ރާއްޖޭގެ ކަނޑުތަކުގެ ދިރާސާތަކެއް ކުރުމަށް ކުރިއަށް ގެންދިޔަ ނެކްޓަން މޯލްޑިވްސް އިން ބޭނުންކުރި މައި އުޅަނދު އޮޑީސީ އަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާތަކެއް ނުދައްކައި އޮތުމުން، ކޯޓު އަމުރަކުން އެެ ބޯޓް ހިފެއްޓި އިރު، އެބޯޓް އޮތީ ނެކްޓަންގެ ޒިންމާއަކު ނޫން ކަމަށް އެ މިޝަނުން މިއަދު ބުނެފި އެވެ.
ނެކްޓަން މޯލްޑިވްސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އޮޑިސީއަކީ އެ މިޝަނުން ޗާޓަރުކޮށްގެން (ކުއްޔަށް ހިފައިގެން) ބޭނުންކުރި އުޅަނދެއް ކަމަށާއި އެ އުޅަނދަށް އެޅި ތެލަށް ދައްކަން ޖެހޭ ފައިސާގެ ބިލުތަކަކީ އުޅަނދުގެ ވެރިފަރާތަށް ރައްދުވާ ބިލުތަކެއް ކަމަށެވެ.
ނެކްޓަންގެ ބަޔާނުގައި ބުނި ގޮތުގައި އޮޑީސީއަށް އެޅި ތެލުގެ ބިލުތަކާއި އެ ބިލުތައް ނުދައްކައިގެން ނެރެފައިވާ ކޯޓު އަމުރު ރައްދުވީ އުޅަނދުގެ ވެރިފަރާތް ކަމަށްވާ އޯޝަން ކޮންޒަވޭޝަން އެކްޕްލޮރޭޝަން އެެންޑް އެޑިއުކޭޝަން ފައުންޑޭޝަން (އޯސީއީއީއެފް) އަށް ކަމަށެވެ.
"...ނެކްޓަން އިކން އެ އުޅނދު ޗާޓަރުކުރި ކުރުން 07 އޮކްޓޯބަރުގައި ވަނީ ނިމިފަ އެވެ. ނެކްޓަން އިން އެއުޅަނދަށް މިހައިތަނަށް ދައްކަން ޖެހޭ ހުރިހާ ފައިސާއެއް [ސްޓޭންޑާޑް ޕޯސްޓް ޗާޓާ އެކްސްޕެންސަސް ފިޔަވައި] ވާނީ ދައްކައިފަ އެވެ.
އެނގިފައިވާ ގޮތުގައި އޮޑިސީއަށް ތެޔޮ އެޅީ ހޯކްސް އިންނެވެ. ތެލުގެ ބިލުތަކަށް ފައިސާ ނުދައްކާތީ އެ އުޅަނދު ރާއްޖޭން މަނާކޮށްދިނުމުގެ އަމުރަކަށް ސިވިލް ކޯޓުގައި އެދުނީ އެކުންފުނިންނެވެ.













