އެސްޓީއޯގެ އައިފާން ބިލްޑިން ނުވަތަ މިހާރުގެ ނަމުން ނަމަ އެފްއެސްއެމް ބިލްޑިން އިން ސްޓްރާޑާ ކުންފުންޏަށް ކުއްޔަށް ދީފައިވާ ބްލޮކްގެ ކުލީގެ މައްސަލާގައި އެސްޓީއޯއަށް 1.7 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސްޓްރާޑާއިން ކުއްޔަށް ހިފާފައިވާ އައިފާން ބިލްޑިންގެ G-A ބްލޮކްގެ މައްސަލާގައި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި މިއީ ދެވަނަ ފަހަރެވެ. ފުރަތަމަ ހުށަހެޅި މައްސަލައަކީ އެސްޓީއޯއިން ސްޓްރާޑާއަށް ފޮނުވި އައިފާން ބިލްޑިންގެ G-A ބްލޮކްގެ އެއްބަސްވުން ބާތިލު ކުރުމަށް ފޮނުވި ނޯޓިސްތަކަކީ އެއަށް އަމަލު ނުކުރެވޭނެ ނޯޓިސްތަކެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ސްޓްރާޑާއިން ހުށަހެޅި މައްސަލަ އެކެވެ.
އެ މައްސަލަަ ސިވިލް ކޯޓުން ސްޓްރާޑާއާ އެއްކޮޅަށް ނިންމި ނަމަވެސް، އެ ހުކުމާ އެއްގޮތަށް އަމަލު ނުކުރާތީ އެސްޓީއޯއިން ވަނީ 2019، އޮކްޓޯބަރު 14 ގައި ތަން ހުސްކުރަން އަންގާފަ އެވެ. އަދި އެއްބަސްވުމުގައިވާ ގޮތަށް ކުލި ނުދެއްކުމުން މައާފަށް އެދުމާއެކު އެއްބަސްވުން އުވާނުލައި ދަމަހައްޓަން ނިންމުމުން ޝުކުރު އަދާކޮށް ސްޓްރާޑާއިން ވަނީ އެސްޓީއޯއަށް ސިޓީއެއް ފޮނުވާފަ އެވެ. އެކަންކަމަށް ރިއާޔަތްކޮށް، ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނީ، ކުރީގެ ގަޒިއްޔާއާ ހަވާލާދީ އެއްބަސްވުން ބާތިލުވެފައިވާކަމަށް ކަނޑައެޅެން ނެތް ކަމަށެވެ.
މި މައްސަލާގައި އެސްޓީއޯއިން ވަނީ ތަން ހަވާލުކުރާ ތާރީހާއި ހަމައަށް ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ހޯދުމަށް އެދިފަ އެވެ. އެގޮތުން، 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުއްޔަށްވާ ފައިސާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ވެއެވެ. ކޮވިޑާއެކު 2020 ވަނަ އަހަރުގެ އޭޕްރީލް މަހުން ޑިސެމްބަރަށް ކުލީގެ 50 ޕަސަންޓު މާފުކޮށްދީފައިވުމާއެކު، ކުލީގެ ގޮތުގައި ސްޓްރާޑާއިން ދައްކަން ޖެހޭ ޖުމްލަ އަދަދަކީ 1.6 މިލިއަން (1،666،516.50) ރުފިޔާ އެވެ.
އެސްޓީއޯއިން ވަނީ ތަނުގެ ކުލީގެ އިތުރަށް ޖޫރިމަނާ ފައިސާއާއި، ކަރަންޓާއި ފެން ބިލަށްވާ ފައިސާވެސް ހޯދަން އެދިފަ އެވެ. ނަމަވެސް ކޯޓުން ނިންމީ ޖޫރިމަނާގެ ގޮތުގައި ހޯދަން އެދުނު 252،568.15 ރުފިޔާ ނަގައިދެވެން ނެތް ކަމަށެވެ. އަދި ކަރަންޓު ބިލަށް ނުދެއްކިވާ ޖުމްލަ 80،835.35 ރުފިޔާއާއި ފެން ބިލަށް ނުދެއްކިވާ ޖުމްލަ 7،072.01 ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ސިވިލް ކޯޓުން ވަނީ ޖުމްލަ 1.7 މިލިއަން (1،754،423.86) ރުފިޔާ އެސްޓީއޯ އަށް ދެއްކުމަށް ހުކުމްކޮށްފަ އެވެ. އެގޮތުން، އެ ފައިސާ ތިން މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް އެ ހުކުމުގައި ވެއެވެ.













