ހުޅުމާލެ ރެހެންދި ސްކޫލުގެ މެންދުރު ފަހު ދަންފަޅީގެ ދަރިވަރުން ޖަމާއަތުގައި އަސްރު ނަމާދުކުރަން ފަށައިފި އެވެ.
މިއަދު އެ ކުދިން ވަނީ ސްކޫލުގެ ގޯތިތެރޭގައި ޖަމާއަތް ހަދައިގެން އަސުރު ނަމާދުކޮށްފަ އެވެ.
ބެލެނިވެރިންނަށް ފޮނުވި މެސެޖެއްގައި އެ ސްކޫލުން ބުނީ މެންދުރުފަހު ދަންފަޅީގައި ކިޔަވަން ދާ ގްރޭޑް 2، 3، 4، 5 އަދި 6 ގެ ކުދިން ޖަމާއަތުގައި އަސުރު ނަމާދުކުރުން ކޮންމެ ދުވަހަކު ވެސް އޮންނާނެ ކަމަށެވެ.
އެގޮތުން ދަރިވަރުން ސްކޫލަށް ފޮނުވާއިރު މެންދުރު ނަމާދު ކުރުވުމަށްފަހު، ސްކޫލްގައި އަސުރު ނަމާދު ކުރެވޭ ގޮތަށް ދަރިވަރުން ވުޟޫ ކުރުވައިގެން ސްކޫލަށް ފޮނުވުމަށް ވަނީ އެދިފަ އެވެ.
އެ ކުދިން ސްކޫލަށް ފޮނުވާއިރު ގެއިން ވުޟޫ ކޮށްގެން ފޮނުވުމަށާއި، މުސައްލައާ ނަމާދު ދޮޅި ފޮނުވަން ވަނީ އަންގާފަ އެވެ.

އަދި ބޫޓުލުމަށް އިތުރު ކޮތަޅެއް ދަރިވަރުންގެ އަތަށް ދީފައި ސްކޫލަށް ފޮނުވަންސް ވަނީ އެދިފަ އެވެ.
އެ ސްކޫލުން ބުނީ ދަރިވަރުން ބޭނުންކުރާ ސްޓާކީނަކީ ސާފުތާހިރު ސްޓާކީނަކަށް ވާންޖެހޭނެ ކަމަށެވެ.
ރެހެންދި ސްކޫލްގެ އިތުރުން ބައެއް އެހެން ސްކޫލްތަކުގައި ވެސް ދަރިވަރުން އަންނަނީ ޖަމާއަތުގައި ނަމާދު ކުރަމުންނެވެ.












