އެސްޓީއޯ އިން ކުރިއަށް ގެންދާ ހެއްޔާ މަކިޓާ ޕުރޮމޯޝަން އާއި ގުޅުވައިގެން ބާއްވާ "ހެއްޔާ މަކިޓާ މުބާރާތް 2022" ފަށައިފި އެވެ.
އެއްމަސް ދުވަހަށް ކުރިއަށް ގެންދާ މި މުބާރާތުގައި މަކިޓާ ޓޫލްސް ބޭނުންކޮށްގެން ފަރުމާކުރާ ތަކެތި ބައިވެރިކުރެވޭނެ އެވެ.
އެސްޓީއޯ އިން ބުނެފައިވަނީ މި މުބާރާތް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ވަޑާމުގެ މަސައްކަތަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުންދާ މަސައްކަތަކަށް ވެފައި އަދި ވާދަވެރި މާހައުލެއްގައި މަސައްކަތްތައް އެއްފުރާޅެއްގެ ދަށުން ދައްކާލުމުގެ ފުރުސަތު މަސައްކަތްތެރިންނަށް ދިނުން ކަމަށެވެ.
ހަމައެކަނި ދިވެހިންނަށް ބައިވެރިވެވޭ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އުޅޭ މީހުނަށް ހުޅުވާލާފަ އެވެ. އެގޮތުން މުބާރާތުގައި ބައިވެރިކުރާ ތަކެތި ތައްޔާރުކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ހުރިހާ ބައިވެރިންވެސް ހުށަހަޅަންޖެހެ އެވެ.

އެސްޓީއޯ އިން ލިބެންހުރި މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލްސް -- ފޮޓޯ: އެސްޓީއޯ

ބައިވެރިކުރާ ތަކެތި ވާންވާނީ ކުޑަވެގެން 2 ފޫޓު 4 ފޫޓު އަދި އެންމެ ބޮޑުވެގެން 4 ފޫޓް 5 ފޫޓު ހުންނަ އެއްޗަކަށެވެ. އަދި ބައިވެރި ކުރާ ތަކެއްޗަކީ ބުދު ފަދަ އިސްލާމްދީނާއި ދިވެހި ސަގާފަތުގެ ހުރުމަތް ކެނޑޭފަދަ ތަކެއްޗައް ވެގެން ނުވާނެ ކަމަށްވެސް އެސްޓީއޯއިން ބުނެފައިވެ އެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ފޯމް 23 އޮކްޓޫބަރ 2022 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 10:00 ގެ ކުރިން ހުށަހަޅަންޖެހެ އެވެ. އަދި މުބާރާތުގައި ބައިވެރިކުރާ ތަކެތީގެ ވީޑިއޯ ހުށަހެޅުމުގެ ސުންގަޑިއަކީ 25 ނޮވެމްބަރ 2022 ވާ އަންގާރަ ދުވަހު ހަވީރު 4:00 ގެ ކުރިންނެވެ.
މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 50،000ރ. އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބިގެންދާނެ އެވެ. ދެވަނައަށް ހޮވޭ ފަރާތަކަށް 30،000ރ. އަގުހުރި މަކިޓާ ޓޫލްސް ލިބޭ ވައުޗަރެއް ލިބޭއިރު ތިންވަނައަށް 15،000ރ. ގެ އަގުހުރި އެސްޓީއޯ ޕީޕަލްސް ޗޮއިސް ހޯމް އެންޑް ކިޗަން ޕްރޮޑަކްޓްސް ވައުޗަރެއް ލިބިގެންދާނެ އެވެ.













