އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި ނާރުހުން ތަމްރީނުކޮށް، ހޮސްޕިޓަލް ތަރައްގީ ކުރުމަށް ގްލެންއީގަލްސް ގްލޯބަލް ހެލްތު ސިޓީ އާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކޮށްފި އެވެ.
އެ އެމްއޯޔޫގެ އެންމެ މުހިންމު މަގުސަދަކީ އައިޖީއެމްއެޗް އިން ދެވޭ ފަރުވާއަކީ ޒަމާނީ އަދި އެންމެ ފުރިހަމަ ފަރުވާކަމުގައި ކަށަވަރުކުރުމެވެ. އަދި އެއީ އައިޖީއެމްއެޗްގެ ތަރައްގީ އަށާއި މީހުން ބިނާކުރުމަށާއި ތަމްރީނު ކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.
އައިޖީއެމްއެޗުން ބުނީ މީގެ ދަށުން ޑޮކްޓަރުންނާއި ނަރުހުންނަށް ތަމްރީނާއި އޮބްޒާވާޝިޕް އާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތަކާއި ހޮސްޕިޓަލުގެ އެކި ޑިޕާޓްމަންޓުތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެވޭ ކަމަށެވެ.
މި ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްޓަކައި ވޯލްޑައިވްސްގެ ފަރާތުން ޖީޖީއެޗްސީ އާއި ރާއްޖޭގެ ރެޕްރެޒެންޓޭޓިވްގެ އެއްބާރުލުމާއެކު އެވެ.
އެކި ބަލިތަކަށް ފަރުވާދޭ ހާއްސަ މަރުކަޒުތައް ގާއިމް ކުރެވިފައިވާ މި ހޮސްޕިޓަލް ޗެއިންގައި އައިޖީއެމްއެޗްއަށް ތަފާތުއެކި ދާއިރާތަކުން އޮބްޒާވާޝިޕް ހެދުމުގެ ފުރުސަތު ލިބެ އެވެ. އަދި ވަކިން ހާއްސަކޮށް ގޭސްޓްރޮސައިންސް އާއި ނިއުރޯސާރޖަރީގެ އިތުރުން ތަފާތު ސްޕެޝަލިސްޓް ދާއިރާތަކުން އައިޖީއެމްއެޗްއަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ހަމަޖެހިފައއިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

"މި އެމް އޯ ޔޫގެ ދަށުން އައިޖީއެމްއެޗުން ހިދުމަތް ނުލިބޭ ދާއިރާތަކަށް ހާއްސަ ޑޮކްޓަރުން އައިޖީއެމްއެޗް ގައި ބަލި މީހުން ބެލުމާއި ސާޖަރީކުރަން ހަމަޖެހިފައިވޭ. އެހެންކަމުން ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުނުކޮށް ބަލިމީހުންނަށް ލުއިފަސޭހަވާނޭހެން ރާއްޖޭގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ،" އައިޖީއެމްއެޗުން ބުންޏެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ އައި.އެޗް.އެޗް ހެލްތުކެއާގެ ދަށުން ހިންގޭ ހޮސްޕިޓަލުތަކެކެވެ. މުޅި ޖުމްލަ 84 ހޮސްޕިޓަލް ހިންގާ މި ގުރޫޕުގެ ހޮސްޕިޓަލްތައް ސިންގަޕޫރު، މެލޭޝިޔާ، ތުރުކީ އަދި އިންޑިއާގައި ވަނީ ގާއިމްކޮށް ފައެވެ.
ގްލެންއީގަލްސް ގްލޯބަލް ހޮސްޕިޓަލްސް އަކީ ދުނިއޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ އެންމެ މަތީ ފެންވަރުގެ ޒަމާނީ ފަރުވާދެވޭ ހޮސްޕިޓަލްތަކެކެވެ.













