ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

(ފަހު ބައި)

އަހަރެން ދޮރާ ދިމާއަށް ދުއްވާގަތީމެވެ. ނަސީބު ރަނގަޅެވެ. ދޮރު ހުރީ ފަސޭހައިން ހުޅުވޭ ގޮތަށެވެ. އަވަސްއަވަހަށް ބޭރަށް ނުކުތީމެވެ. އަހަންމައިދީ ވެސް އަހަރެންގެ ފަހަތުން ނުކުތެވެ. އަހަރެން ދެ ފިޔަވަޅު ނާޅަނީސް އޭނާގެ އަތުގައި ޖެހުނެވެ. އޭނާ އެހާ ހުޝިޔާރެވެ. އޭނާ އެއްލި އަތުން ހިފުނީ އަހަރެންގެ އިސްތަށިގަނޑުގަ އެވެ. އަހަންނަށް ލިބުނު ސިހުމާއެކު ފަހަތަށް އެއްލިގެން ދިޔަ އެވެ. އެ ދިޔަ ބާރުމިނުގައި އަހަންމައިދީގެ މޭމަތީގައި ޖެހުނެވެ. ޖެހުނު ގޮތުން އަހަންނަށް ތަދު ވެސް ވިޔެވެ. އަހަންމައިދީ ފުރުސަތުގެ ބޭނުން ހިފި އެވެ. އޭނާ އޮޅުލައިގަތީ އަހަރެންގެ ގައިގަ އެވެ.

"މިހާރު އަދި މާ ފައްކާ."

އަހަންމައިދީ ބުނީ ކީކޭ ކަން ސާފު ނުވި ނަމަވެސް އޭނާގެ ޖުމުލައިގެ ފެށޭ އިބާރާތް އަހަންނަށް އިވުނެވެ. އޭނާގެ ކިބައިން ސަލާމަތްވުމަށް އަހަރެން އެގޮތް މިގޮތް ހެދީމެވެ. ނަމަވެސް އަހަންނާ ބަލާއިރު އެއީ ބިޔަ މީހެކެވެ. ޖާނު ވަރުގަދަ މީހެކެވެ. އޭނާގެ ހަށިގަނޑަށް އަހަރެންގެ ދެތިން ހަށިގަނޑު ލައި ފޮރުވާލެވޭނެ އެވެ. އެހައި ވެސް އޭނާ ބިޔަ އެވެ.

އަހަންމައިދީގެ މޫނު އަހަރެންގެ ކަނދުރައިގައި ޖެއްސި އެވެ. އަހަރެންގެ ކަނދުރައިގައި އޭނާގެ ތުންފަތް ޖައްސާލި އެވެ. އަހަރެން ގަދަ ހަދައިލީމެވެ. ފޮޅުވާލީމެވެ. އޭނާ އަތުން ވީއްލޭތޯ ލައްކަ ހިތްވަރު ކުރީމެވެ. ނަމަވެސް އެކަން ކާމިޔާބު ވާގޮތެއް ނުވި އެވެ. އޭނާ ހުރީ އަހަރެންގެ ހަށިގަނޑުގައި ދެ އަތުން ހިފަހައްޓައިގެންނެވެ. ބައްދައިގެންނެވެ.

އަހަރެން އުރައިލައިގެން ކަހަލަ ގޮތަކަށް އޭނާ ހިނގައިގަތެވެ. ކޮޓަރިއާ ދިމާއަށެވެ. އަހަރެން ދެ އަތް އޮތީ ގަދައަށް ބަނދެލައިފަ އެވެ. ކިރިޔާ ވެސް މިނިވަންކޮށް އޮތީ ދެ ފަޔެވެ. އެހެންވެ ދެ ފައި ހޫރުވޭތޯ މަސައްކަތް ކުރީމެވެ.

"ދޫކުރާށޭ. މި ބުނީ ދޫކުރާށޭ."

"މި އެހާ ބޮޑު ކަމަކަށް ނުހަދާ! ނިމުނީމަ ނިމުނީ. ތިހެން އުޅެންޏާ އަނިޔާވުން ނޫން ގޮތެއް ނޯންނާނެ. ކުރިން ވެސް އުޅުނު ގޮތަށް އުޅެބަލަ." އަހަންމައިދީ ކޮޓަރިއަށް ވަނެވެ.

"މީހެކޭ! މީހެކޭ. ސަލާމަތްކުރޭ." އަހަރެން ހަޅޭއްލަވާ ގަތީމެވެ.

އެންމެ ފަހު އަހަންމައިދީ ގާތަށް ރުޅި އަޔެވެ. އަހަރެން ގެންދިޔަ ގޮތަށް ގެންގޮސް ގޮދަޑި މައްޗަށް ހޫރައިލި އެވެ. ގޮދަޑިއަށް ޖެހުނު ގޮތުން ވޭނީ އާހެއް އަނގައިން ބޭރުވި އެވެ. އެއާއެކު އަހަރެންގެ އުނަގަނޑަށް ތަދުވި އެވެ. ހީވީ އުނގަނޑު ބިނދުނު ހެންނެވެ. ފާޑެއްގެ އަޑެއް ވެސް ކިޔެވެ. ހިރި ނުލެވި އިރު ކޮޅަކު އޮންނާން ޖެހުނެވެ. އުނަގަނޑު މަތިން ނަގައިގަތް ދިލައިގެ ސަބަބުން ދެ ލޮލުން ހޯސް ލައިފައި ކަރުނަތައް އޮހިގަތެވެ.

އަހަންމައިދީ ހުރީ އެއަށްވުރެ ބޮޑަށް ދަހިވެތިކަން ބޮޑު ވެފަ އެވެ. އޭނާގެ ސިކުނޑި ހުރީ ހަރާބު ވެފަ ކަންނޭނގެ އެވެ. އަހަރެން އެ ހާލުގައި އޮއްވާ އަހަންނަށް ހަމްދަރުދީވުމުގެ ބަދަލުގައި އިސްކުރީ އަމިއްލަ އެދުމެވެ. އަހަރެން ހިތާހިތާ ދުއާކޮށްލަ ކޮށްލާ އޮތީމެވެ. މި މުސީބާތުން މިންޖު ކުރައްވާތޯ އެވެ.

ކުއްލިއަކަށް ފޯނެއް ރަނގަބީލުވާ އަޑު އިވުނެވެ. ޔަގީންވީ އެއީ އަހަރެންގެ ފޯނު ނޫންކަމެވެ. އަހަރެންގެ ފޯނުގެ ރަނގަބީލަށް އެ ޒާތުގެ މިޔުޒިކެއް ނުލަމެވެ. އެހެންވީމާ އެ ރަނގަބީލު ވާނީ އަހަންމައިދީގެ ފޯނުކަން ކަށަވަރުވި އެވެ. އަހަންނަށް ބޯ ހިއްލައި މަޑުމަޑުން ބަލައިލެވުނެވެ. އަހަންމައިދީ ހުރީ އަހަންނަށް ފަސްދީގެންނެވެ. އޭރު އުނަގަނޑަށް އެރި ތަދަށް ލުއިކަމެއް ލިބުނެވެ. ހިސާބަކަށް ރިހުން މަޑުވި އެވެ.

އަހަންމައިދީ ފޯނަށް ޖަވާބު ދެމުން ދިޔަ އަޑު އިވުނެވެ. އޭނާގެ ނިވާކަމެއް ނެތް ހަށިގަނޑު ފެނިފައި އަހަރެން އިސް ޖަހައިލެވުނެވެ. މަޑުމަޑުން އެނދުން ތެދުވީމެވެ. އަހަންމައިދީއަށް ސިއްރުން ކޮޓަރިން ނިކުމެވޭތޯ ބެލީމެވެ. އޭނާ ފޯނުގައި ހުރެ އެއް ފަރާތަކަށް އެނބުރިލި އެވެ. ނަސީބު ރަނގަޅޭ ހިތަށް އެރި އެވެ. އޭނާ އެނދާ ދިމާ ބަލައިލުމުގެ ބަދަލުގައި އެނބުރިލީ ފާރާ ދިމާއަށެވެ. އެހައި ހިސާބުން އަހަންނަށް މަގު ތަނަވަސްވި އެވެ. ކޮޓަރިން ބޭރަށް ނުކުންނާށެވެ.

ދެތިން ފިޔަވަޅު ކުރިއަށް އެޅި އިރަށް ހަނދާންވީ ފޯނު މަތީންނެވެ. ކޮޓަރި ތެރެއަށް ބަލައިލެވުނެވެ. އަހަރެންގެ ފޯނު ކޮބައިތޯ އެވެ. އެކި ދިމާއަށް ކަޅި އުކަނިކޮށް ލޮލުގައި އަޅައިގަތީ އެނދު ފައި ކައިރިއަށް ފޯނު ވެއްޓިފައި އޮއްވަ އެވެ. އެހެންވެ ސިއްރުސިއްރުން ފޯނު ނެގުމަށް ހިނގައިގަތީމެވެ. ފާޑަށް ގުދުވެގެން އޮވެ އެވެ. ފިޔޮޅު ހިއްލައިލާ އަޑު ވެސް ނީވޭހާ ސިއްރުންނެވެ.

މި ފަހަރު ވެސް އަހަރެންގެ ބޮލުގައި ނަސީބު ފިރުމައިލި އެވެ. ފަސޭހަ ކަމާއެކު ފޯނު ނެގުނެވެ. އޭރު ވެސް އަހަންމައިދީ ހުރީ ފޯނުގަ އެވެ. އޭނާ ދައްކަމުން ދިޔައީ ކޮންމެ ވެސް ފައިސާއެއްގެ ވާހަކަ އެކެވެ. އެއީ އަހަންނަށް މުހިއްމު ވާހަކައަކަށް ނުވި އެވެ. އަހަންނަށް މުހިއްމުވީ އެތަނުން ސަލާމަތްވާށެވެ. ފޯނު ނެގުމަށްފަހު ހިންދެމިލީމެވެ. މަޑުމަޑުން ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. އަހަންނަށް އެއް ލޮލުން އަހަންމައިދީއަށް ބެލުނެވެ. އަނެއް ލޮލުން ފޯނަށް ނަޒަރު ހިންގައިލެވުނެވެ. އޭރު ތިން ކޯލަށް ޖަވާބު ނުދެވި އޮތް މަންޒަރު ފެނުނެވެ.

އަހަންމައިދީ އަހަންނާ ދިމާއަށް އެނބުރިލި މަންޒަރު ފެނުނެވެ. އަވަސް އަވަސްކޮށްލައިގެން ދޮރާ ދިމާއަށް ދުއްވާ ގަނެވުނެވެ. މިފަހަރު އަހަރެން ބޭނުންވީ އޭނާއާ ފިލާށެވެ. ކޮންމެ ގޮތެއް ވިޔަސް އަހަންމައިދީ އެ ހުރި ގޮތަށް ބޭރަށް ނުކުންނަން ނުކެރޭނެ ކަން އަހަންނަށް ވިސްނުނެވެ. ކޮޓަރީގެ ދޮރު ހުޅުވާލައި އަހަންނަށް ދުއްވާ ގަނެވުނީ ބޭރަށެވެ.

ނަމަވެސް އަހަރެން ލައިގަތީ ކޮންމެ ވެސް މީހެއްގެ ގައިގަ އެވެ. މުޅި މީހާ ބިރުން ރޫރޫ އަޅައިގަތެވެ. އޭނާއާ ދުރަށް ޖެހިލެވުނެވެ. ބޭއިހުތިޔާރުގަ އެވެ. ދެ ލޯ ބޮޑުވި އެވެ. އެއީ ކާކުތޯ ބަލައިލެވުނެވެ. އެއީ ހަބީބެވެ. އަހަރެން ހަބީބުގެ ގައިގައި ބައްދައިގަތީމެވެ. ސަލާމަތްކޮށްދިނުމަށް އެދި އާދޭސްކުރީމެވެ.

ހަބީބު ހުރީ ވާނުވާ ނޭނގިފަ އެވެ. އަހަންނަށް އިނގިލި ދިއްކޮށްލެވުނެވެ. ކޮޓަރިއާ ދިމާއަށެވެ. ހުޅުވިފައިވާ ދޮރަށް އިޝާރާތްކޮށްލީމެވެ. ހަބީބު އެއް އަތުން ކޮޓަރީގެ ދޮރުފަތް ކޮށްޕައިލި އެވެ. އެއާއެކު ދޮރު ހުޅުވުނެވެ. އޭރު އަހަންމައިދީ ފައި ކުރިއަށް ޖީންސް މަހައިލަނީ އެވެ.

"އެ މީހާ އަހަރެން ނިދައިފައި އޮއްވާ ބެ.. ބެ... އަހަންނާ ބެ.." އަހަރެން އަވަސްއަވަހަށް ބުނެލީމެވެ.

ހަބީބުގެ ދެ ބުމަ ގޮށް ޖެހުނު މަންޒަރު އަހަރެން ދުށީމެވެ. އޭނާގެ މޭ ފުއްޕައިލި އެވެ. މުލައްދަނޑިއަށް ބާރުކޮށްލި އެވެ. އޭނާގެ ދެ އަތް ފުޅާކޮށްލި އެވެ. މީދާމަސްގަނޑު ހިއްލުނެވެ. އަހަރެން އެއް ފަރާތަށް ޖެހިލީމެވެ. ހަބީބު އެ ދިޔަ ބާރު މިނުގައި ގޮތް އަހަންމައިދީއަށް ހަމަލާ ދިނެވެ. އޭރު އަހަންމައިދީ އުޅުނީ ޖީންސް ފަޔަށް މަހައިލައިގެން އެކަން ހަމައަކަށް އެޅުވުމުގަ އެވެ.

އަހަންމައިދީއަށް އަމިއްލަ ހިމާޔަތުގައި ކަމެއް ކުރާނެ ފުރުސަތެއް ނުލިބުވެ. ފަހަތަށް ވެއްޓުނެވެ. މުށިގަނޑު މައްޗަށް ގުޅައަކަށް ޖެހުނެވެ. ހަބީބު ކޮޓަރިއަށް ނަޒަރު ހިންގައިލި އެވެ. އޭނާ ބޭނުންވީ އަހަންމައިދީއަށް ހަމަލާ ދޭނެ ރަނގަޅު އެއްޗެކެވެ. އަހަންނަށް އެކަން ވިސްނުނެވެ. ކޮޓަރީގެ ބޭރުގައި އޮތް ލަކުޑި ފަތިގަނޑެއް ލޮލުގައި އަޅައި ގަތެވެ. އެ އަހަރެންގެ އަތަށް ހެޔޮ ކޮށްލީމެވެ. އަހަރެން ވެސް ހުރީ އެ ކަމުން ސަލާމަތްވާން ބޭނުންވެފަ އެވެ. އެ ނުލަފާ މީހާގެ ދުވަސް ދުއްވާލަން ފެންބޮވައިގެންފަ އެވެ.

އަހަންމައިދީ އެ ހާލުގައި އޮއްވާ ހަބީބު ގޮސް އޭނާގެ ގައިގައި ކޮޅުފައިން ތަޅަން ފެށި އެވެ. އޭނާ ފައި މަޅައިލުމަށްފަހު އަހަންމައިދީގެ ދަށްބަނޑުގައި ދެތިން ފަހަރަށް ބާރު އެތިފަހަރެއް އެޅި އެވެ. އެހައި ހިސާބުން އަހަންމައިދީ ހަޅޭއްލަވާގަތެވެ. އޭނާ ގުރަކަށްވެގެން އޮވެ ކުކުރެމުން ދިޔަ އެވެ. ރޮމުން ގިސްލަމުން ދިޔަ އެވެ.

އަހަރެންގެ އަތަށް ހެޔޮކޮށްލި ފަތިގަނޑަށް ބާރުކޮށްލެވުނެވެ. އޭރު ހަބީބު އިނީ އަހަންމައިދީއަށް ހަމަލާ ދޭން އިށީނދެގެންނެވެ. އަހައްމައިދީގެ ގައިގައި އެތަން މިތަނުގައި ހަބީބުގެ ދެ އަތުން ތަޅަމުން ދިޔަ އެވެ.

އަހަންނަށް ފުރުސަތު ލިބުނެވެ. ފުރުސަތުގެ ބޭނުން ހިފާންވީކަން ސިކުނޑި ވިސްނައިދިނެވެ. އަތުގައި އޮތް ފަތިގަނޑަށް ދެވަނަ ފަހަރަށް ބާރުކޮށްލެވުނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން ކުރިއަށް ދެވުނެވެ. އޭރު ދަތްޕިލަ ހުރީ ޖައްސާ ބާރުކޮށްލެވިފަ އެވެ. ދެ ލޯ ވަނީ ކުޑަކޮށްލެވިފަ އެވެ.

ގައިގައި ހުރި ބާރެއް ލައިފައި ފަތިގަނޑު ހޫރައިލެވުނެވެ. ހަމަލާގެ އަމާޒު ކަށަވަރު ކުރުމަށްފަހުގަ އެވެ. ލިބުނީ އާދަޔާ ހިލާފު ބާރެކެވެ. އެގޮތް މިގޮތަށް ތަޅައިގަތީމެވެ. އެޔެއް މިޔެއް ބެލުމެއް ނެތި އެވެ. އޭރު މުޅި މުށިގަނޑު އޮތީ ލެއިން ކަޅި ވެފަ އެވެ. ބައެއް މަސްކޮޅުކޮޅުން ބުރައިގެން ދިޔަ މަންޒަރު ފެނުނެވެ.

އަހަންނަށް ބަލައިލެވުނީ އަހަންމައިދީއާ ދިމާއަށެވެ. އޭނާ އޮތީ ހޭނެތިފަ އެވެ. ދެމިފަ އެވެ. ދެ ލޯ ވަނީ މެރިފަ އެވެ. އޭނާގެ ބޮލަށް ހަމަލާ އަމާޒުކޮށްލެވުނެވެ. ދެތިން ފަހަރު ޖަހައިލެވުނެވެ. އެހައި ހިސާބުން ހޭވެރިކަން ވި އެވެ. މަންޒަރު ރަނގަޅަށް ބަލައިލެވުނެވެ. ހަބީބުގެ ދުވަސް އެއްކޮށް ދިޔައީ އެވެ. އޭނާގެ ހަރަކާތް ވަނީ ހުއްޓިފަ އެވެ. އޭނާގެ ބޮލުގެ އެތަން މިތަން ވަނީ ފަޅައިގެން ގޮހެވެ. ތެޅި ތެޅީނުން ޗިސްޗިސްވެފަ އެވެ.

އަހަންމައިދީގެ ހާލަކީ ވެސް އެއީ އެވެ. ޔަގީންވާ ކަމަކީ އަހަންމައިދީ އާއި ހަބީބު ދިރި ހުއްޓަސް އެމީހުންގެ ސިކުނޑިއަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމެވެ. ހަނދާނަށް އައީ ފިލްމު ތަކުން ފެންނަ މަންޒަރެވެ. އަހަންމައިދީގެ އަތު ތެރެއަށް އަތުގައި އޮތް ފަތިގަނޑު ލައި މަންޒަރު އަހަރެން ބޭނުންވާ ގޮތަށް އަތުރައިލީމެވެ. ބޭރަށް ނުކުތުމަށްފަހު އަތުގައި އޮތް އަންގި ބޭލީމެވެ. ގައިގައި އޮތް ކޯޓާއި ހެދުން ބަދަލުކުރުމަށްފަހު ކަޅު ކޮތަޅެއްގެ ތެރެއަށް ހުރިހާ ސާމާނެއް އަޅައިލީމެވެ. ފާހާނާއަށް ވަދެ ފެންވަރައިގެން ނުކުމެ ފޯނު ބަލައިލި އިރު ޔަޒީދު ގުޅަނީ އެވެ.

"އަވަހަށް ނުކުމޭ." ޔަޒީދު ވައި އަޑުން ބުނެލި އެވެ.

އެހައި ހިސާބުން އަހަރެން ބޭރަށް ނުކުމެ ހިނގައިގަތީމެވެ. މިނިވަނެއްގެ ގޮތުގަ އެވެ. އެތައް ވޭނާކާއި ތުރާލެއް ތަހައްމަލު ކުރުމަށްފަހުގަ އެވެ. މުސީބާތަކުން ސަލާމަތްވެގެން ނުކުންނަ މީހެއް ފަދައިންނެވެ. އަހަންނަށް ހިނގެމުން ދިޔައީ ހުދުކުލައިން އަލިވެފައިވާ މަގެއްގަ އެވެ. އެ މަގުގައި އެއްވެސް އިތުރު އެއްޗެއް ނެތެވެ. އިތުރު މީހަކު ނޫޅެ އެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުން އަހަންނަށް ކުރިއަށް ދެވުނެވެ. ފޮށި ދަމައިލަމުންނެވެ. އެތައް އިރަކު އެ ގޮތުގައި ހިނގުނެވެ. އަހަންނަށް މީހަކު ގޮވާލިހެން ހީވުމުން ލޯ ހުޅުވާލެވުނެވެ. ސިހިފައި އަހަންނަށް ތެދުވެވުނެވެ. އެނދުގައި އިށީނދެވުނެވެ. ދެ ލޯ ބޮޑުކޮށްލަމުންނެވެ.

"މިޒޫ! އުހުނ. މިހާރު އަހުނާ!" ރަތްކުލައިގެ ދެ ޕާސްޕޯޓު ދިއްކޮށްލަމުން ނާއިޝް އަހަރެންގެ މޫނަށް ބަލައިލި އެވެ. "ދެތިން ފަހަރަކު ޓަކި ޖަހައިލީމަ ވެސް ނުހުޅުވީމަ ތަޅުދަނޑިން މި ހުޅުވީ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. މިހުރިހާ އިރު މި އޮތީ ގަދަ ނިދީގެ ތެރެއަށް ގެނބި މަރުވެފައިކަން ހަނދާންވީ ދެނެވެ. އެއީ ނިދީގެ ހުވަފެނެއް ހެއްޔޭ ސުވާލު ކޮށްލެވުނެވެ. ސުވާލު ނުނިމެނީސް ސިކުނޑިން ޖަވާބު ވެސް ދިނެވެ. ނޫނެކެވެ. އެއީ މާޒީން ލިބުނު ހިތި ފިލާވަޅުތަކެވެ. ހިތި ތަޖުރިބާތަކެވެ. އާއެކެވެ. އެއީ މާޒީން ލިބުނު ދަރުސްތަކެވެ.

"ހަވީރު ފުރަން ތައްޔާރުވޭ. އެކޮޅަށް ގޮސް ތިން މަސް ވާ ދުވަހު ކައިވެނީގެ ހުރިހާ ކަމެއް ހަމަޖެހޭނެ."

އަހަންނަށް ބަލައިލެވުނީ ނާއިޝްގެ މޫނަށެވެ. އޭނާގެ ހިތްހެޔޮ ކަމާއި އޯގާތެރިކަން ފެނިފައި ހައިރާންވި އެވެ.

"އަހަރެން؟" އަހަންނަށް ސުވާލުގެ ނަޒަރުން ބަލައިލެވުނެވެ.

"އުއްމީދު ކުރަން މިހާރު ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ސާފުވާނެކަން. ހަގީގަތަކީ މިޒޫ އެ ދުވަހު ފޯނު ކޮށްފަ އިތުރު ވާހަކައެއް ނުދައްކާކަން." ނާއިޝް ހިނިތުންވެލި އެވެ.

އަހަންނަށް ދެ ބުމަ ކައިރިކޮށްލެވުނެވެ. ފާޑެއްގެ ގޮތެއް ހަދައިލެވުނެވެ.

"ޔަޒީދު! ހުރިހާ ކަމެއް، ހުރިހާ ވާހަކައެއް ކިޔައިދިނީ ޔަޒީދު. މިހާރު ދެން އެނގިއްޖެއްނު މި މަސައްކަތް ހަވާލުކުރީ ކާކުކަން." ނާއިޝް ގިރުވާނުގައި އިނގިލި ޖައްސާލަމުން ދެ ބުމަ އަރުވާލި އެވެ.

އަހަންނަށް ލުއި ހިނިތުންވުމަކާ އެކު ބަލައިލެވުނެވެ. ނާއިޝްގެ ފަހަތުގައި އިތުރު މީހަކު ހުރިހެން ހީވެގެންނެވެ. އާއެކެވެ. ހީވީ ހަމަ ރަނގަޅަށެވެ. އެއީ ޔަޒީދެވެ.

"އަހަރެންގެ ހަމައެކަނި މަގުސަދަކީ އެ ނުލަފާ ހަބީބުގެ ވަސް ފޮހެލުން. އަހަރެން ދައްތައަށް އޭނާ ދިން ލަނޑުގެ ބަދަލު ހިފުން. އެކަން ހާސިލުކޮށްދިން ދެ މީހުންނަކީ ތީ،" ނާއިޝް ކާމިޔާބީގެ ހިނިތުންވުން އޭނާގެ މޫނުމަތިން ފާއްދައިލި އެވެ. "މިކަމުގެ ބަދަލެއްގެ ގޮތުގައި ޔަޒީދު ބޭނުންވީ ނިއުޒިލެންޑުގައި އަހުނާއާއެކު އުފާވެރި ދިރިއުޅެވޭނެ ގޮތް ހަދައިދިނުން. މިހާރު އެންމެ އުނދަގޫވި ކަންތައް ވެސް މި ނިމުނީ. ފައިސާއިން ނުކޮށޭނެ މަގެއް ނޯންނާނެ. އެކަން މިއަދު މި ހާމަވީ."

ޕާސްޕޯޓަށް ބަލައިލަމުން ނާއިޝް ނިތްއަރުވާލި އެވެ. އޭނާ އެ މާނަކުރީ ކޮންކަމަކަށް ކަން އަހަންނަށް ސާފުވި އެވެ. ޔަޒީދު ކުރިއަށް ޖެހިލި އެވެ. އޭނާ އައިސް އިށީނީ އެނދުގަ އެވެ.

"މިހާރު ދެން މިޒޫއަކީ ދުނިޔޭގައި ނެތް މީހެއްތާ ދޯ. ގެއްލިފައިވާ މީހެއްތާ! އެ ނިކަމެތި ހަބީބަށް ކަށްވަޅުގައި ވެސް ފަސޭއިން ނޯވެވޭވަރަށް ހަބަރުތައް ވެސް އުފައްދައިލެވިއްޖެތާ ދޯ." ޔަޒީދު ވެސް ފަހުރުވެރިކަމާއެކު ބުނެލި އެވެ.

ހިތާ ދެކޮޅަށް ނަމަވެސް އަހަރެން ހިނިތުންވެލީމެވެ.

"އަހަރެން ރޫމު ބޯއީއެއްގެ ގޮތުގައި މިތަނުގައި މި މަސައްކަތް މި ކުރީ ހަމައެކަނި މި ބޭނުމުގައި. މިއަދު ތިޔަ ދެ މީހުން ރާއްޖެއިން ފުރައިގެން ދިޔުމަށްފަހު މި ފިލްމު ނިމުނީ. އަހަރެން ވެސް އަހަރެންގެ ގޮތުގައި މަސައްކަތަށް ނުކުންނާނަން." ނާއިޝް ބޭރަށް ނުކުންނަށް ހިނގައިގަތެވެ.

ފާޑަކަށް ލަދު ވެސް ގަންނަ ގޮތްވި އެވެ. ނާއިޝްއާ މެދު ހިތުގައި އުފެދުނު ހިޔާލުތަކުންނެވެ. އޭނާ ފެނުމުން ހިއްސުތަކުގައި އުފެދުނު ރާޅުބާނި ތަކުންނެވެ. ނަސީބަކީ ގޯހެއް ނެހެދެނީސް ހިތުގައި އޮބި އެޅުނުކަމެވެ. ހިތުގެ މަކާނުގައި ކުރެހުނު ހިޔާލުތަކަށް އަމަލީ ސިފައެއް ނުގެނެވުނު ކަމެވެ. ނުވިތާކަށް އެކަހަލަ ލަފުޒެއް ދުލު ކުރިއަށް ނުގެނެވުނުކަމެވެ.

ނާއިޝް ނުކުތުމުން ޔަޒީދުގެ ދެ އަތް އަހަރެންގެ ކޮނޑުގައި ބާއްވާލި އެވެ. އޭނާގެ ނޭފަތް އަހަރެންގެ ނޭފަތުގައި ޖެހޭ ވަރަށް ކައިރިކޮށްލި އެވެ.

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ހަޔާތުގެ އަޑި ގުޑަންތަކާ މެދު ވިސްނައި ލެވުނެވެ. ފުންކޮށްނެވެ. މާޒީގެ އެކި ކަންކަމަށެވެ. އަހަރެންގެ ހަޔާތަކީ އުފާވެރި ހަޔާތެއް ނޫނެވެ. އޮތީ ހިތި މާޒީއެކެވެ. ކޮންމެ ގޮތެއް ވިޔަސް މައްސަލައެއް ނެތްތާއެވެ. އެއީ މިޒުނާގެ ހަޔާތެވެ. އެ ހަޔާތް މިހައި ހިސާބުން ނިމުނީ އެވެ. ގާތިލެއްގެ ގޮތުގަ އެވެ. ދެން ފެށޭނީ އަހުނާގެ ހަޔާތެވެ. މިޒުނާގެ ހަޔާތުގެ ސުންޕާކަން އެ ހަޔާތަށް ނުފޯރާނެ ބާވަ އެވެ؟ މާޒީގެ ހިތިކަން ތަހައްމަލު ކުރާން ނުޖެހޭނެ ބާވަ އެވެ؟ އަހަރެންގެ އޮތީ ހަމައެކަނި މި ސުވާލެވެ. ޔަގީންވަނީ ޔަޒީދު އެ މާޒީ ހަނދާން ނައްތައިލަ ދޭނެ ކަމެވެ. ހިތި މާޒީން އަހަރެން ނެރެދޭނެ ކަމެވެ.

(ނިމުނީ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox