އަމީނީ މަގު ހެދުމުގެ މަސައްކަތުގައި ރޯޑްޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނަގާ ފެން ބޭރުކުރުމުގެ ހުއްދަ ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން އެކުންފުންޏަށް ދީފައިވާ ކަމަށް އެ އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އިން މިއަދު ނެރުނު ބަޔާނަކީ ފެންބޭރުކުރުމުގެ މަސައްކަތް އާރްޑީސީން ކުރަމުން ގެންދާ ގޮތާ ގުޅިގެން ނެރުނު ބަޔާނެއް ކަމަށް ބެލެވުނު ނަމަވެސް އެ އޮތޯރިޓީން "އަދަދު" އަށް ބުނި ގޮތުގައި ޑީވޯޓަރިންގެ ހުއްދައަކަށް އާރްޑީސީން އެދުމުން އެ ހުއްދަ ވަނީ ދީފަ އެވެ.
އަމީނީ މަގު ހަދަން ބިމުން ނަގަމުންދާ ފެންތައް އާރްޑީސީން ބޭރުކުރާ ގޮތާ މެދު ބައެއް މީހުން ނުރުހުން ފާޅުކުރީ އެހެން ކުންފުނިތަކުން، އެކަމަށް ބޮޑު ހޭދައެއް ކުރާ އިރު އާރްޑީސީން ފެން ބޭރުކުރަނީ މަޑުހޮޅި ބޭނުންކޮށްގެން ކުޑަ ހަރަދަކުން ކަމަށް ވާތީ އެވެ. އިމާރާތްކުރުމުގެ މަސައްކަތަށް އެހެން ކުންފުނިތަކުން ނަގާ ފެން ބޭރުކުރަމުން ގެންދަނީ ޕީވީސީ ހޮޅި ބޭނުންކޮށްގެން މޫދަށެވެ.
އެކަމަކު އާރްޑީސީން ފެން ބޭރުކުރަމުން އަންނަނީ މަޑު ހޮޅި ބޭނުންކޮށްގެން، މާލޭގެ ސްޓޯމްވޯޓާ ޑްރެއިނޭޖް ސިސްޓަމް ތެރެއިންނެވެ.
ޔޫއާރްއޭގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ، ހުއްދަ ނުނަގައި ޕަމްޕު ހަރުކޮށްގެން ބިމުން ފެން ބޭރު ކުރާ ނަމަ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ ބާރު އެ އޮތޯރިޓީއަށް ލިބޭ ކަމަށާއި އެ ބާރު ބޭނުން ކުރުމަށް ފަސްނުޖެހޭނެ ކަމަށެވެ.

"މި އޮތޯރިޓީގެ ހުއްދައާނުލައި ބިމުންފެންނަގައި ފެންބޭރުކުރުމުގެ މަސައްކަތްކުރަމުންދާނަމަ، އެ މައްސަލަ ބަލައި، ވަކި ފަރާތެއް ތަފާތުކުރުމެއްނެތި ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެކަން އާންމުކޮށް އަންގަން،" އެ ބަޔާނުގައިވެ އެވެ.
ގަވާއިދާ ހިލާފަށް ހުއްދަ ނުހޯދައި ފެން ބޭރު ކުރާ ފަރާތްތަކަށް އެހީތެރިވާ މީހުންނަށް ވެސް އެ އޮތޯރިޓީން ފިޔަވަޅު އަޅަމުންދާނެ ކަމަށް ޔޫއާރްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި ފެން ބޭރު ކުރުމަށް ހުއްދައެއް ދޭ ފަރާތްތައް ވެސް ހިމެނޭނެ ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.












