މަސްވެރިންނަށް ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ޕީޕީއެމްއިން މަސްމާރުކޭޓް ސަރަހައްދުގައި ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.
ޕީޕީއެމްގެ އިސްވެރިން ވެސް ހިމެނޭ ގޮތުން މިއަދު ވަނީ ޕީޕީއެމްއަށް ނިސްބަތްވާ ބަޔަކު ވަނީ މަސްމާރުކޭޓް ސަރަހައްދަށް އެއްވެ, އަޑު އުފުލާފަ އެވެ. އެ އެއްވުން ރޫޅާލުމަށްޓަކައި އެތަނަށް ގިނަ އަދަދެއްގެ ފުލުހުން ވެސް ޖަމާވި އެވެ.
އެ އެއްވުމުގެ ތެރޭން 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފަ އެވެ. ނަމަވެސް, މިކަމާ ގުޅިގެން މިހާތަނަށް ފުލުހުން އެއްޗެއް ނުބެނެ އެވެ.

ޕީޕީއެމްއިން މިއަދު މަސްވެރިންގެ ހައްގުގައި ބޭއްވި އެއްވުމުގެ ތެރެއިން - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ގާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ހުއްދަ ނުހޯދައި މާލޭގައި މިހާރު މުޒާހަރާ ކުރެވޭނީ ކާނިވާ ސަރަަހައްދުގަ އެވެ. އެ ނޫން ސަރަހައްދުތަކުގައި ބާއްވާ އެއްވުންތައް ފުލުހުން ނުކުމެ ރޫޅާލަ އެވެ.
ޕީޕީއެމްއިން މިއަދު ބޭއްވި އެއްވުމުގައި މަސްވެރިން ބާނާ މަހަށް ހަމަ އަގު ދިނުމަށް ގޮވާލައި, މަސްވެރި އާއިލާތައް ނިކަމެތިނުކުރުމަށް ސަރުކާރަށް ވަނީ ގޮވާލާފަ އެވެ. އިދިކޮޅުން ތުހުމަތު ކުރާ ގޮތުގައި މަސްވެރިންނަށް ސަރުކާރުންވީ ވައުދުތައް ނުފުއްދަ އެވެ.
އެގޮތުން, މަސްވެރިންނަށް ހަމަ އަގު ހޯދައިދިނުމާއި ޑޮލަރުން ފައިސާ ދިނުމާއި ކަނޑުމަތީގައި މަސްވެރިންނަށް ޕްލެޓުފޯމްތަކެއް އެޅުމަށް މި ސަރުކާރުންވީ ވައުދު ފުއްދާފައެއް ނުވާ ކަމަށް އިދިކޮޅުން ބުނެ އެވެ.












