ޔޫތު މިނިސްޓްރީން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ޒުވާނުން ތަމްރީނު ކުރުމަށް މިނިސްޓްރީ އާއި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.
ފަންނީ އަދި ގާބިލް މީހުން ތަންރީނު ކުރުމަށް ހިންގާ މި އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އާރްޑީސީން 65 ޒުވާނުން ތަމްރީނު ކުރާނެ އެވެ.
ތަމްރީނު ދޭ ދާއިރާތަކުގެ ތެރޭގައި އިލެކްޓްރިކަލް އިންސުލޭޝަން އެންޑް މެއިންޓެނަންސް، ފްރޮންޓް އޮފީސް، އޮފީސް އެޑްމިނިސްޓްރޭޝަން، ސައިޓް ސުޕަވިޝަން، އިންވެންޓަރީ މެނޭޖުމަންޓް، އޮޓޮމޭޓިވް މެއިންޓެނަންސް، ރެފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން މެކޭނިކް، ކޮމްޕިއުޓާ ހާޑްވޯކް ނެޓްކޯވާއި ވެލްޑިން، ކާޕެންޓްރީ، މޭސެންރީ، ޕްލަމްބިން، ހެވީ ވެހިކަލް އޮޕަރޭޝަންގެ އިތުރުން ޕެއިންޓިން ހިމެނޭ ކަމަށް އާރްޑީސީން ބުންޏެވެ.
ހަ މަސް ދުވަހަށް ކުރިއަށް ގެންދާ މި ޕްރޮގްރާމްގައި ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް ތިނެއްގެ ސެޓްފިކެޓު ލިބޭނެ އެވެ. މި ތަމްރީނުތަކަކީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑާޑްސް" އާ އެއްގޮތަށް ހިންގާ ޕްރޮގްރާމްތަކެކެވެ.
ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ 3000 ޒުވާނުން ތަމްރީނުކޮށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމަށް ޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަދި އަމިއްލަ ކުންފުނިތަކަށް ވެސް ބައިވެރިވެވޭހެން ހިންގާ ގައުމީ ޕްރޮގްރާމެކެވެ.

މިހާތަނަށް 11 ކުންފުންޏަކުން 250 އަށް ވުރެ ގިނަ ޒުވާނުން ވަނީ ތަމްރީނުކޮށްފަ އެވެ.












