ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ އިދިކޮޅުގެ ކަންބޮޑުވުން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން؛ ސުޕަމެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާތީ އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި-- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ 19 ވަނަ ދައުރުގައި ސަރުކާރު ހިންގާ އެމްޑީޕީއަށް ލިބިފައި އޮތް ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ހިފާ ކަމަށް ބުނެ، އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިދިކޮޅުން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހަޅުއްވާފައިވާ ގައުމީ ސަލާމަތާ ބެހޭ ބިލު ބަލައި ނުގަތުމަށް އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުން ނިންމުމާ ގުޅިގެންނެވެ.

"ބިލު ބަލައިގަނެ، ކޮމިޓީ މަރުހަލާއަށް ފަހު ބިލު ފާސްކުރިނަމަ ރާއްޖޭގެ ގައުމީ ސަލާމަތް ދިފާއުކޮށް ރައްކާތެރިކޮށް، ލާދީނީ ފިކުރާއި ހަރުކަށި ފިކުރުގެތެރެއިން ދިވެހިންގެ މެދުގައި ބައިބައިވުން އުފެއްދުމަށް ކުރަމުންދާ މަސައްކަތް މަދު ކުރެވި، ބޭރު ގައުމުތަކުގެ ސިޔާސީ، އިގްތިސޯދީ، އަސްކަރީ ނުފޫޒުތަކުން ރައްކާތެރިވުމަށް މަގުފަހިކުރެވުނީހެވެ." ކަންބޮޑުވުން ފާޅުކުރައްވައި އާދަމް ޝަރީފް ރިޔާސަތަށް ފޮނުއްވި ސިޓީއެއްގައި ބުނެފައިވެ އެވެ.

ސިޓީގައި ވަނީ ބިލަށް ވާހަކަ ދެއްކެވި ހުރިހާ މެންބަރުން ވެސް ބިލުގެ މުހިންމު ކަން ފާހަގަ ކުރެއްވި ކަމަށާއި އެފަދަ ބިލެއްގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށް ބުނެފަ އެވެ.

އެހެން ނަމަވެސް، އެއްވެސް މަގުބޫލު އުޒުރެއް ނެތި ބިލު ބަލައިނުގަތުމަށް އެމްޑީޕީ ޕީޖީ ގުރޫޕުން ނިންމި ނިންމުމަކީ ބަލައިގަނެވޭނެ ނިންމުމެއް ނޫން ކަމަށް ބުނެފައިވެ އެވެ.

"[މިއީ] މަލްޓި ޕާޓީ ޑިމޮކްރަސީގެ ހަމަތަކާއި އަގުކުރާ ކަންކަމާ ނުހަނު ބީރައްޓެހި، ސަރުކާރާ ވާދަވެރި މެންބަރުންގެ އަޑު ކަނޑުވާލުމަށް ހިންގި ނާތަހުޒީބު އަމަލެކެވެ. އަދި ރޫލިން ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަޝިޕަށް ގެނައި ބަދަލުތަކާއެކު، މިހާރަކަށް އައިސް ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތައް ބަލައިނުގަންނަކަން ހިތާމައާއިއެކު ފާހަގަ ކުރަމެވެ. މިކަމުގެ ސަބަބުން ސަރުކާރު ޖަވާބުދާރީ ކުރުމުގެ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭ،" އާދަމް ޝަރީފް ވިދާޅުވެފައިވެ އެވެ.

އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި ބިލު ހުށަހެޅުއްވީ ރާއްޖޭގެ އަސްކަރިއްޔާގައި ތިއްބެވި ގާނޫނީ ވަކީލުންގެ އިސްނެންގެވުމާއެކު، ދުނިޔޭގެ ގިނަ ގައުމުތަކެއްގެ ގައުމީ ސަލާމަތާބެހޭ ގާނޫނުތައް ދިރާސާކޮށްގެން ކަމާ ބެހޭ މުވައްސަސާތަކުގެ ލަފަޔާއެކުގަ އެވެ.

ގައުމީ ސަލާމަތާ ބެހޭ ބިލުގައި ހުރި ކަންކަން

އާދަމް ޝަރީފް ހުށަހެޅުއްވި "ގައުމީ ސަލާމަތާ ބެހޭ ބިލު" ގައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަންކަން ބަޔާންކޮށް، އެ ކަމަށް އަދަބު ކަނޑައަޅައިފަ އެވެ. އެ ބިލު މިހާރު އޮތީ އިބްތިދާއީ ބަހުސް މަރުހަލާގަ އެވެ.

އެ ބިލުގައިވާ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުއްދަ ނެތި އެއްވެސް ގައުމެއްގެ އަސްކަރިއްޔާއިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް ނުރައްކާ ވާނެ ފަދަ ކަމެކެވެ. އަދި ރިޔާސީ އިންތިހާބު އޮޅުވާލުމާއި ސަރުކާރާ ދެކޮޅަށް ބަގާވާތެއް ކުރުމާއި ސަލާމަތީ ހިދުމަތްތަކުން ސަރުކާރާ ދެކޮޅު ހަރަކާތް ހިންގުން ފަދަ ކަންކަމަކީ ގައުމީ ސަލާމަތަށް ނުރައްކާވާނެ ކަންކަމެވެ.

ގައުމީ ސަލާމަތަށް ނުރައްކާއެއް ކަމަށް ބިލުގައި ކަނޑައަޅާފައިވާ އިތުރު ކަންކަމަކީ:

  • ދީނާއި ގައުމުގެ މިނިވަންކަމާއި އިސްތިގާލަލަށާއި ތިމާވެއްޓާއި ސިޔާސީ ހަރަކާތްތަކަށް ނިކަމެތިވާ ފަދަ ކަންކަން ކުރުން
  • ބޭރު ގައުމެއްގެ ސިޔާސީ/އިގްތިސޯދީ ނުވަތަ އަސްކަރީ ބާރުގެ ދަށަށް ގައުމު ދިއުން
  • ގާނޫނާ ހިލާފު ފިކުރަކަށް ދިވެހިން ވެއްދުމަށް މަސައްކަތް ކުރުން
  • ހަނގުރާމަވެރި އުޅަނދާއި ހަތިޔާރު އެތެރެކުރުން
  • ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތު ދިނުމާއި ޖާސޫސްކުރުން
  • ބަލިމަޑުކަމެއްގެ ސަބަބުން ކާޑާއި ފެން ލިބުން ދަތިވުން
  • ޓެރަރިސްޓު ހަމަލާތައް ދިނުމާއި ރޭވުމާއި ސައިބާ ސެކިއުރިޓީން އުދުވާންތައް ހިންގުމާއި ރޭވުން ފަދަ ކަންކަން ވަނީ ހިމަނާފަ އެވެ.

އެހެންނަމަވެސް ލިބިދީފައިވާ ހައްގުތަކުގެ ތެރެއިން، ވަކި ކަމަކަށް ތާއީދުކޮށް ނުވަތަ އިންކާރުކޮށް، ރައްޔިތުން ކުރާ އިހުތިޖާޖުތައް ގައުމީ ސަލާމަތަށް ނުރައްކާވާ ކަންކަމުން އިސްތިސްނާ ވާނެ ކަމަށް ބުނެފައިވެ އެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ހޯދުމަށް މީޑިއާއިން ކުރާ މަސައްކަތް ވެސް ހިމަނާފައި ނުވެ އެވެ.

މި ބިލު ގާނޫނަކަށް ވުމާއެކު، ގައުމީ ސަލާމަތާ ބެހޭ މަޖިލިސް އުވާލާއި، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ބެހޭ ކައުންސިލެއް އުފައްދާނެ އެވެ. ބިލްގައިވާ ގޮތުން ގައުމީ ސަލާމަތަށް ނުރައްކާވެއްޖެކަން ކަނޑައަޅާނީ ގައުމީ ސަލާމަތާ ބެހޭ ކައުންސިލްގެ ލަފަޔާ އެކު ރައީސުލްޖުމްހޫރިއްޔާ ކަމަށް ބިލުގައި ވަނީ ބަޔާންކޮށްފަ އެވެ.

ބިލުގައި ބަޔާންކޮށްފައިވާ ފަދަ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ އެއްވެސް ކަމެއް ހިންގުމަކީ ނުވަތަ ކުރަން އުޅުމަކީ ގާނޫނީ ކުށަކަށް ހަދާފައިވާއިރު، އެ ކުށުގެ އަދަބެއްގެ ގޮތުން ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

އަދި ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ މައުލޫމާތެއް އެނގިހުރެ، އެ މައުލޫމާތު ގައުމީ ސަލާމަތާ ބެހޭ ކައުންސިލަށް ނުވަތަ ސަލާމަތީ ހިދުމަތްތަކަށް ނުދޭ ފަރާތްތަކަށް އެއް އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނެ އެވެ.

މީގެ އިތުރުން ގައުމީ ސަލާމަތަށް އުނިކަމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ އެއްވެސް ކަމެއްގައި ޖާސޫސްކުރުމަކީ އަދި ޖާސޫސްކުރުމަށް އެހީތެރިވެ ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފަ އެވެ. އެ ކުށުގެ އަދަބަކީ ފަސް އަހަރާއި ހަތް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox