މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ރާއްޖޭގައި ކުރިއެރުވުމަށް ކުރަމުންދާ އެކި މަސައްކަތްތަކުން ބަދަލު އަންނަމުންދާ ކަމަށާއި، މި އަހަރު ތެރޭގައި އެ ރޮނގުން ގެނެވުނު އެންމެ ބޮޑު އިންގިލާބީ ބަދަލަކީ، "މަހޯލި ޕޯޓަލް" ތައާރަފްވެ، ހިދުމަތްދޭން ފެށުން ކަމަށް އިންފޮމޭޝަން ކޮމިޝަނާ އާހިދު ރަޝީދު ވިދާޅުވެއްޖެ އެވެ.
އިއްޔެ ފާހަގަކުރި، ދުނިޔޭގެ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދުވަހާއި، އެ ދުވަހުގެ ޝިއާރުގެ ގޮތުގައި މިއަހަރު ކަނޑައަޅާފައިވާ "އާޓިފިޝަލް އިންޓެލިޖެންސް، އީ ގަވަނަންސް އެންޑް އެކްސެސް ޓު އިންފޮމޭޝަން" އަށް އަލި އަޅުވާލައި ވާހަކަ ދައްކަވަމުން އާހިދު ވިދާޅުވީ، ހިންގުމުގެ ދާއިރާގައި ޓެކްނޮލޮޖީ ބޭނުންކޮށްގެން މައުލޫމާތު ހާމަކުރުމުގެ ސަގާފަތް ދިރިގެން އައުމަކީ އުންމީދެއް ކަމަށެވެ. އެގޮތުން، މަހޯލި ޕޯޓަލްގެ އިތުރުން، ދައުލަތުގެ އިތުރު އިދާރާތަކުން ހިދުމަތް ދިނުމަށް ބޭނުންކުރާ އެކި ޕޯޓަލްތަކާއި އޭގެ ސަބަބުން ވެސް އާންމުންނަށް އިދާރާތައް ހުޅުވިފައިވާ މިންވަރު ފާހަގަކުރެއްވި އެވެ.
"މައުލޫމާތު ފޯރުކޮށްދިނުމާއި ހިންގުމުގައި ޓެކްނޮލޮޖީގެ ރޯލު ވަރަށް މުހިއްމު. ދައުލަތުގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވަރަށް ހަލުވިކޮށް ޑިޖިޓަލް ކުރަމުންދާތަން ފެނޭ. މިސާލަކަށް މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް، އިކޮނޮމިކް މިނިސްޓްރީގެ ބިޒްނަސް ޕޯޓަލް، މީރާ ވާރުޕޭ ފަދަ ޕޯޓަލްތައް." އާހިދު ވިދާޅުވި އެވެ.
"މި އަހަރުތެރޭގައި އައި އިންގިލާބީ ކުރިއެރުމަކީ ވެސް އީ ގަވާނަންސް ދާއިރާއިން އައި ކުރިއެރުމެއް. އެއީ މި އަހަރު މޭ މަހު އަޅުގަނޑުމެން ތައާރަފްކުރި މަހޯލި ޕޯޓަލް."
މަހޯލި ޕޯޓަލް އަކީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިއެރުވުމަށް އިންފޮމޭޝަން ކޮމިޝަނުން އިސްނަގައިގެން ފެށި ބޮޑު ޕްރޮޖެކްޓެކެވެ. މި ޕޯޓަލް ބޭނުންކުރަންފެށީ މި އަހަރުގެ ތެރޭގައެވެ. އެހެން ނަމަވެސް، މި ޕޯޓަލްގެ މަސައްކަތަކީ، މީގެ ކުރިން އެ ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސައިން ފިޔާޒް މޫސާގެ އިސްނެންގެވުމާއި އިރުޝާދުގެ ދަށުން ފެށި މަސައްކަތެކެވެ.

ދައުލަތުގެ އިދާރާތަކުން މައުލޫމާތު ހޯދުމާއި، މައުލޫތު ހޯދަން ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ދިނުމުގެ ފަސޭހަކަން ދޭ މި ޕޯޓަލް މެދުވެރިކޮށް މިހާރު، ދައުލަތުގެ 240 އަށްވުރެ ގިނަ އިދާރާއަށް މައުލޫމާތު ހޯދުމަށް އެދި ހުށަހެޅޭނެ އެވެ.
"މީގެ ސަބަބުން މައުލޫމާތު ހޯދަން އެދޭ އެދުން ވަރަށް ފަސޭހަވެ، އޮފިސަރުން ވިދާޅުވާގޮތުން ޕޯޓަލް މެދުވެރިކޮށް، މައުލޫމާތު ހޯދުން ވަރަށް ބާރަށް ކުރިއަރަމުން އެބަ ދޭ،" އޭނާ ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގު ކުރިއެރުވުމަށް އެ ކޮމިޝަނުން މިވަގުތު ކުރަމުންދާ އެހެން މަަސައްކަތްތަކާ ބެހޭގޮތުން އޭނާ ވިދާޅުވީ، އެންމެ މުހިއްމު މަސައްކަތަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހެދިފައިވާ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގަވާއިދަށް އިސްލާހު ގެނެސް، އާ އިސްދާރެއް (އެޑިޝަން) ގެޒެޓްކުރުމަށް ކުރާ މަސައްކަތް ކަމަށެވެ. އެ މަސައްކަތް މިހާޜު، ގާތްގަނޑަކަށް ނިމި، ކުރިއަށް އޮތް މަސްދުވަހުގެ ތެރޭގައި ގެޒެޓް ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި ރެގިއުލޭޝަން ޑްރާފްޓް ކޮށްދީފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން. ބައިނަލް އަގުވާމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ވަރަށް ތަޖުރިބާ ހުރި ފަރާތަކުން ޑްރާފްޓަށް ފީޑްބެކް ހޯދުމަށްފަހު ފައިނަލައިޒްކޮށްފައި މި ވަނީ،" އާހިދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިއްރިއްޔާތުގެ ސަގާފަތް މަޑުމަޑުން ހާމަކުރުމުގެ ސަގާފަތަކަށް ބަދަލުކުރުމުގެ ސަގާފަތަކަށް ބަދަލުވުމަށް އުންމީދުކުރައްވާ ކަމަށެވެ. މިހާރު އަންނަމުންދާ ކުރިއެރުންތަކާއެކު އެ ބަދަލު ފެންނާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.











