ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި މިހާރު ކުރިއަށްދާ ކަނޑުގެ ދިރާސާގެ ތެރެއިން އިއްޔެ ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ބައިވެރިވެ ލެއްވި ޑައިވްގައި ކަނޑުގެ ސަތަހައިގެ 270 މީޓަރު އަޑިންވެސް ކުނި ފެނިފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވެއްޖެ އެވެ.
އިނގިރޭސިވިލާތުގެ ނެކްޓަން އިން ރާއްޖޭގެ ކަނޑު އަޑީގެ ދިރާސާގައި ބައިވެރިވެލައްވާ ކުރެއްވި ޑައިވްގެ ތަޖުރިބާ "އަދަދު" އަށް ހިއްސާ ކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ ޑައިވްގެ އެކި ހިސާބުން އެކި ޒާތުގެ ކުނިބުނި ފެނިވަޑައިގެންނެވި ކަމަށެވެ.
"ގާތް ގަނޑަކަށް 250 މީޓަރު އަޑިން ފެނުނީ ނެސްލޭ ކޮފީ ދަޅެއް. އޭގެ ކުރިން 120 ވަރަކަށް މީޓަރު އަޑިން ފެނުނު ނާޝިތަކެއް ވެސް. ފޮއިލް، ގޯނި އަދި ޕްލާސްޓިކް ވެސް ފެނުނު," އިއްޔެގެ ޑައިވްގައި ފެނުނު ބައެއް މަންޒަރު ސިފަކޮށްދެއްވަމުން ޝައުނާ ވިދާޅުވި އެވެ.
ޑައިވްގައި ފެނިލެއްވި ކޮފީ ދަޅުގެ ފޮޓޯ ވެސް މިނިސްޓަރު ވަނީ ޓުވިޓާގައި ހިއްސާކުރައްވާފަ އެވެ.

ނެކްޓަންގެ އޮމެގާ ސީމާސްޓާ ސަބްމާސިބަލްގައި ކަނޑުގެ އަޑިއަށް ފީނައި ފެނުނު މަންޒަރުތައް ހިއްސާކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ ސަރަހައްދުން ފެނިވަޑައިގެންނެވީ އާންމުކޮށް ރާއްޖޭގެ ފަރުތަކަށް ފީނައިގެން ފެންނަ މަންޒަރުތަކާއި އަޅާ ބަލާއިރު މުޅިން ތަފާތު މަންޒަރެއް ކަމަށެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އެންމެ އަޑިއަށް ފީނެނީ 30 މީޓަރުގެ ފުންމިނަކަށެވެ. އޭގެ އެތަށް ގުނައެއް އަޑިން ފެނިގެން ގޮސްފައިވަނީ ގަލުގެ ތަފާތު ސްޓަރަކްޗާތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝައުނާ އަދި ނެކްޓަން ދިރާސާގެ ޓީމުން ކަނޑުގެ އަޑީގައި
ކަނޑުގެ އެހާ ފުނުން ކުނި ފެނުމާއި ގުޅިގެން މިނިސްޓަރު ވިދާޅުވީ އެއީ ރާއްޖޭގައި އެކަށޭނަ ގޮތެއްގައި ކުނި ނައްތާލުމުގެ ނިޒާމެއް ކުރިން އެކުލަވާލެވިފައި ނެތި ޒަމާނުއްސުރެ ކަނޑަށް ކުނި އެޅަމުން ދިޔުމުން ދިމާވާ ކަމެއް ކަމަށެވެ. އަދި ކަނޑަށް ކުނި އެޅުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދާ ރަނގަޅު ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމު ވެގެން ގޮސް އޭގެ ނަތީޖާ ފެނުމަށް އަދި ދުވަސް ނަގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"ކަނޑަށް ކުނި އެޅުމުގެ މައްސަލައަކީ ސަރުކާރުން ސީރިއަސް ކޮށް ބަލާ ކަމެއް. އެގޮތުން މިހާތަނަށް ކަނޑަށް ކުނި އެޅި އެއް ރިސޯޓުގެ އިތުރުން ކ. ތުލުސްދޫގެ ކައުންސިލަށް ވެސް ވަނީ ފިޔަވަޅު އެޅިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
ސަރުކާރުން ކުނީގެ ނިޒާމަށް ގެންނަމުންދާ ބަދަލުތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު އާންމުން ދިރިއުޅޭ ހުރިހާ ސަރަހައްދެއްގައި ވެސް ކުނި އުކާލާއިރު އެކި ބައިތައް ވަކިކޮށްގެން ނެރެން އަންގާފައިވާނެ ކަމަށެވެ. ނަމަވެސް އެ އުސޫލަށް ބައެއް ގޭބިސީތަކާއި ރަށްރަށުން އަމަލު ނުކުރާ ކަން ފާހަގަ ކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ އެކަން ކަމަކީ އާންމު ފަރުދުން ޒިންމާ ނަގައިގެން ކުރަންވާނެ މަސައްކަތެއް ކަމަށެވެ.













