އައްޑޫ ސިޓީ މީދޫގައި އެ އަތޮޅު ބަހުރުވައިން ހުތުބާ ކިޔައިގެންނާއި ބަހުގެ ދަރަޖަ ބޭނުންކޮށްފައިވާ ގޮތުން މުދިމަކު ސަސްޕެންޑްކޮށްފި އެވެ.
ސ. މީދޫ މަސްޖިދުލް މަޖުދުއްދީނުގައި މުދިމުކަން ކުރާ މުހައްމަދު ރަޝީދު، މިދިޔަ ހުކުރު ދުވަހު ހުތުބާ ދީފައިވަނީ އައްޑޫ ބަހުރުވައިން ކަމަށް މި ނޫހާ ވާހަކަ ދެއްކި އެ ރަށު ބައެއް މީހުން ވަނީ ބުނެފަ އެވެ.
މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއީލް އަފްރާހް ވިދާޅުވީ އައްޑޫ ސިޓީ މުދިިމަކު ހުކުރު ކޮށްދިނުުމުން ސަސްޕެންޑްކޮށްފައިވާ ކަމަށެވެ.
"ހުތުބާ ކިޔުމުގެ އުސޫލާ ހިލާފު ވެގެން އެ މައްސަލަ އިތުރަށް ބެލުމަށް ޓަކައި ޚަތީބަކު ވަނީ ހުކުރު ކުރުމުން ސަސްޕެންޑް ކުރެވިފައި،" އަފްރާހް މި ނޫހާ ހިއްސާ ކުރެއްވި މެސެޖްގައި ވިދާޅުވެފައިވެ އެވެ.
ޚުތުބާ ކިޔުމުގައި ހިލާފުވި އުސޫލު މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އައްޑޫ ބަހުރުވައަށް ޚުތުބާ ބަދަލުކޮށްގެން ކިޔަމުން ދިޔައިރު، ބައެއް ލަފުޒުތައް އާދައިގެ ދަރަޖައިގައި ކިޔާފައިވާތީ މީހުންގެ ޝަކުވާ އާއި ކަންބޮޑުވުން އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވެ އެވެ.












