ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް، މާދަމާ ފެށޭ ރައްޔިތުންގެ މަޖިލީހުގެ ފަހު ދައުރަށް ސަރުކާރުން ބިލެއް ހުށަހަޅަން ނިންމައިފި އެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނޭހެން 30 ބިލެއް ހުށަހަޅަން ގަސްތުކޮށް އެ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން ވަނީ މިއަދު މަޖިލީހަށް ފޮނުވާފަ އެވެ.
އެ ބިލުތަކުގެ ތެރޭގައި ޓެކްސް ބޮޑުކުރުމުގެ އިތުރުން ވެސް އިގްތިސާދާއި ގުޅޭ މުހިންމު ބިލުތަކެއް ހިމެނެ އެވެ. އެގޮތުން، ފޮރިން އިންވެސްޓުމަންޓުގެ ބިލާއި، އިންޑަސްޓްރިއަލް ރިލޭޝަންސް ބިލުގެ އިތުރުން އާމްދަނީ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެ އެވެ.
ސަރުކާރުން ހުށަހަޅަން ގަސްތުކުރާ ބައެއް މުހިންމު ބިލުތައް
- މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން އޮތޯރިޓީގެ ބިލު
- ހެއްކާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމުގެ ބިލު
- މޯލްޑިވްސް ހެލްތު ސާވިސްގެ ބިލު
- ހައްޖާއި އުމުރުގާ ބިލު
- ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޓޫރިޒަމާބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
- ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު
އޭގެ އިތުރުން ވެސް މުހިންމު ބިލުތަކެއް ހުރިއިރު މި ދައުރުގައި އެންމެ އިސްކަމެއް ދީގެން މަޖިލީހުން ކުރާނެ ކަމަށް ބެލެވޭ މަސައްކަތަކީ ޓެކްސް ރޭޓު ބޮޑުކުރުމަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތެވެ.
ޖީއެސްޓީ އާއި ޓީޖީއެސްޓީ ފަދަ ރިގްރެސިވް ޓެކްސްގެ އިތުރުން އިންކަމް ޓެކްސް ފަދަ ޕްރޮގްރެސިވް ޓެކްސްތަކަށް ވެސް ބަދަލުގެންނަން، އާ ސްޓްރެޓެޖީތަކުގެ އަލީގައި ދިރާސާތައް ކޮށް، އަދި، 11 އަހަރުވީ ޓެކްސްގެ ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި ނިޒާމު ހަރުދަނާ ކުރަންޖެހޭ ކަންކަން ވެސް ކުރުމަށް ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ.

ޖީއެސްޓީ، ޖީއެސްޓީގެ ތާރީހު
ދެހާސްއެގާރަ ވަނަ އަހަރު ވުޖޫދުވި ގާނޫނާއެކު، އެ އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެއަށް ޖީއެސްޓީ ތައާރަފުކުރި އިރު، އޭރު ރޭޓު ހުރީ 3.5 ޕަސަންޓުގަ އެވެ.
އޭގެ ފަހުން، މިހާރު ނަގަމުންދާ ހަ ޕަސަންޓަށް ޖީއެސްޓީ ބޮޑުކުރީ 2012 ވަނަ އަހަރެވެ.
ޓޫރިޒަމް ޖީއެސްޓީ 2013ގައި ތައާރަފުކުރިއިރު އަށް ޕަސަންޓުގައި ހުރިއިރު، މިހާރު ނަގަމުންދާ 12 ޕަސަންޓަށް ބޮޑުކުރީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ.













