ހޭންޑް ބޯޅަ ގައުމީ ޓީމަށް ކުރިން އިރުޝާދު ދިން ބްރަޓިސްލާވް ސްޓޮމެނޮވިޗް އަނެއްކާ ވެސް ގައުމީ ޓީމާ ގުޅިއްޖެ އެވެ.
ސްޓޮމެނޮވިޗް މި ފަހަރު ޓީމާ ގުޅުނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ސާބިއާގެ ކޯޗު، ސްޓޮމެނޮވިޗް މީގެ ކުރިން ގައުމީ ޓީމަށް އިރުޝާދުދީފައިވަނީ 2019 ވަނަ އަހަރުގަ އެވެ. އެ ފަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި އޭނާ ވަނީ ގައުމީ ޓީމަށް އިރުޝާދު ދީފަ އެވެ.
ކޯޗު ސްޓޮމެނޮވިޗް ރާއްޖެ އައިސްފައި މި ވަނީ މާދަމާ ފެށުމަށް ހަމަޖެހިފައިވާ ގައުމީ ހޭންޑް ބޯޅަ މުބާރާތާއި ދިމާކޮށެވެ. މި މުބާރާތުން ފާހަގަކޮށްލެވޭ ކުޅުންތެރިންނާ އެކު ބޮޑު ސްކޮޑެއް އެކުލަވާލައި، ދިގު މުއްދަތެއްގެ ތަމްރީންތަކެއް ކޯޗު ކުރިއަށްގެންދާނެ އެވެ.

ހޭންޑްބޯލް އެސޯސިއޭޝަންގެ އިސް ވެރިންނާ އެކު އާ ކޯޗު ސްޓޮމެނޮވިޗް ގޮވައިގެން.
ގައުމީ ޓީމްގެ ކޯޗަކަށް ސްޓޮމެނޮވިޗް ހަމަޖައްސާފައިމިވަނީ އަންނަ އަހަރުގެ މަޑަގަސްކަރުގައި އޮންނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އާއި 2024 އަށް މިހާރު ފަސްކޮށްފައިވާ ސައުތު އޭޝިއަން ގޭމްސްގައި ރަނގަޅު ނަތީޖާތަކެއް ހޯދުމަށް ކަމަށް ހޭންޑް ބޯލް މޯލްޑިވްސް އިން މައުލޫމާތުދެ އެވެ.
މީގެ ކުރިން، 2019 ގައި ގައުމީ ޓީމަށް އިރުޝާދުދެމުން ކޯޗު ސްޓޮމެނޮވިޗް ބުނީ ރާއްޖޭގެ ކުޅުންތެރިންގެ ހުނަރަށް ބަލާއިރު ތަފާތު މޮޅު ކަމަށެވެ. ފިޒިކަލް ފިޓްނަސް ރަނގަޅުކޮށް ރަނގަޅު ގޭމް ޕްލޭނެއްގެ ދަށުން މަސައްކަތް ކުރެވިއްޖެނަމަ ބައިނަލްއަގްވާމީ މެޑަލް ރާއްޖެ އަށް ހޯދޭނެ ކަމަށް އޭރު ސްޓޮމެނޮވިޗް ގަބޫލުކުރެ އެވެ.
ސްޓޮމެނޮވިޗް އަނެއްކާ ވެސް ގައުމީ ޓީމްގެ ކޯޗަކަށް ހަމަޖެއްސުމުގައި ކުޅިވަރުގެ ވުޒާރާއިން ދެއްވި އެހީތެރިކަން ހޭންޑް ބޯލް މޯލްޑިވްސް އިން ފާހަގަކުރެ އެވެ.












