"މިއީ ކެރުންތެރި ކަމެއް ނެތް، ފިނޑި ސަރުކާރެއް" ކަމަށާއި މުޒާހަރާ ކުރުމަށާއި ހިޔާލާއި ޝުއޫރު ފާޅުކުރަން ފުރުސަތު ދީ "ސަރުކާރު ފިރިހެން ވާންޖެހޭ" ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނެރުއްވި ގަރާރަށް އިޝާރާތް ކުރައްވައި ޔާމީން ވިދާޅުވީ އެއްވެ ޝުއޫރު ފާޅުކުރުމުގެ މިނިވަންކަން ދިނުމުގެ ހިތްވަރެއް ސަރުކާރުގައި ނެތް ކަމަށާއި، ހައްގުތައް ފިތްތުމަށް ބާރުގެ ބޭނުން ކުރަމުން ދަނީ ވެރިކަން ދެމެހެއްޓުމުގެ ބޭނުމުގައި ކަމަށެވެ.
"މި ސަރުކާރުގައި އެވަރުގެ އުރަތްޕެއް، އެވަރުގެ ތާއިދެއް، ހިތްވަރެއް ނެތްކަން މީހުންނަށް އެނގޭ. އެހެން ނަމަވެސް މި ސަރުކާރު އެބަ ދަމަހައްޓަންޖެހޭ. މި ސަރުކާރު ދަމަހައްޓަންޖެހޭތީ މިކަންކަން މި ކުރަނީ،" ހއ. ވަށަފަރުގައި އިއްޔެ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވި އެވެ.
ހިޔާލުފާޅުކުރުމުގެ ހައްގާއި މިނިވަންކަމަކީ ޑިމޮކްރަސީގެ މާކުރިން ލިބިފައި އޮތް، ﷲ ދެއްވި ނިއުމަތެއް ކަމަށާއި އެކަމަށް ހުރަސް އެޅިގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮންނަން ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ލިބިފައި އޮތް މިންވަރަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު ނުވާ ކޮންމެ ވާހަކައެއް ދެއްކުމުގެ އިމްތިޔާޒު މެމްބަރުންނަށް ލިބެ އެވެ.

ހިޔާލުފާޅުކުރުމަށާއި ސިޔާސީ ވާހަކަ ދައްކައި އެ ވާހަކަ ވިއްކުމަށް އެމްޑީޕީން އެދޭ ފަދައިން، އެހެން ރައްޔިތުންނަށް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. ސިޔާސީ މަސައްކަތް ކުރެވޭނީ އެ ފުރުސަތު އޮވެގެން ކަމަށާއި އެ މަނިކުފާނުގެ ވެރިކަމުގައި އެ ފުރުސަތު އޮތް ކަމަށް ފާހަގަ ކުރެއްވި އެވެ.
ރައީސް ޔާމީން ވެރިކަމުގައި ހުރިއިރު ސިޔާސީ ވާހަކަ، އެ ނޫން ވާހަކަ ދައްކާނެ މިންވަރަކަށް، ދައްކާނެ ހިޔާލަކަށް، ދައްކާނެ ރާގަކަށް، ދައްކާނެ ދިގުމިނެއްގައި ދައްކަން ފުރުސަތު ދީފައި އޮތީ،"
ޔާމީން މިހެން ވިދާޅުވި ނަމަވެސް، މުޒާހަރާކުރުން ހަނިކޮށް، ކުރިން ހުއްދަ ހޯދުމަކާ ނުލައި މާލޭގެ ކާނިވާ ނޫން ސަރަހައްދަކަށް އެއްވުން މަނާ ކުރީ އެ މަނިކުފާނުގެ ވެރިކަމުގަ އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ހަނިކޮށް އެ ގާނޫނަށް ގެނައި އިސްލާހު މިއަދާ ހަމައަށްވެސް އުވާލާފައެއް ނުވެ އެވެ.
ޔާމީން ވިދާޅުވި ގޮތުގައި، ރަނގަޅު މަގުސަދުގައި ރަނގަޅު ނިޔަތުގައި ހުރި ބައެއް ގާނޫނުތައް ބޭނުން ކުރަމުން ދަނީ ނާޖާއިޒު ގޮތުގަ އެވެ. އެގޮތުން އެ މަނިކުފާނު ފާހަގަ ކުރެއްވީ، މުއްދަތެއް ނެތި މީހުން ބަންދުކުރުމާއި ހެކި ނައްތާލަފާނެ ކަމަށް ޝަރީއަތް ނިމެންދެން ބަންދުކުރެވޭ ގޮތަށް ދީފައިވާ އޮތް ބާރަށެވެ.
ގާނޫނުގައި ރަނގަޅު ނިޔަތުގައި ލިޔެފައި ހުރި މިފަދަ މާއްދާތައް ބޭނުން ކުރަމުން ދަނީ ނާޖާއިޒު ގޮތުގައި، ރައްޔިތުންގެ ހައްގު ހިފެހެއްޓުމަށް ކަމަށާއި ހެކި ނައްތާލަފާނެއޭ ބުނެ މީހަކު ހައްޔަރުކުރަން ނުޖެހޭ ކަމަށާއި ހެކި ހޯދުމަކީ ތަހުގީގުކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މި ވާހަކަ އެކި ގޮތްގޮތަށް ތަކުރާރުވާ ގޮތަށް ދެއްކެވުމަށް ފަހު ޔާމީން ވިދާޅުވީ އެ މަނިކުފާނު އިންތިޒާރުކުރި ޝަރުއީ ނިޒާމު މިހާރު ފުނޑިގެން ގޮސްފައިވާ ކަމަށެވެ. ރައްޔިތުންގެ ހައްގުތައް ހިފެހެއްޓޭ މައްސަލަތައް ބަލަމުން ދަނީ ކިޔޫ ނަންބަރު ޖެހޭ އުސޫލުން ކަމަށާއި, ނަމަވެސް ސިޔާސީ މީހެއްގެ މައްސަލަ ވައްދައިފި ނަމަ "ދެފައި އެއްތާ ނުޖަހައި" އަވަހަށް ނިންމާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.













