824 ދަރިވަރުންނާ އެކު، ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ސްކޫލް، ކާމިލްދީދީ ޕްރައިމަރީ ސްކޫލު ހުޅުވައިފި އެވެ.
ކާމިލް ދީދީ ޕްރައިމަރީ ސްކޫލު ނިސްބަތްވަނީ ރާއްޖޭގައި އެކުލަވާލި ފުރަތަމަ ގާނޫނު އަސާސީގެ ދަށުން އައްޔަންކުރި ފުރަތަމަ ވަޒީރުލް މައާރިފް (އެޑިއުކޭޝަން މިނިސްޓަރު) އަހުމަދު ކާމިލްދީދީއަށެވެ.
824 ދަރިވަރުންނާ އެކު، ހުޅުވި މި ސްކޫލުގައި ޖުމްލަ 65 މުވައްޒިފުން ތިބެ އެވެ. އޭގެ ތެރޭގައި ހިމެނެނީ 47 މުދައްރިސުންނާއި އަށް އިދާރީ މުވައްޒަފުންގެ އިތުރުން 10 މަސައްކަތު މީހުންނެވެ.
ކާމިލްދީދީ ސްކޫލުގައި އެލްކޭޖީ، ޔޫކޭޖީގެ އިތުރުން ގްރޭޑް ހައަކާ ހަމައަށް ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ސްކޫލުގައި ކިޔަވައި ދިނުމަށް ހަމަޖެހިފައި ވަނީ، އެކި ދަންފަޅިތަކަށް ބަހާލައިގެންނެވެ. އެގޮތުން ފައުންޑޭޝަން ކްލާސްތައް ހަތަރު ދަންފަޅިއަށް ބަހާލާއިރު، ގްރޭޑް އެކަކުން ހަޔަކަށް ދެ ދަނފަޅިއަކަށް ބަހާލާނެ އެވެ.
ކާމިލްދީދީ ސްކޫލު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ އެ ސްކޫލު ހުޅުުވުމާ އެކު ދެވަނަ ފިޔަވަހީގައި އާބާދުވި ފަރާތްތަކަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެ ކަމަށެވެ.

"މާ ދުރުގައި ހުރި ސްކޫލަކަށް ދަރިފުޅު ގެންދިއުމުގެ ބަދަލުގައި ހިނގާލާފައި މަދު މިނެޓް ކޮޅަކުން ދަރިފުޅު މިހާރު ސްކޫލަށް ލެވޭނެ. ދަރިފުޅު ބަހަށް ލާފައި އެކަނި ފޮނުވާލަން ފަސްޖެހޭ ބެލެނިވެރިންނަށް ގޭ ބެލްކަނީގައި ހުރެ ދަރިފުޅު ސްކޫލަށް ވަންނަ މަންޒަރު ބަލާލެވޭނެ," މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލޭގެ ސްކޫލުތަކަށް ވަނުމަށް ދަރިވަރުން އެދެމުންދާތީ، އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެ ސަރަހައްދުގައި އިތުރު ސްކޫލުތައް ހުޅުވުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ދެވަނަ ފިޔަވަހީގައި އަޅާ 800 ކުދިންގެ ޖާގައިގެ ޕްރީސްކޫލް، ޖަމީލް ދީދީ ޕްރީ ސްކޫލު އަންނަ މަހު ހުޅުވުމުގެ މަސައްކަތް އެޑިއުކޭޝަން މިނިސްޓްރީން އަންނަނީ ކުރަމުންނެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި 1200 ކުދިންގެ ޖާގައިގެ ސަލާހުއްދީން ސްކޫލާއި، 1400 ކުދިންގެ ޖާގައިގެ އިތުރު ސްކޫލެއް އެޅުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުންނެވެ.













