ދިވެހި ފުލުހުންގެ ހިދުމަތުގެ މަރުކަޒެއް ކަމަށްވާ ފެމިލީ އެންޑް ޗިލްޑްރަންސް ސާވިސް ސެންޓަރުގެ ތެރެއަށް ވަޅިއެއް ހިފައިގެން ވަން މީހަކު ހަ މަސް ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.
މި މައްސަލާގައި ދައުލަތުން ދައުވާކޮށްފައިވަނީ ކ. މާލެ، މ. ލަވްނެސްޓު އިބްރާހީމް ނާޝިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާ އަކީ މަގުބޫލު ސަބަބެއް ނެތި ނުރައްކާތެރި ހަތިޔާރެއް އާންމު ތަނެއްގައި ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ.
ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނާ ގޮތުން މި ކަމެއް ހިނގައިދިޔައީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހުގަ އެވެ. އެ ދުވަހުގެ ރޭގަނޑު ނުވައެއް ޖަހާކަށް ހާއިރު އެ މަރުކަޒަށް ވަން އިރު، އަތުގައި އޮތް ވަޅިއަކީ ތިލައިގައި ފަސް އިންޗި ހުރި ވަޅިއެއް ކަމަށް ވެސް ދައުވާގައިވެ އެވެ.
ދައުވާއަށް ޖަވާބުދާރީވަމުން ނާޝީދު ވަނީ ކުށަށް އިއުތިރާފުވެފަ އެވެ. އެކަމަކު އޭނާ ޝަރީއަތުގައި ބުނެފައިވާ ގޮތުން އެ ވަޅި އޭނާ ގެންގުޅުނީ އަމިއްލަ ނަފުސަށް އަނިޔާ ކުރުމަށެވެ. އަދި އޭނާއަކީ ނަފުސާނީ ބައްޔަށް ބޭސްކުރާ މީހެއް ކަމަށް ވެސް ބުނެފައިވެ އެވެ.
މައްސަލަ އަވަހަށް ނިންމައިދިނުމަށް ނާޝިދު އެދިފައިވުމުންނާއި އޭނާ ކުށަށް އިއުތިރާފުވުމުން މައްސަލަ ގެންދިޔައީ އަވަސް ނިޔާގެ ދަށުންނެވެ.

އަދި ކުށަށް އިއުތިރާފުވުމުންނާއި ޝަރީއަތަށް އެއްބާރުލުން ދީފައި އޮތުމުން، ގާނޫނުގައިވާ ގޮތުގެ މަތިން އޭނާއަށް ކަނޑައެޅޭނެ އަދަބަކީ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ކަމަށް މައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ނިންމެވި އެވެ.












