މުސާރަ އެއްހަމަކުރުމުން ޑަބަލް ޕެންޝަންގެ މައްސަލަ ހައްލުވާނެ: ފިނޭންސް

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. -އަދަދު ފައިލް ފޮޓޯ

ސަރުކާރުގެ އެންމެ ގިނަ އޮފީސްތައް ހިންގާ ވެލާނާގެ ކައިރީގައި ބަޔަކު މަޑުކޮށްލައިގެން. -އަދަދު ފައިލް ފޮޓޯ

ރިޓަޔަމަންޓް ޕެންޝަން ސްކީމުގެ ބޭރުން ބައެއް މުއައްސަސާތަކުގެ މުވައްޒަފުންނަށް ދެމުންދާ ޕެންޝަން ފައިސާގެ މައްސަލައަށް، ސަރުކާރުން މިހާރު ކުރަމުންދާ މުސާރަތައް އެއް ހަމަ ކުރުމުގެ (ޕޭ ހާމަނައިޒޭޝަން) މަސައްކަތުގެ ތެރެއިން ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

މުސްކުޅިވުމުން، 65 އަހަރުން މަތީގެ މީހުނަށް ފައިސާ ދިނުމާއި، ރިޓަޔަމަންޓް ޕެންޝަން ސްކީމް ތައާރަފުވެގެން ދިޔައީ 2009 ވަނަ އަމަލުކުރަން ފެށި ޕެންޝަނާބެހޭ ގާނޫނުގެ ދަށުންނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ޕެންޝަން ދިނުމުގެ ނިޒާމެއް ފަރުމާކުރި ނަމަވެސް، އާ ނިޒާމަށް ބަދަލުވުމުގެ ތެރެއިން ބައެއް މުއައްސަސާތައް ވަނީ އިސްތިސްނާވެފަ އެވެ.

އެއާއެކު، 15 ވަރަކަށް މުއައްސަސާގެ މުވައްޒަފުންނަށް، ޑަބަލް ޕެންޝަންގެ ގޮތުގައި އަހަރަކު އެތައް މިލިއަން ރުފިޔާއެއް ދަނީ ހޭދަވަމުންނެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން ހޯދި މައުލޫމާތުތަކަށް ބަލާއިރު 2012 ވަނަ އަހަރު ޖުމްލަ 10 މުއައްސަސާއެއްގެ 3،236 ބައިވެރިންނަށް ގާތްގަނޑަކަށް 144.37 މިލިއަން ރުފިޔާ އާންމު ޕެންޝަން ސްކީމްގެ ބޭރުން ވަނީ ދީފަ އެވެ.

އޭގެ ތެރޭގައި 55 އަހަރުވުމުގެ ކުރިން ރިޓަޔާ ކުރުމުން ގަނޑުކޮށްދޭ ފައިސާ އާއި 55-65 އަހަރާ ދެމެދު ރިޓަޔާ ކުރާ މީހުނާއި 65 އަހަރުވުމުން ރިޓަޔާ ކުރާއިރު ދޭ ދެ އަހަރު ދުވަހުގެ މުސާރަ ވެސް ހިމެނެ އެވެ.

އޭގެ ފަހުން، ޕެންޝަން ސްކީމުގެ ބޭރުން މަންފާ ލިބޭ ފަރާތްތަކާއެކު އެކަމަށް ކުރާ ހޭދަ ވެސް އަހަރުން އަހަރަށް ވަނީ ބޮޑުވެފަ އެވެ.

މިގޮތުން މިދިޔަ އަހަރު، ޖުމްލަ 15 މުއައްސަސާއަކުން ޕެންޝަން ސްކީމުގެ ބޭރުން ފައިސާ ދޭ މީހުންގެ އަދަދު 4،358 އަށް އަރައި، އެކަމަށް ދައުލަތުން ކުރި ހަރަދު ވަނީ 244.98 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.

އަދި މިއަހަރުގެ ޖުލައި މަހުގެ ނިޔަލަށް ސްކީމުގެ ބޭރުން ފައިސާ ދޭ ޖުމްލަ މީހުންގެ އަދަދު 4،418 އަށް އަރާފައިވާއިރު، އެހާތަނަށް ދައުލަތުގެ ބަޖެޓުން ވަނީ 150.36 މިލިއަން ރުފިޔާ ހޭދަވެފަ އެވެ.

ފާއިތުވި 11 އަހަރުގެ ތެރޭގައި އާންމު ޕެންޝަންގެ ސްކީމުގެ ބޭރުން ދެވުނު ޖުމްލަ ފައިސާގެ އަދަދު. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު
ފާއިތުވި 11 އަހަރުގެ ތެރޭގައި އާންމު ޕެންޝަންގެ ސްކީމުގެ ބޭރުން ދެވުނު ޖުމްލަ ފައިސާގެ އަދަދު. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު

ފާއިތުވި 11 އަހަރުގެ ތެރޭގައި އާންމު ޕެންޝަންގެ ސްކީމުގެ ބޭރުން ދެވުނު ޖުމްލަ ފައިސާގެ އަދަދު. -ގްރެފިކްސް: މުހައްމަދު އިސާމް/އަދަދު

މި މައްސަލައިގެ މައްޗަށް ނެޝަނަލް ޕޭ ކޮމިޝަނުން ތައްޔާރުކުރި ހުދު ކަރުދާހެއްގައި އަންދާޒާކުރާ ގޮތުގައި، 2050 ވަނަ އަހަރާ ހަމައަށް، ޕެންޝަން ސްކީމުގެ ބޭރުން ކުރާ ހޭދަ ތިން ބިލިއަން ރުފިޔާއާ ގާތްކުރާނެ އެވެ.

ދައުލަތުގެ އާމްދަނީ އާއި ހަރަދު ދެކޮޅު ޖައްސަން ދަތިވެފައިވާއިރު، ޑަބަލް ޕެންޝަނަށް ވަމުންދާ އިސްރާފަކީ ދައުލަތުގެ ބަޖެޓަށް މުސްތަގުބަލުގައި ނުއުފުލޭނެ ބުރައެއް ކަމަށް ބޭރުގެ މާލީ އިދާރާތަކުން ވެސް ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މިކަމާ ގުޅިގެން "އަދަދު"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓު އެގްޒެކެޓިވް ސަރުވަޝް އާދަމް ވިދާޅުވީ، ޕެންޝަންގެ ނިޒާމުގައި ހުރި މައްސަލަތައް ފާހަގަކުރެވިގެން، ގާނޫނު އިސްލާހުކުރަން ވެސް މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނެވެ.

ނަމަވެސް، އެ އިސްލާހު އަލުން މުރާޖައާ ކުރަން އެދި އަލުން ފޮނުވައިލި ފަހުން، އެކަމަށް އަދިވެސް މާބޮޑު ކުރިއެރުމެއް ނުލިބެ އެވެ.

އެކަމުގެ ސަބަބެއް ކަމަށް ސަރުވަޝް ވިދާޅުވީ، ދައުލަތުގެ ހިދުމަތުގައި މުޅި އުމުރު ހޭދަކުރާ މުވައްޒަފުން ރިޓަޔާކުރުމުން ލިބޭ މަންފާއެއް ކުއްލިއަކަށް ހުއްޓާލުމަކީ އުނދަގޫ ކަމެއް ކަމަށެވެ.

"އެހާ ގިނަ ދުވަހު ހިދުމަތް މި ކުރަނީ ރިޓަޔާ ކުރާއިރު އެކްސްޕެކްޓޭޝަންސްތަކަކާ ވެސް އެކީ. އެހެންވީމާ މިކަން ހައްލުކުރަން މި ޖެހެނީ އެފަދަ ބޭފުޅުންނަށް ވެސް ބޭއިންސާފަކަށް ނުވާނޭ ގޮތަކަށް،" ސަރުވަޝް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ރިޓަޔާ ކުރަން ކައިރިވެފައިވާ މީހަކަށް ލިބެން އޮތް މަންފާއެއް އެންމެ ފަހު ވަގުތު ނުލިބޭ ގޮތަށް ބަދަލުކުރާއިރު ގިނަ ކަންކަމަށް ރިއާއަތް ކުރަންޖެހެ އެވެ.

ނަމަވެސް ސަރުކާރުން މިހާރު ކުރަމުންދާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން ޑަބަލް ޕެންޝަން މައްސަލައަށް ހައްލުތަކެއް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ، ސަރުވަޝް ވިދާޅުވި ގޮތުން ނަމަ، މުސްތަގުބަލުގައި ޑަބަލް ޕެންޝަންގެ ގޮތުގައި ދޭންޖެހޭ މީހުންގެ އަދަދު އަހަރުން އަހަރަށް މަދު ކުރެވެމުންދިޔުމެވެ.

"މިސާލަކަށް ޓީޗަރުންގެ މުސާރަ ބޮޑުކޮށް އަޅުގަނޑުމެން އޮނިގަނޑަށް ގެނައި ބަދަލުގެ ތެރެއިން ޕެންޝަންގެ މައްސަލައަށް ވެސް އޮންނާނީ އެޑްރެސްކުރެވިފައި،" މުސާރަ އެއްހަމަ ކުރުމުގެ މަސައްކަތުގެ ތެރެއިން އެހެން މުއައްސަސާތަކުގައި އޮތް ޑަބަލް ޕެންޝަން މައްސަލައަށް ހައްލެއް އަންނާނެކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

ނެޝަނަލް ޕޭ ހާމަނައިޒޭޝަން ފްރޭމްވާކް ނޫނީ މުސާރަތައް އެއްހަމަކުރުމުގެ އޮނިގަނޑު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން އިސްވެ ކުރަމުން އަންނަތާ ގިނަ ދުވަސްތަކެއް ވަނީ ވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox