ނެޓްފްލިކްސްގެ ޕްލެޓުފޯމުގައި ހުރި އިސްލާމް ދީނާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު ހުރިހާ ކޮންޓެންޓެއް ނެގުމަށް ގަލްފުގެ އަރަބި ގައުމުތަކުން އިންޒާރު ދީފި އެވެ.
ސައުދީ އަރަބިއްޔާ އާއި ގަލްފް ކޯޕޮރޭޝަން ކައުންސިލްގެ މީޑިއާގެ ބެލެނިވެރި އިދާރާއިން ބުނީ ފަހަކަށް އަައިސް ނެޓްފްލިކްސްގައި ހުންނަ ކޮންޓެންޓުގައި ގަވާއިދާ ހިލާފު ކަންކަން ހިމެނޭ ކަމަަށެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ ކޮންޓެންޓު ވެސް ހިމެނެ އެވެ.
އެކަމާ ގުޅޭ އިތުރު ތަފްސީލެއް ނުދެ އެވެ.
ނަމަވެސް ސައުދީގެ ދައުލަތުގެ ޓީވީއިން ދެއްކި ފުސްކޮށްފައިވާ މަންޒަރުތަކުން ފެންނަނީ އެނިމޭޓެޑް ކާޓޫން ސީރީޒް "ޖުރެސިކް ވޯލްޑް: ކޭމްޕް ކްރިޓޭޝަސް" ގެ ސީންތަކެވެ. އެއީ އެއް ޖިންސުން ގުޅުން ބޭއްވުމަށް ހިތްވަރުދޭ ފަދަ މަންޒަރުތަކެކެވެ.
ގަވާއިދާ ހިލާފު ކޮންޓެންޓު ނެގުމަށް ނެޓްފްލިކްސްއަށް އަންގާފައިވާ އިރު، އެ އެންގުމާ އެއް ގޮތަށް އަމަލު ނުކުރާ ނަމަ ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ބުނެފައިވެ އެވެ.

އެކަމާ ގުޅޭ ގޮތުން ނެޓްފްލިކްސްއިން މިހާތަނަށް ވަަކި އެއްޗެއް ނުބުނެ އެވެ.










