ރާއްޖެ ދޫކޮށް މީހަކު ދާން ބުނުމަކީ ޖިނާއީ ކުށަކަށް ހަދާވަރު ކަމެއް ނޫން ކަމަށް ވިދާޅުވެ، "ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލަކީ ކުށަކަށް ހަދަން" ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އިމްތިޔާޒް ފަހުމީ މިއަދު ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުން ދިނުން ހުއްޓުވުމުގެ ނަމުގައި ބައެެއް ކަންތައްތައް ޖިނާއީ ކުށްތަކަށް ހަދަން ސަރުކާރުގެ ފަރާތުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ހުށަހެޅުއްވި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އިމްތިޔާޒް ވިދާޅުވީ އެ ބިލު މިހާރު އޮތް ގޮތުން އެހާ ހިތްހަމަ ޖެހޭ ކަންތައްްތަކެއް ނެތް ކަމަށެވެ. އެއީ އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ރަނގަަޅު ކުރެވޭނެ ކަންތައްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ބިލުގައި ޖިނާއީ ކުށަކަށް ހަދަން ހުށަހަޅާފައިވާ ބައެެއް ކަންތައްތަކަކީ ކުށްކުށަށް ހަދަން ކަމު ނުދާ ކަންތައްތައް ކަމަށާއި އަނެއްބައި ކަންތައްތަކަކީ މިހާރު ވެސް ކުށުގެ ގޮތުގައި ގާނޫނުތަކުގައި ހުރި ކަންތައްތައްް ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
"ރާއްޖެ ދޫކޮށް ބޭރު މީހެއް ވީމާ ދިއުމަށް ގޮވައިލުމަކީ ކުށެެއް. އެހެންވީމާ މިއީ ތަންކޮޅެއް، ފަހަރުގައި ބޮޑުވަރަކަށް ވެދާނެ. މިނޫން ގޮތަކަށް މި ޑްރާފްޓް އެބަ ކުރެވެން ޖެހޭ ކަމަށް. ރާއްޖެ ދޫކޮށް މީހަކު ދިއުމަށް އަދި ބުނެލުމަކީ އެއީ އެހާ އަވަހަށް ޖިނާއީ ކުށަކަށް ހަދާވަރު ކަމަކަށް ނުވޭ،" އޭނާ ވިދާޅުވި އެވެ.
އެހެން ނަމަވެސް ރާއްޖޭގެ ހާރިޖީ މަސްލަހަތަށް ގެއްލުންވާ ގޮތަށް ރޭވިގެން ހިނގާ ކަންތައްތަކަށް އެޑްރެސްކުރަން ޖެހޭ ކަމަށާއި އެކަމަށް ހައްލު ހޯދަން ޖެހޭ ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

މިހާރު އޮތީ ވަރަށް ފެންވަރު ދަށް ޑްރާފްޓެއް ކަމަށާއި ބިލުގައި ހުރި ހެއްވާ ކަންތައްތައް ކޮމިޓީ މަރުހަލާގައި ރަނގަޅުކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހެއްވާ އެއް ކަމެއްގެ ގޮތުގައި އޭނާ ދެއްކެވީ ބޭރު ގައުމެއްގެ ދިދަޔަކަށް ގެއްލުން ދިނުން ކުށަކަށް ހެދުމެވެ. ބައެއް ގައުމުތަކުގެ ނަމާ އެކު އޭނާ ވިދާޅުވީ އެ ގައުމުތަކުގައި ވެސް އެގައުމުތަކުގެ އަމިއްލަ ދިދަޔަށް ގެއްލުން ދިނުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކަމަށެވެ.
ހާރިޖީ މަސްލަހަތަށް ގެއްލުންވާ އަމަލުތަކަކީ ޖިނާއީ ކުށަކަށް ބިލެއް ހުށަހަޅައި ބަހުސް ކުރަމުން އަންނަ އިރު އިދިކޮޅު ޕީޕީއެމުން ގެންދަނީ އަވަށްޓެރި އިންޑިއާއިން ރާއްޖެއަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް އެކަމާ ދެކޮޅަަށް ހަރަކާތެއް ހިންގަމުންނެވެ.
ނިހާދު ހުށަހެޅުއްވި ބިލަކީ އެ ހަރަކާތް ހުއްްޓުވަން ހުށަހެޅި ބިލެއް ކަމަށް ސިފަކޮށް މިއަދުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން ވާހަކަ ދެއްކެވި އެވެ. އެއާ އެކު އެމްޑީޕީގެ ބައެއް މެމްބަރުން ނިޒާމާ ބެހޭ ނުކުތާ ނަންގަވައި، ރައްދު ދެއްވުމުގެ ޖަލްސާ ހޫނު ވެސް ވި އެވެ.













