އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ނެރޭ ވިޕްލައިނާ މެންބަރުން ހިލާފުވެއްޖެނަމަ އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެއް އަހަރަށް ޕާޓީގެ ޓިކެޓު, އިންތިހާބުތަކުގައި ވާދަކުރުމަށް ނުލިބޭ ގޮތަށް އޮތް މާއްދާ އިސްލާހުކޮށް އެ މުއްދަތު ފަސް އަހަރަށް ބަދަލު ކުރުމަށް ތާއީދު ކުރައްވާ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ އިއްޔެ އެވެ.
ހައިކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދު މަގާމުން ވަކިކުރަން އެމްޑީޕީގެ ޕީޖީން ނެރުނު ތްރީ ލައިން ވިޕާ ހިލާފުވި ފަސް މެމްބަރަކަށް މިއަދު ވަނީ ފިޔަވަޅު އަޅާފަ އެވެ. އެކަން "އަދަދު" އަށް ކަށަވަރުކޮށްދެއްވަމުން އަސްލަމް ވިދާޅުވީ ޕާޓީގެ އަސާސީ ގަވާއިދުގައި ވެސް އެގޮތަށް މާއްދާއެއް ހިމެނުމަށް ހުށަހަޅުއްވާނެ ކަމަށެވެ.
"އެންމެ ފުރަތަމަ މެމްބަރުން ޕްރައިމަރީއަކުން އިންތިހާބު ކުރަނީ ވެސް ޕާޓީގެ ވިޕްލައިނާ އެއްގޮތަށް ވޯޓު ދޭން. އެއާ ހިލާފު ނުވެ އަދި ޕާޓީގެ އުސޫލުތައް ވެސް ހިފެހެއްޓުމަށް ބަދަލުތައް ގެންނާނީ،" އަސްލަމް މި ނޫހަށް ވިދާޅުވި އެވެ.
ފަނޑިޔާރު ހަމީދު ވަކިކުރުމަށް ނެރުނު ވިޕާ ދެކޮޅަށް ވޯޓު ދެއްވީ ކަނޑިތީމު ދާއިރާގެ މެމްބަރު އަބްދުﷲ ޝަހީމް، މާފަންނު ދެކުނު ދާއިރާގެ މެމްބަރު އާދަމް އަލީ، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަދި ފުވައްމުލަކު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އެވެ.
އެ ހުރިހާ މެމްބަރުންނަށް ވެސް ވިޕާ ހިލާފުވެއްޖެ ނަމަ އަޅާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފިޔަވަޅު ވަނީ އަޅާފަ އެވެ. އެއީ، ރަސްމީކޮށް ނަސޭހަތް ދިނުމެވެ.

ދެވަނަ ފަހަރު އެފަދަ ކަމެއް ތަކުރާރުކޮށްފިނަމަ ނަސޭހަތްދީ މާފަށް އެދެން އަންގާނެ އެވެ. އަދި، ތިންވަނަ ފަހަރު ޕާޓީން ދޭ އިނާޔަތްތައް ކަނޑާލާނެ އެވެ. އޭގެ ފަހުން ވިޕާ ހިލާފުވެއްޖެނަމަ ޕާޓީގެ މަގާމުތަކުން ވަކިކޮށް، އެއް އަހަރަށް ޓިކެޓު ނުދޭން ނިންމާނެ އެވެ. އަދި، ފަސްވަނަ ފަހަރު އެމްޑީޕީން ވަކިކުރާނެ އެވެ.
ފަސް އަހަރު ދުވަހަށް ޕާޓީގެ ޓިކެޓު ނުލިބޭ ގޮތަށް އަސާސީ ގަވާއިދަށް ބަދަލުތަކެއް ގެންނަނަ ނަމަ އޮގަސްޓު މަހު އޮންނަ ކޮންގްރެސްއަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. އެއީ އެމްޑީޕީގެ އަސާސީ ގަވާއިދަށް ބަދަލު ގެނެވޭނީ ޕާޓީގެ ކޮންގްރެސްއިން ކަމަށްވާތީ އެވެ.
މިފަދަ ބަދަލެއް ހުށަހަޅުއްވާނެ ކަމަށް އަސްލަމް ވިދާޅުވެފައިވާއިރު އެމްޑީޕީގެ ޕީޖީން ނެރޭ ވިޕްލައިންތަކާ ހިލާފަށް ވޯޓު ދޭން އިއްޔެ, ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ހުންނަވައި 18 މެންބަރަކު ވަނީ އެއްބަސްވެ, އެކަން އިއުލާން ކުރައްވާފަ އެވެ. އެއާއެކު އެ މެންބަރުންނާމެދު ފިޔަވަޅު އެޅުމުގެ އަޑު ގަދަވި އެވެ.
އެ 18 މެންބަރުންގެ ތެރޭ ހިމެނޭ އީވާ އިއްޔެ ޕާލިމެންޓްރީ ގްރޫޕުގެ ވަޓްސްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ މެޖޯރިޓީއަށް ތަބާވުމަކީ ޑިމޮކްރަސީގެ އެއް ސިފަ ކަމަށާއި ޑިމޮކްރަސީއަކީ މެޖޯރިޓީއަށް ތަބާވުމާއެކު މައިނޯރިޓީއަށާއި މައިނޯރިޓީގެ ބަހަށް ޖާގަ އޮތުން ކަމަށެވެ.
"...އެއީ ޕާޓީގެ އެތެރޭގައި ވިޔަސް, ކޮމިޓީއެއްގައި ވިޔަސް, ކޮންމެ ބަހުސެއްގަ ވިޔަސް, މެޖޯރިޓީ އޮތަސް މައިނޯރިޓީ އަދި އެހެން ހިޔާލުތަކަށް ޖާގަ އޮތުން," އީވާ ވިދާޅުވި އެވެ.
އެމްޑީޕީން މީގެކުރިން ނެރުނު ވިޕް ލައިންތަކާ ތަކުރާރުކޮށް ހިލާފުވި މެމްބަރުން ޕާޓީން ވަކިކޮށްފައި ވެސް އެބަހުއްޓެވެ. ނަމަވެސް، ނަވާރަވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އެމްޑީޕީއަށް ލިބި، މި މަޖިލީހަށް ފަހު އެފަދަ ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
ނަޝީދު އިސްކޮށް ހުންނަވައި, ވިޕްލައިންތަކާ ދެކޮޅަށް މެންބަރުންތަކެއް އިއްޔެ ނުކުތީ ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވުމާއެކު އެވެ.
އޭގެ އިތުރުން، ހައިކޯޓުގެ ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ, މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ޗެއާ ކުރައްވާ ޖުޑިޝަރީ ކޮމިޓީން އަނބުރާ ފޮނުވާލަން ނިންމާފައިވަނިކޮށް ޕާލިމެންޓްރީ ގްރޫޕުން ވަނީ ތަޅުމުން ފަނޑިޔާރުން ވަކިކުރުމަށް ވޯޓު ދޭން ވިޕްލައިން ނެރެފަ އެވެ.
އޭގެފަހުން ކީރިތި ރަސޫލާއަށް އިންޑިއާގެ ބީޖޭޕީގެ މެންބަރަކު ފުރައްސާރަކުރި މައްސަލަ ކުށްވެރިކުރަން އިދިކޮޅުން ހުށަހެޅި ގަރާރު ބޭރުކޮށްލަން ވެސް އެމްޑީޕީން ވިޕްލައިން ނެރުނެވެ. މި ދެ ވިޕްލައިންއާ ގުޅިގެން އެމްޑީޕީގެ ތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުންތައް އޮތެވެ. ހާއްސަކޮށް އެކަމާ ދެކޮޅަށް ނަޝީދަށް ތާއިދު ކުރައްވާ މެންބަރުން އަޑު އުފުއްލެވި އެވެ.
ބައެއް މުހިންމު ހަބަރުތައް
- ދަރަނި އިތުރުވިޔަސް، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވުމާއި ދަރަނި އަދާކުރަން ރާވާ ކަންކަމާއެކު، ދަރަނި ނުދެއްކޭނެ، އަދި އިގުތިސޯދަށް ބޮޑު ލޮޅުމެއް އަރާނެ ހާލަތެއް ނުފެންނަ ކަމަށް ސަރުކާރުން ބުނިކަން ރިޕޯޓުކުރީ އިއްޔެ އެވެ.
- ރާއްޖޭގެ ކޮވިޑް ހާލަތު އިތުރު ވާން ފަށާފައިވީ ނަމަވެސް, އެއްވެސް ހަރުކަށި ފިޔަވަޅެއް އެޅުމުގެ ވިސްނުން ނެތް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އިއްޔެ އެވެ.
- ދަރަނި ރީސްޓްރަކްޗާ ކުރުމަށް ބޭނުންވާ ކަންކަން ތަރުތީބު ކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ގަރާރެއް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕަށް ފޮނުވުމުން އެ ގަރާރު ހުށަހަޅަން ތާއީދު ނުކުރަން ގިނަ މެންބަރުން ވޯޓު ދެއްވީ އިއްޔެ އެވެ.
ދުވަހުގެ ކޯޓޭޝަން
އެމްޑީޕީގެ ޕީޖީން ނެރޭ ވިޕްތަކަށް ތަބާނުވާނެކަން ހާމަކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ:
އަޅުގަނޑު ހަމަ ގައިމު ވެސް ބަހުސަށް ޖާގަ ނުދޭ ވިޕްލައިންއަކަށް ތަބާވާކަށް ބޭނުމެއް ނޫން, ހަދާނެ އެއްޗެއް ހަދާ, އަޅުގަނޑު އިންތިހާބު ކުރީ ބަހުސްކުރަން, އެޅިހާ ބަތަކަށް ރިހަވާކަށް ނޫން,
ދުވަހުގެ ފޮޓޯ

އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ސްޓޭޖުގައި ރާއްޖޭން ކުޅުނު ފަހު މެޗުގައި ލަންކާ ކޮޅަށް ލަނޑު ޖެހުމަށް ފަހު ރާއްޖޭގެ ހަމްޒާ މުހައްމަދު (ހަމްޕު) އުފާ ފާޅުކުރަނީ. މި މެޗުން ރާއްޖެ މޮޅުވީ 1-0 އިން. ކުރިން ކުޅުނު ދެ މެޗުން ބަލިވެ ރާއްޖެއަށް އޭޝިއަން ކަޕްގެ ފުރުސަތު ވަނީ ގެއްލިފައި --- ފޮޓޯ: އެފްއޭއެމް












