އަމީނީ މަގުގައި ތާރު އެޅުމުގެ މަސައްކަތް ކުރަމުން އަންނައިރު، ނަގާ ކޮންމެ ގަހެއްގެ ބަދަލުގައި އެ މަގުގައި ގަހެއް އިންދާނެ ކަމަށް މަގު ހަދާ ކުންފުނި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އިން ބުނީ އިއްޔެ އެވެ.
އަމީނީ މަގު ތަރައްގީކުރަން ފެށުމުގެ ކުރިން އެ ކުންފުނިން ވަނީ އެ މަގު މަރާމާތުކުރާނީ އެއްވެސް ގަހަކަށް ގެއްލުން ނުވާނެހެން ތިމާވެއްޓާ ރައްޓެހި ގޮތަކަށް ޕްލޭންކުރެވިގެން ކަމަށް ބުނެފަ އެވެ.
އެހެންނަމަވެސް، އެ މަގުގެ އިރުމަތި ފަރާތުން މަސައްކަތް ފަށާފައިވާއިރު، އެ ހިސާބުގައި ހުރި ގަސްތައް މިހާރު ވަނީ އެއްކޮށް ކޮށާލައިފަ އެވެ.
މިކަމާ ގުޅިގެން "އަދަދު" އިން އިއްޔެ ސުވާލުކުރުމުން އާރްޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) ވިދާޅުވީ މަސައްކަތް ކުރަމުން އަންނަނީ ވީހާ ވެސް ތިމާވެއްޓާ ރައްޓެހި ގޮތަކަށް ކަމަށާއި އެހެންނަމަވެސް މަގުގައި ހުރި ބައެއް ގަސްތައް ނަގަންޖެހޭ ކަމަށެވެ.
"އެކަމަކު މަގުން ނަގާ ގަސްތަކުގެ ބަދަލުގައި މަގު ނިމޭއިރުގައި ކޮންމެ ގަހަކަށް ގަހެއް އިންދިފައި ހުންނާނީ،" މޫކޭ ވިދާޅުވި އެވެ.

އަމީނީ މަގުގެ މަސައްކަތް ކުރަމުން އަންނަނީ ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. މިގޮތުން ތިން ބަޔަކަށް ބަހާލައިގެން ތާރު އަޅަމުން އަންނަނީ ވަކިވަކިންނެވެ.
"މި މަސައްކަތް ފަށައިގެން ރޭގަނޑާ އެކީގައި މިހާރު ހަމަ މަސައްކަތް ކުރަމުން މި އަންނަނީ،" މޫކޭ އިތުރަށް ވިދާޅުވި އެވެ.
އެ މަގުގައި ހުރި ގަސްތައް ކަނޑަމުން އަންނާތީ ގިނަ ބަޔަކު އަންނަނީ އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެކަމާ ގުޅިގެން އާރުޑީސީން ވަނީ ބަޔާނެއް ނެރެ ގަސްތައް ކުޑަގިރިއަށް ބަދަލުކުރަން ހަމަޖެހިފައިވާކަން ހާމަކޮށްފަ އެވެ.
"...މިހާރު އަމީނީ މަގުގައި ހުރި ގަސްތައް ކެނޑުމުގެ ބަދަލުގައި އެގަސްތައް ނެގުމަށް ފަހު މިހާރު ތަރައްގީކުރަމުން އަންނަ ޕިކްނިކް އައިލެންޑް ކުޑަގިރި އަށް އެ ގަސްތައް ބަދަލުކުރެވޭނެ އެވެ. އަދި އަމީނީ މަގުގެ މަސައްކަތް ނިމޭ އިރު، އެމަގުން ނަގާ ގަސްތަކުގެ ބަދަލުގައި ގަސް އިންދެން ހުރި ތަންތަނުގައި ގަސް އިންދާނެ އެވެ،" އާރްޑީސީގެ ބަޔާނުގައި ބުންޏެވެ.
އަމީނީ މަގު ތަރައްގީ ކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެއީ 84 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.
ބައެއް މުހިންމު ހަބަރުތައް
- އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމަށް ހިތްވަރުދެވޭ ގޮތަށް ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ އަބްދުﷲ އަލިމަނިކަކީ އެފަދަ ފިކުރު ގަބޫލުކުރާ ދިވެހިންގެ މެދުގައި އުފެދޭ މައްސަލަތަކުގައި ގާޒީއެއް ގޮތުގައި ވެސް މަސައްކަތް ކުރި މީހެއް ކަމަށް ސިއްރު ހެކިވެރިއަކު ޝަރީއަތުގައި މަޖިލީހުގައި ބުނީ އިއްޔެ އެވެ.
- މިދިޔަ އޯގަސްޓް މަހުގެ ނިލަޔަށް ދައުލަތަށް ދައްކަންޖެހޭ ޓެކްސް އާއި އެ ނޫން ވެސް ފީތަކާއި ޕާމިޓު ދޫކޮށްގެން ދައުލަތުގެ އާމްދަނީގެ ގޮތުގައި 15.2 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރީ އިއްޔެ އެވެ.
- އެގާރަ އަހަރަށް ފަހު ދިވެހި ނޫސްވެރިންގެ ކޯޑް އޮފް އެތިކްސް އިސްލާހުކުރުމުގެ މަސައްކަތް މޯލްޑިވްސް މީޑިއާ ކައުންސިލުން ފަށާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފެށުމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ:
ނޭޝަނަލް ސްޕޭޝަލް ޕްލޭނާ އެއްގޮތަށް، މީހުން ދިރިއުޅޭ ރަށްތަކަށް ސީޕްލޭންގެ ހިދުމަތް ފުޅާކުރުން. އެގޮތުން ނެޝަނަލް ސްޕޭޝަލް ޕްލޭންގެ ދަށުން، ސީޕްލޭންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ރަށްތައް ކަނޑައެޅުނު. [އެއީ] މުލި އަދި މަކުނުދޫ،
ދުވަހުގެ ފޮޓޯ

އަމީނީ މަގުގެ އެއްފަރާތުގައި ހުރި ގަސްތަކެއް ކަނޑާލާފައި. ރޯޑް ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އާރުޑީސީ) އިން ބުނީ ގަސްތައް ބަދަލުކުރަނީ ސަރުކާރުން ތަރައްގީކުރަމުންދާ ކުޑަގިރިއަށް ކަމަށް. އަދި، މަގު ހަދައި ނިމޭއިރު އާ ގަސްތައް އިންދައި ފެހިކުރަން ވަނީ ހަމަޖެހިފައި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު













