އިޔާދަކުރަނިވި ހަކަތަ އުފެއްދުން އިތުރުކުރުމުގެ މަސައްކަތުގެ ދަށުން ސޯލާ ޕީވީ ސިސްޓަމްތައް ގާއިމްކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްދާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިޝަތު ޝައުނާ ވިދާޅުވެއްޖެ އެވެ.
އުނގޫފާރު އިންޖީނުގެ ފެނަކާ ކޯޕަރޭޝަނާ ހަވާލުކުރަން ބޭއްވި ރަސްމިއްޔާތެއްގައި ޝައުނާ މިހެން ވިދާޅުވީ ބޭރުން އެތެރެކުރާ ތެލަށް ބަރޯސާވުން ކުޑަކުރަން މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުވާލަމުންނެވެ.
ޝައުނާ ވިދާޅުވި ގޮތުގައި ތެލަށް ކުރަން ޖެހޭ ހަރަދު ބޮޑު ކަމުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ނޭދެވޭ ކޮންމެ ބަދަލެއްގެ އަސަރު ދިވެހި އިގުތިސޯދަށް ކުރެ އެވެ. އަދި، މިކަން ހައްލުކުރެވޭނީ ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެން ގުދުރަތީ ވަސީލަތްތަކުގެ ބޭނުންކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖެއިން ލިބެންހުރި އިއާދަކުރަނިވި ހަކަތައިގެ ގުދުރަތީ ވަސީލަތްތައް ހޯދައި، އެ ވަސީލަތްތައް ބޭނުންކުރުމަކީ މުހިއްމު ކަމެއް." ޝައުނާ ވިދާޅުވި އެވެ.
މި މަސައްކަތުގެ ދަށުން ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި 20 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތައް ގާއިމުކުރެވިފައިވާ ކަމަށާއި މިހާރު ވެސް 11 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ އަމަލީ މަސައްކަތް ކުރިޔަށްދާ ކަމަށް ޝައުނާ ވިދާޅުވި އެވެ. އަދި، 19 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް އޮތީ ބީލަން ދިރާސާކުރާ މަރުހަލާގައި ކަމަށާއި އިތުރު 9 މެގަވޮޓުގެ ސޯލާ ޕީވީ ސިސްޓަމްތަކުގެ ބީލަމަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝައުނާ ވިދާޅުވި އެވެ.

އިއާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ.
އެގޮތުން، 2023 ވަނަ އަހަރު ނިމޭއިރު، 2018 ވަނަ އަހަރަށް ވުރެ 20 އިންސައްތަ އިތުރަށް އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފައްދާ ވަސީލަތްތައް ގާއިމުކުރުމަށް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނުގައި ވަނީ ހިމަނާފަ އެވެ.












