މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓު ސަރަހައްދުގައި އިއްޔެ ކުރި މުޒާހަރާ ރޫޅާލުމުން މަޖިލީހަށް މިއަދު ހުށަހެޅި ކުއްލި މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ އެ މުޒާހަރާ ފުލުހުން ރޫޅާލާފައިވަނީ ހާލަތާ ނުބައްދަލު ބާރު ބޭނުން ކޮށްގެން ކަމަށް ބުނެފަ އެވެ.
"އިހުތިޖާޖުގައި ބައިވެރިވި ކަނބަލުންގެ ކަރާމާތް ފުލުހުން ނަގާލާފައިވާތީ އާއި، އަދި، މިއީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުންގެ ގާނޫނާ ވެސް ހިލާފު ކަމަކަށް ވާތީއާއި، މުޒާހަރާ ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް އިހްތިޖާޖުގެ ބައިވެރިންނަށް އަނިޔާވާގޮތަށް ފުލުހުންގެ އަމަލު ކޮށްފައިވާތީއާއި، މިފަދަ ކަންކަމަކީ ޑިމޮކްރެސީގެ އަސާސްތަކާއި ހިލާފު،" އެ މައްސަލައިގައި ބުނެފައިވެ އެވެ.
އިހުތިޖާޖުގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފައިވާ 10 މީހުން ދޫކޮށްލުމަށާއި ބައިވެރިވި ކަނބަލުންގެ "ކަރާމާތަށް ގެއްލުން ލިބުނު މައްސަލަ" ތަހުގީގު ކުރުމަށް މި މައްސަލައިގައި ގޮވާލާފައިވެ އެވެ.
މި ކުއްލި މައްސަލަ ބަލައިގަތުމާ މެދު ނެގި ވޯޓުގައި ބަލައިގަންނަން ނުފެންނަ ކަމަށް 23 މެންބަރުން ވޯޓު ދެއްވެވި އެވެ. މައްސަލަ ބަލައިގަންނަން ފެންނަ ކަމަށް ވޯޓު ދެއްވީ އެންމެ އަށް މެންބަރުންނެވެ.

ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ހުއްދަ ނުހޯދައި މާލޭގައި މިހާރު މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަަހައްދުގަ އެވެ. އެ ނޫން ސަރަހައްދުތަކުގައި ބާއްވާ އެއްވުންތައް ފުލުހުން ނުކުމެ ރޫޅާލަ އެވެ.












