ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

ހަތްވަނަ ބަޔާ ގުޅޭ

"އެރޭ އޭނާ ސަލާމަތްވީ ކީއްވެ؟" ޔަޒީދުގެ ބަރު އަޑު ކަންފަތުގައި ޖެހުނެވެ.

ހިޔާލުތަކުގެ ދުނިޔެއިން އަހަންނަށް ނިކުމެވުނެވެ. ލޮލަށް ގިނަވެ ބަރު ޖެހުނު ކަރުނައިގެ އަސަރުތައް ކޯތާފަތާހަމަށް ކުރި އެވެ. މަޑުމަޑުން ދެ ލޯ ފޮހެލެވުނެވެ. ކަރުބުޑުގައި ގިނަވި ދަވަތަކުގެ ސަބަބުން ހިންދިރުވާލަން އުނދަގޫވާން ފެށި އެވެ. ދެ ފަހަރަކު ކަރުކެހިލާން ޖެހުނީ އެހެންވެ އެވެ. އަޑުގައި ހުރި ތުރުތުރާއި ލޮލަށް ޖަމާވި ކަރުނަތަކުގެ ސަބަބުން އަހަރެންގެ ހާލަތު ބަދަލުވެފައިވާކަން ޔަގީން ކުރެވުނެވެ. އެކަން ޔަޒީދަށް ވެސް އިހުސާސްކުރެވުނެވެ.

"ރޮނީތަ؟" ޔަޒީދު އަހައިލި އެވެ.

"ކީއްވެ؟" އަހަންނަށް ކޮށްލެވުނީ ސުވާލެކެވެ.

"ކޮބާ؟" ބަދަލުގައި ޔަޒީދު ވެސް ކޮށްލީ ސުވާލެކެވެ.

"ހަބީބު ސަލާމަތްވީ؟ އެރޭ ހިނގީ ކޮން ކަމެއް؟"

"މިޒޫއަށް އެއްވެސް ކަމެއް ނޭނގޭތީ އަހަރެން ހަމަ އަޖައިބު ވެއްޖެ." ޔަޒީދު ލަސްލަހުން ބުނެލި އެވެ.

ޔަޒީދު ފެށީ ދިގު ވާހަކައެކެވެ. އޭނާ ސިފަކޮށްދެވޭތޯ މަސައްކަތްކުރީ ހަބީބުގެ ހަރަކާތްތަކެވެ. އެރޭ ހަބީބަށް ލިބިފައިވާ އާދަޔާ ހިލާފު ބުންވަރެވެ. ބާރުތަކެވެ. އޭނާ އުޅުނު ގޮތެވެ. ހީވަނީ އެ ހުރިހާ މަންޒަރެއް ބަލަން ހުރި މީހަކު އެކަންކަން ކިޔައިދެމުން ދިޔަ ހެންނެވެ. އެ މަންޒަރުތައް އަހަރެންގެ ލޮލަށް ސިފަވަމުން ދިޔަ އެވެ. އެކަމުން ހިތަށް އުނދަގޫ ކުރަމުން ދިޔަ އެވެ.

ހަބީބުގެ ކަންކަން އަހަންނަށްވުރެ ބޮޑަށް ޔަޒީދަށް އެނގެނީ ކީއްވެ ހެއްޔެވެ؟ ޔަޒީދަކީ ހަބީބުގެ ކާކު ހެއްޔެވެ؟ އޭނާގެ މަގުސަދަކީ ކޮބާ ހެއްޔެވެ؟ ޔަޒީދު އެ އުޅެނީ ކީއް ކުރަން ހެއްޔެވެ؟ ކޮން ކަމެއް ހާސިލުކުރާން ހެއްޔެވެ؟

"ކިހިނެއް އެނގުނީ؟" އަހަންނަށް އަހައިލެވުނެވެ.

"ތި ސުވާލުގެ ޖަވާބު ތަންކޮޅެއް ފަހަށް ބާއްވަން ވީނު! އަހަރެން ބޭނުން ތި ސުވާލަށް ވެސް ރަނގަޅު ޖަވާބުދޭން." ޔަޒީދު ހިންދިރުވާލި އެވެ.

އަހަންނަށް އިނދެވުނީ އެވެ. ވިސްނާށެވެ. ފިކުރު ކުރާށެވެ. ޔަޒީދު ދެއްކި ވާހަކަތަކާ މެދުގަ އެވެ. އޭނާ އެ ހުރިހާ ކަމެއް އަކުރުން އަކުރަށް އެ ކިޔައިދިނީ ފޮރުވުމެއް ނެތި އެވެ. އިތުރު ކުރުމެއް ވެސް ނެތި އެވެ.

"އެރޭ؟" އަހަންނަށް ބަލައިލެވުނީ ޔަޒީދުގެ މޫނަށެވެ.

"ކިހިނެއްވީ؟"

"ކީއްވެ ސަލާމަތްވީ؟" އަހަންނަށް އަހައިލެވުނެވެ.

"ފިރިމީހާ ވީމަ! އެއީ މަސްތުވާ އެއްޗެއް ނޫން. ބޭހެއް. މަނާ ބޭހެއް ވެސް ނޫން. އޭނާ ބޭސް ބޭނުން ކުރި މިންވަރު އިތުރުވީ،" ޔަޒީދު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. "ދެން އޮތީ ގާނޫނު. އޭރު ގާނޫނު އޮތް ގޮތުން އެއީ މައްސަލައަކަށް ބެލޭނެ ގޮތެއް ނެތް. ހިނގައިދިޔަ ކަމަކީ ދެ މީހުންގެ ޒާތީކަމެއް ވީމަ އެޅޭނެ ފިޔަވަޅެއް ނެތް."

ޔަޒީދުގެ ވާހަކަތަކުގެ ރާގު ހުރި ގޮތުން އެހެން އެއްޗެއް ހީވާން ފެށި އެވެ. އެހެން މާނައެއް ދޭހަވާން ފެށި އެވެ. އޭނާގެ ބަސްމަގުންނެވެ. އެ ވާހަކަތަކުގެ ރާގުންނެވެ. އެއީ ގާނޫނީ ވަކީލެކޭ ހިތްބުނެލި އެވެ. އަނެއް ފަހަރު އެއީ ފުލުސް އޮފިސަރެކޭ ވެސް ހިތަށް އެރި އެވެ.

"ތީ ޕޮލިހެއްތަ؟" އަހަންނަށް އަހައިލެވުނެވެ.

"ކޮބާ މައްސަލައަކީ؟" ޔަޒީދު ހިނިތުންވެލި އެވެ.

"މާނައަކީ އާއެކޭތަ؟"

"ނޫން! ވިޔަސް މައްސަލައެއް ނެތެއްނު ދޯ." ޔަޒީދުގެ ހިނިތުންވުމުން ފާޅުވީ އުފާވެރި މަންޒަރެކެވެ.

"އަހަރެން ހީކުރީ؟" އަހަރެން ބޭނުންވީ ޔަޒީދުގެ އަސްލު ދެނެގަންނާށެވެ.

"އަހަންނަކީ ޕޮލިހެއް ކަމަށް ދޯ!" ޔަޒީދު ހިނިތުންވުމާއެކު އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ނޫން!"

ތެދުބަހުން ވާހަކަ ދެއްކުމަކީ އަހަރެންގެ އާދައެކެވެ. އެހެންވެ އަހަންނަށް ދޮގު ހެދުމަށް ދަތިވާނެ އެވެ.

"ދެން؟"

"އަހަރެން ހީކުރީ ޔަޒީދު ތީ... ތީ އެހެން މީހުންހެން... އެހެން މީހުންހެން... ފައިސާއަށް..." އަހަންނަށް ވާހަކަދެއްކުނީ ލަސްލަހުންނެވެ.

"ފައިސާއަށް އުފާ ހާސިލުކުރާ މީހެއް ކަމަށޭ ދޯ." ޔަޒީދު ބުނެލި އެވެ.

އަހަރެން ބޯ ހަރަކާތްކޮށްލީމެވެ. އާއެކޭ ބުނުމުގެ ގޮތުންނެވެ. ހަގީގަތަކީ ވެސް އެއީ އެވެ. އަހަރެން މި ހުރިހާ އިރު ވިސްނައިގެން އަދި ގަބޫލުކޮށްގެން ވެސް މި ހުރީ އެގޮތަށެވެ. ހަބީބު އަތުން އަހަރެން އެއް ރެޔަކަށް ގަނެލީ ކަމަށެވެ. އެވެސް ބޮޑު އަގުގައި ކަމަށެވެ.

"މައްސަލައަކީ އަހަރެންތަ؟" ޔަޒީދު އަހައިލި އެވެ.

"ތި ބުނީ؟" އަހަރެން ބުނެލީމެވެ.

"ހަލާލު އަނބިމީހާ ފައިސާއަށް ވިއްކުމަކީ އަހަރެންގެ މައްސަލައެއް ހެއްޔޭ؟" ޔަޒީދު ބުނެލި އެވެ.

އަހަންނަށް ވިސްނައިލަން މަޖުބޫރުވި އެވެ. ޔަޒީދުގެ ވާހަކަ އެވެ. އޭނާ ބުނި ޖުމުލައަށެވެ. އެއީ ކިހާ ބޮޑު ވާހަކައެއް ހެއްޔެވެ؟ ކިހާ ބުރަދަނެއް ހުރި ވާހަކައެއް ހެއްޔެވެ؟ އަހަރެން މިވަނީ ފައިސާއަށް ޓަކައި ހިލޭ ފިރިހެނަކަށް އެއް ރެޔަށް ވިއްކާލައިފަ އެވެ. އެވެސް އަހަރެންގެ ފިރިމީހާ ކަމުގައި ދެކެމުން އައި މީހާ އެވެ.

އަހަންނަށް ފުން އަސަރުތަކެއް ކުރަމުން ދިޔަ އެވެ. ބުނާން ނޭނގޭ ކަހަލަ އުނދަގޫ ތަކެއް ވެރިވަމުން ދިޔަ އެވެ. ބޮލަށް ބަރުވަމުން ބަރުޖެހެމުން ދިޔަ އެވެ. ނޭވާ އަވަސްވެ މީހާ ހިމޭންވަމުން ދިޔަ އެވެ.

އަހަރެންގެ މުޅި ވިސްނުން ބަދަލުވަމުން ދިޔަ އެވެ. ކުރިން ނުކުރެވޭ އެތައް އިހުސާސެއް ކުރެވެމުން ދިޔަ އެވެ. ހަބީބާ މެދު ނުވިސްނާ އެތައް ގޮތަކަށް ވިސްނޭން ފެށުނެވެ. ހަބީބުގެ ބޭނުމާ މެދުގަ އެވެ. އޭނާގެ މިޒާޖާ މެދުގަ އެވެ.

"ކޮން ވިސްނުމެއްގަ؟" ހިމޭންކަން ފޫ އަޅުވާލީ ޔަޒީދެވެ.

އަނގައިން ބުނާނެހާ ހިތްވަރެއް ނުލިބުނެވެ. އެއަށްވުރެ ބޮޑަށް ފޫހިކަމެއް ވެރިވަމުން ދިޔަ އެވެ.

"އެނގޭ ނުވިސްނަމޭ ބުންޏަސް މިހާރު ވިސްނާނެ ކަން ވެސް." ޔަޒީދު އަހަންނާ ގާތަށް ޖެހިލި އެވެ.

އަހަންނަށް ދުރަށް ޖެހިލެވުނެވެ. ފާޑެއްގެ ފޫއްސެއްވި އެވެ. ޔަޒީދާ މެދު ދެކެވެމުން އައި ގޮތް އެއްކޮށް ބަދަލުވާން ފެށި އެވެ.

އެއީ ބައެއް މީހުންގެ އާދައެކޭ ހިތަށް އެ ރީތީ އެވެ. އެކި މީހުން ކަދުރު ކާނީ އެކި ގޮތަށެވެ. އެއްބަޔަކު އަތުންނެވެ. އަނެއް ބަޔަކު ރަން އިލޮށިންނެވެ. ޔަޒީދަކީ ކާކުކަން އަހަންނަކަށް އަދިވެސް ނޭނގެ އެވެ. އޭނާގެ މަގުސަދެއް، ބޭނުމެއް ނުވިސްނެ އެވެ.

ބައެއް މީހުން، މީހުންގެ ބޮލަށް ވަދެގަންނަނީ ފުރަތަމަ ނަޒަރުންނެވެ. އަނެއް ބަޔަކަށް އެ ދައުވަތު ލިބެނީ އެކު އުޅެ ކަންކަން ހިއްސާކުރެވި، ކަންކަމާ މެދު ދެކޭ ގޮތްތައް އެއްގޮތްވުމުގެ ތެރެއިންނެވެ. އަނެއްބަޔަކަށް އެއީ އެކްސިޑެންޓެކެވެ. ނޭނގި ތިއްބާ ހިތަށް ހިތްމެހެނީ އެވެ. ދެން ތިބީ މަޑުމަޑުން ލަވަމުން ލަވަމުން ގެނެސް މަޅި މައްޗަށް އަރުވާ ޒާތުގެ މީހުންނެވެ. އެއީ އަހަރެން ދަންނަ ކަންކަމެވެ. ތަޖުރިބާކުރި ސިފަތަކެކެވެ.

ޔަޒީދު އެ އުޅެނީ މުޅީން އެހެން ގޮތަކަށެވެ. ހަމްދަރުދީގެ ސާލެއް ފަތުރައިގެން އޭނާ ބޭނުންވަނީ އެ ސާލުގެ މައްޗަށް އަހަރެން ގެންދާށެވެ. ސާލުގެ މައްޗަށް އަހަރެން އަރާއިރަށް މުޅި ސާލު ވަށައިލާށެވެ.

"އަހަންނަށް އެނގޭ ބޭނުމަކީ ކޮބައިކަން!" އަހަންނަށް ބުނެލެވުނެވެ.

"ކީކޭ؟" ޔަޒީދު ހައިރާން ކަމާއެކު ބުނެލި އެވެ.

"މަކަރާއި ހީލަތުން އަހަރެންގެ ގަޔަށް އަތްލައިގެން..." އަހަންނަށް ބުނެވުނީ އެވަރަށެވެ.

"ނޫން... ނޫން.." ޔަޒީދު އަވަސް އަވަހަށް ބުނެލެވުނެވެ.

"ދެން؟" އަހަރެން އިނީ ދޫދޭ ގޮތަކަށް ނޫނެވެ.

"އަހަންނަށް ހީވަނީ އަދި ތި ވިސްނެނީ އެންމެ ރަނގަޅަކަށް ނޫން. އެބަޖެހޭ ވިސްނުން ބަދަލުކުރާން." ޔަޒީދު ބުނެލި އެވެ.

"ކޮން ވިސްނުމެއް. ހުރިހާ ކަމެއް ހާމައަށް ފެންނާން އޮއްވާ! ހުރިހާ ހަރަކާތެއް އެއްގޮތަކަށް ތަރުތީބު ކުރަމުންދާއިރު ދެން ކޮން ވިސްނުމެއް." އަހަރެން ރުންކުރުވި އެވެ.

"ކޮން ކަމެއް؟"

"ފައިސާގެ ދަޅަ ދައްކައިގެން ފިރިމީހާ އަތުން އަހަރެން ގަނެލުން. ކޮޓަރިއަކަށް ވަދެ ތަޅުލައިގެން ތިބެން ޖެހުން. މާ އިމޯޝަނަލްކޮށް ވާހަކަދައްކައިގެން އަހަރެންގެ ޖަޒުބާތާ ކުޅެލުން." އެއްފަހަރާ އަހަރެން އަމުނައިލީމެވެ.

"އައިން!" ސުވާލުގެ ނަޒަރުން ޔަޒީދު ބަލައިލީ އަހަރެންގެ މޫނަށެވެ.

"ފާހާނާއަށް ވަނުން. ހުރިހާ ކަމެއް އެނގޭ ކަމަށް ހެދިގެން އަހަރެންގެ އިހުސާސްތަކާ ކުޅެލުން. އެންމެފަހުން ކައިރިވަމުން ކައިރިވަމުން އައިސް ގަޔާ ހަމައަށް އަތްފޯރުވުން." ނުބުނެވި ހުރި ހުރިހާ ވާހަކައެއް ވެސް އަމުނައިލީމެވެ.

ޔަޒީދު ފުން ނޭވާއެއް ބޭރުކޮށްލި އެވެ. އެއަށްފަހު، އަހަރެންގެ މޫނަށް ބަލައިލި އެވެ. ޖަޒުބާތުން ފުރިގެންވާ ގޮތެއްގައި އޭނާ ބަލައިލީ އަހަރެންގެ މޫނަށެވެ.

"އަހަރެން މި އުޅެނީ އެންމެ ކަމެއް! ހަމަ އެންމެ ކަމެއް ހާސިލުކުރެވޭތޯ. އެންމެ ބޭނުމެއް ހާސިލުކުރެވޭތޯ!"

"އަހަރެން ވެސް މިދައްކަނީ ތި ވާހަކަ،" ޔަޒީދުގެ ވާހަކަ މެދު ކަނޑުވައިލަމުން އަހަރެން ފެށީމެވެ. "ކީއްވެތަ ކިރިޔާ ވެސް ފައިސާ ފޮއްޗެއް އަތަށް އަރާ އިރަށް ކަލޭމެން ފިރިހެނުންގެ ވިސްނުމާއި ފިކުރު ބަދަލުވަނީ؟ ކަލޭމެންނަށް ހީވަނީތަ އަންހެނުންނަކީ ނިކަމެތި އާރެއް ބާރެއް ނެތް ބަޔެކޭ؟ ކަލޭމެންނަށް ހީވަނީތަ؟ އަހަރުމެން އަންހެނުންނަކީ ކުޅޭކުޅޭ ބުދުތަކެކޭ؟ ބޭނުންވީ ބޭނުންހާ ކަމެއް ކޮށްފަ، ބޭނުން ނުވީމަ ވިއްކާލައިފަ."

ޔަޒީދު ހިމޭނުން އިނީ އެވެ. އަހަރެން ރުޅި އައިކަން އޭނާއަށް އެނގުނީ ކަން ނޭނގެ އެވެ.

"ކަލޭ އަހަރެން ގަނެލުމަށް ހޭދަކުރި ފައިސާ ކީއްވެތަ އެހެން ކަމަކަށް ހޭދަ ނުކުރީ؟ ކޮބައިތަ ކަލޭގެ ބޭނުމަކީ؟"

"މިޒޫއަށް އަމާންކަން ހޯދައިދިނުން. މިޒޫ މި ހުރިހާ ކަމަކުން ސަލާމަތް ކޮށްދިނުން." ޔަޒީދުގެ އަޑުގައި ހުރީ މަޑުމައިތިރި ގޮތެވެ.

އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ބަލައިލެވުނީ ޔަޒީދުގެ މޫނަށެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox