250 އަށްވުރެ ގިނަ ބައިވެރިންނާ އެކު މިފަހަރުގެ ވިއަވަތި ރާއްޖެ ކޮންފަރެންސް ލާމު ގަމުގައި ބޭއްވުމަށް ތައްޔާރުވަމުން އެބަދެ އެވެ.
ވިއަވަތި ރާއްޖޭގެ ތިންވަނަ ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހު 10 ވަނަ ދުވަހުން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ލ. ގަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި ބައިވެރިވާނީ ދެކުނުގެ ހަތް އަތޮޅުގެ ކައުންސިލުންނެވެ. އެއީ، ދ، ރ، ލ، ގއ، ގދގެ އިތުރުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އެވެ.
ވިއަވަތި ކޮންފަރެންސް ބާއްވާނީ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިސްވެރިންގެ އިތުރުން ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރު މުއައްސަސާތަކުގެ އިސްވެރިންނާއި ޓެކްނިކަލް މުވައްޒަފުން ހިމެނޭހެން 250 އަށްވުރެ ގިނަ ބައިވެރިންނާ އެކު އެވެ.
މިފަހަރުގެ ކޮންފަރެންސްގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ މައިގަނޑު ހަތަރު ދާއިރާއަކަށެވެ. އެއީ؛
- ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުވުން،
- ބިނާވެށި ޕްލޭން އެކުލަވާލުން،
- މިންތީގެ ހަމަހަމަކަން އަދި
- ވިލުންވެރި މުޖްތަމައުއެއް ބިނާކުރުން
ކުރީ ފަހަރެކޭ ވެސް އެއްގޮތަށް މިފަހަރު ވެސް ކޮންފަރެންސްގެ ބައިވެރިންނާ އެކު ގުޅުންބަދަހިކުރުމުގެ ގޮތުން ސްޕޯޓްސް ފެސްޓިވަލްއެއް މިމަހު 10 ވަނަ ދުވަހުގެ ހަވީރު، ލ. ގަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ވިއަވަތި ރާއްޖެއަކީ އަލަށް އިންތިހާބުކުރި ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބާއްވަމުން ގެންދަވާ ސިލްސިލާ މަޝްވަރާ ބައްދަލުވުންތަކެކެވެ.













