަޖެޓުގައި އިޖުތިމާއީ ރައްކާތެރިކަމަށް 3.91 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ނަރުދަމާގެ ހިދުމަތުގެ ސަބްސިޑީއަކީ ފެނަކަ ކޯޕަރޭޝަނުން ނަރުދަމާގެ ހިދުމަތްދޭ ރަށްރަށުގައި މި ހިދުމަތަކީ މިހާރު އަގުނުނެގޭ ހިދުމަތަކަށްވުމުން މި ހިދުމަތް ފޯރުކޮށްދިނުމަށްދެވޭ ސަބްސިޑީއެކެވެ.
އަދި މަސްވެރިންނަށްދޭ ސަބްސިޑީއަކީ މާކެޓް ރޭޓަށްވުރެ އަގު ބޮޑުކޮށް މަސްވެރިންގެ އަތުން މަސްގަތުމުގެ ސަބަބުން މިފްކޯއަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީއެއް ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.
އެ ނިންމުން އިތުރަށް ތަފްސީލުކޮށް ދެމުން ފިނޭންސުން ބުނީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި ހަރަދުކުރެވޭ ގިނަ ސަބްސިޑީތަކަކީ ސަރުކާރުން ހިއްސާވާ ކުންފުނިތަކުން ސަރުކާރުގެ ސިޔާސަތުތަކުގެ ތެރެއިން މާކެޓްރޭޓަށްވުރެ އަގުހެޔޮކޮށް ހިދުމަތްތަށް ދިނުމުން އެ ކުންފުނިތަކަށް ލިބޭ ގެއްލުމުގެ ބަދަލުގައިދޭ ސަބްސިޑީތައް ކަމަށެވެ.

މިގޮތުން، ފާއިތުވި އަހަރުތަކުގައި މި ކުންފުނިތަކުން ދޭ ހިދުމަތްތަކުން ލިބޭ ގެއްލުމުގެ ބަދަލު ދީފައިވަނީ ކެޕިޓަލް ކޮންޓިބިއުޝަން ނުވަތަ އެހެނިހެން ގޮތްގޮތުންދޭ ކޭޝްފްލޯ އެހީގެ ގޮތުގަ އެވެ.
"..ނަމަވެސް، މި ފަދަ އެހީތައް ސަބްސިޑީގެ ގޮތުގައި ރެކޯޑްކުރުމަކީ ހިސާބުތަކުގެ ސައްހަކަމާއި، އެހީދެވޭ ކަންކަން ސާފުވާނެ ކަމަކަށްވާތީ، 2023 ވަނަ އަހަރުން ފެށިގެން މިފަދަ ހަރަދުތައް ރިކޯޑުކުރެވިފައިވާނީ އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގަ އެވެ،" އަލަށް ތައާރަފުކުރާ ދެ ސަބްސިޑީ ވެސް އެ ބައިގައި ހިމެނޭނެ ކަން ފިނޭންސުން ފާހަގަކޮށްފައިވެ އެވެ.
އިންޑައިރެކްޓް ސަބްސިޑީގެ ގޮތުގައި 2022 ވަނަ އަހަރުގެ ނިޔަލަށް ހަތް ބާވަތުގެ ސަބްސިޑީއަކަށް ދައުލަތުން ދަނީ ހަރަދުކުރަމުންނެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި، ތެލާއި ކަރަންޓުގެ އިތުރުން ޓްރާންސްޕޯޓު ވެސް ހިމެނެ އެވެ.
އާސަންދައިގެ އިސްރާފު ކުޑަކުރުން
އަންނަ އަހަރު އިތުރު ދެ ސަބްސިޑީއެއް ދޭން ނިންމާފައިވީ ނަމަވެސް، ސަރުކާރުން ދޭ އެހީ، އިޝްތިރާކާއި ސަބްސިޑީ 2023 ނިސްބަތުން ދަށްވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މީގެ އެއް ސަބަބަކީ ފިނޭންސުން ބުނި ގޮތުގައި އާސަންދަ ނިޒާމުގެ ތެރެއިން ހިނގާ އިސްރާފު ކުޑަކޮށް، ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަން ނިންމާފައިވާތީ އެވެ.
މިގޮތުން އާސަންދަ ނިޒާމުގެ ތެރެއިން ބޭސް ކަވަރުކުރާ އަގު ނުވަތަ އާސަންދައިގެ ބޭސްލައިން އަގުތައް ބާޒާރުގެ އަގުތަކާ ހިދުމަތް ދިނުމުގައި ހިނގާ ހަރަދުތަކަށް ރިއާޔަތްކޮށް މުރާޖައާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ބުންޏެވެ.
"އަދި ބޭހާއި މެޑިކަލް ކޮންސިއުމަބަލްގެ އަގުތައް އެކަށީގެންވާ މިންވަރަކަށް ތިރިކުރުމަށް ބާރުއެޅުމުގެ ގޮތުން ބޭރު ގައުމެއްގެ ސިއްހީ ހިދުމަތްތަކާ ގުޅޭ މުއައްސަސާއަކާ ގުޅިގެން މިތަކެތީގެ ބަލްކް ޕްރޮކިއުމަންޓް ތަންފީޒުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ،" މިނިސްޓްރީން ބުނެފައިވެ އެވެ.
ފިނޭންސުން އިތުރަށް ބުނެފައިވަނީ މި ކަންކަން މިއަހަރު ތަންފީޒު ނުކުރެވުމާއެކު އާސަންދަ ނިޒާމުގެ ހަރަދަށް 1.63 ބިލިއަން ރުފިޔާ ހަރަދުވާނެކަމަށް ބެލެވުނު ނަމަވެސް، އަންނަ އަހަރު މި އަދަދު 1.045 ބިލިއަން ރުފިޔާއަށް ކުޑަކުރެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެ އިތުރުން، އަންނަ އަހަރުން ފެށިގެން މި ބައިގައި ހިމެނޭ ސަބްސިޑީތަކުގެ ތެރެއިން އެންމެ ބޮޑު ބަދަލެއް ފެނިގެންދާނީ ފިއުލް ސަބްސިޑީ އާއި ޓްރާންސްޕޯޓް ސަބްސިޑީން ކަމަށް ފިނޭންސުން ބުނެފައިވެ އެވެ.
މިގޮތުން، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ފިއުލް ސަބްސިޑީއަށް ކުރާ ހަރަދު އިންތިހާއަށް ބޮޑުވެގެން ދިއުމުން ފިއުލް ސަބްސިޑީ ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ކަން ފާހަގަކޮށްފައިވެ އެވެ.
"ޑައިރެކްޓް ސަބްސިޑީއަކަށް ބަދަލުކުރުމުން މިހާރު މިދޭ އުސޫލޫން ސަބްސިޑީ ދިނުމަށްވުރެ ހަރަދު ކުޑަވާނެކަމަށް ލަފާކުރެވޭ،" ފިނޭންސުން ބުންޏެވެ.
މީގެ އިތުރުން، ފިނޭންސުން ބުނި ގޮތުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް ފުޅާވެގެން ދިއުމުން ޓްރާންސްޕޯޓް ސަބްސިޑީއަށް ކުރާ ހަރަދު މެދުރާސްތާގައި އިތުރު ވާނެކަމަށް ލަފާކުރެވެ އެވެ.
ބަޖެޓު 2023 ކުރުކޮށް
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުރުގެ ފަހު އަހަރަށް ހުށަހަޅާފައިމިވަނީ 42.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
ބަޖެޓުގެ 40.557 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭއިރު އޭގެ ތެރެއިން އެންމެ ގިނަ ބޮޑު ބައެއް ހިއްސާކުރަނީ މުވައްޒަފުންގެ މުސާރަ ހަރަދެވެ. އެގޮތުން، ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ އަހަރު ބޮޑުކުރުމަށް ނިންމައި، އެކަމަށް 493.2 މިލިއަން ރުފިޔާ ވަނީ ހިމަނާފަ އެވެ.
ސަބްސިޑީ ސިޔާސަތަށް ގެންނަ ބަދަލާ އެކު އާސަންދައަށް ކުރާ އިސްރާފާއި ދައުލަތުން ދޭ އެހެން ސަބްސިޑީތަކުން ސަލާމަތްކުރެވޭ ފައިސާއާ އެކު ހަރަދުތައް ކުޑަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އެއާ އެކު، ރައީސްގެ ވައުދުތައް ފުއްދުމަށް ކުރިއަށްގެންދާ ޕީއެސްއައިޕީ މަޝްރޫއުތަކަށް 8.427 ބިލިއަން ރުފިޔާ ދާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ.
ހިލޭ އެހީ ހިމެނޭހެން 2023 ގައި 32.098 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. ޓެކްސް ރޭޓުތައް ބޮޑުކުރުމާ އެކު އަންނަ ބަދަލުތަކުގެ ސަބަބުން 3.6 ބިލިއަނުގެ އާމްދަނީ އިތުރުވާނެ ކަމަށް ބެލެވެ އެވެ. އެގޮތުން، ޓެކްސް އާމްދަނީގެ ގޮތުގައި އަންނަ އަހަރު 23.539 ބިލިއަން ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި، އެހެނިހެން އާމްދަނީގެ ގޮތުގައި 6.352 ބިލިއަން ލިބޭނެ ކަމަށް ބެލެވެ އެވެ.













