ޔާމީނާ ދެކޮޅަށް ދައުލަތުގެ އާ ހެކިތަކެއް؛ ނަރީޝްގެ ހާޒިރީ އާއި އީވައިސީގެ ޔައުމިއްޔާތަކެއް

ޔާމީނާ ދެކޮޅަށް ދައުލަތުގެ އާ ހެކިތަކެއް؛ ނަރީޝްގެ ހާޒިރީ އާއި އީވައިސީގެ ޔައުމިއްޔާތަކެއް

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް، ކުރީގެ ސަރުކާރުގެ އިކޮނޮމިކް ޔޫތު ކައުންސިލްގެ ލިޔުންތަކެއް އަދި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްގެ ހާޒިރީ އާ ހެކީގެ ގޮތުގައި ހުށަހަޅަން ދައުލަތުން އެދިއްޖެ އެވެ.

ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ އެއް މުއާމަލާތް ކަމަށް ބުނާ އާރަށުގެ މައްސަލާގައި ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ކުރެ އެވެ.

މިއަދަށް ތާވަލުކުރީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމެވެ. ނަމަވެސް ދައުލަތުންނާއި ދިފާއުން ވެސް ވަނީ އޭގެ ކުރިއަށް ހުށަހެޅުންތަކެއް ހުށަހަޅައިފަ އެވެ. އެއީ އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ފަހު، މިއަދުގެ އަޑުއެހުމުގެ ކުރިއަށް ލިޔުމުން ހުށަހެޅި ހުށަހެޅުންތަކެކެވެ.

އެ ގޮތުން ދައުލަތުން ހުށަހެޅީ އާ ހެކިތަކެއް ހުށަހެޅުމަށެވެ. އޭގެ ތެރޭގައި ޔާމީންގެ ވެރިކަމުގައި ނަރީޝް ވަޒީފާ އަދާކުރި ތަނުގެ ހާޒިރީ އާއި، އޭރުގެ ވަޒީރުންގެ ކެބިނެޓްގެ ކޮމިޓީއެއް ކަމަށްވާ އިކޮނޮމިކް ޔޫތު ކައުންސިލްގެ ޖަލްސާތަކެއްގެ ޔައުމިއްޔާ އެވެ.

ދައުލަތުގެ ވަކީލުން ވިދާޅުވި ގޮތުގައި އެ ހެކިތައް ހުށަހެޅީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ފަހުން ހާމަވާ ހެކިތައް ހުށަހެޅުމަށް އޮންނަ މާއްދާގެ ދަށުންނެވެ.

މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ޔާމީންގެ ފަރާތްޕުޅުން ދިފާއީ ހެކިންގެ މައުލޫމާތު ހާމަކޮށްފައި ނުވާއިރު ކުރިން ހާމަކޮށްފައި ނެތް މައުލމާތުތަކެއް ލިބިފައިވާ ކަމަށް ދައުލަތުން ފާހަގަ ކުރެ އެވެ. އެހެންވެ އާ ހެކިތައް ހުށަހެޅީ އެ މައުލޫމާތުތަކުގެ ސައްހަކަން އޮތް ވަރު ސާފު ކުރުމަށް ކަމަށް ދައުލަތުން ބުންޏެވެ.

މިކަމަށް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް ވަނީ އިއުތިރާޒުކޮށްފަ އެވެ.

ޔާމީންގެ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އޭގައި ފަހުން ހާމަވެފައިވާ ހެއްކެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި ދައުލަތުން ހުށަހެޅި ހެކިތަކަކީ އޭގެ ޒާތުގައި ދައުވާ ފޯމާއެކު ދައުލަތުން ހުށަހަޅަން ޖެހޭ ހެކިތަކެއް ކަމަށް ޖަމީލު ވިދާޅުވި އެވެ.

ޔޫސުފް ނައީމްގެ ވަކީލު ހަމްޒާ ލަތީފް ވެސް ފާހަގަ ކުރެއްވީ އެ ނުކުތާ އެވެ. އޭނާ ވިދާޅުވީ ދައުވާކުރިއިރު ވެސް ދައުލަތަށް ހުށަހެޅޭނެ ހެކިތަކެއް މާ ފަހުން ހުށަހެޅިދާނެ ކަމަށް ގަބޫލުކުރެވުމަކީ އެ ފުރުސަތު ދެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

މައްސަލައާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ އާ ހެކިތައް ބަލައިގަތުމާ މެދު ދެން އޮންނަ އަޑުއެހުމުގައި ގޮތެއް ނިންމާނެ ކަމަށެވެ. އަދި އެ އަޑުއެހުން މި އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ތާވަލުކުރާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އަދި އެ އަޑުއެހުމަށް ގާޒީ ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ތައްޔާރުވެގެން އައުމަށް ގާޒީ އެންގެވި އެވެ.

ދިފާއުން އެދިފައިވަނީ 13 ހެކިން ދީފައިވާ ހެކިބަހުގެ ލިޔެކިއުން ދޫކޮށްދިނުމަށެވެ. އެއީ ހެކިންގެ ބަޔާންތަކެއް ނުވަތަ އޭގެ ރެކޯޑިން ލިބިފައި ނެތް ކަމަށެވެ އެ ޝަރީއަތް ޔޫޓިއުބް މެދުވެރިކޮށް ލައިވް ކުރިޔަސް، ޔޫޓިއުބަކީ ރަސްމީ އެއްޗެއް ނޫން ކަމަށް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ގާޒީ ވިދާޅުވީ، ދިފާއުން އެދިފައިވާ ހައްގެއް ދޭން ޖެހޭނަމަ ދޭނެ ކަމުގެ ޔަގީން ކަން ދެއްވާ ކަމަށެވެ. އަދި އިޖުރާއަތާ ހިލާފު އެއްވެސް ކަމެއް ޝަރީއަތުގައި ނުހިންގަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox