ޔުނިވާސިޓީތަކާއި ކޮލެޖް އަދި ހައި ސްކޫލްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ "އައިޔޫއެމްއެސްޔޫ ހޭންޑްބޯލް ފިއެސްޓާ 2022"ގެ ފައިނަލް މާދަމާ ކުޅޭގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ފަރާތުން، މޯލްޑިވްސް ހޭންޑްބޯލް އެސޯސިއޭޝަނާ ގުޅިގެން ކުރިއަށް ގެންދާ މުބާރާތެކެވެ.
ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދިޔަ މުބާރާތުގައި އިއްޔެ ސެމީ ފައިނަލުގެ މެޗުތައް ނިންމާލާފައިވާއިރު, ފިރިހެން ބައިން ކްލިކް ކޮލެޖް ބަލިކޮށް ފައިނަލަށް ގޮސްފައި ވަނީ މެޕްސް ކޮލެޖް އެވެ. ސެމީ ފައިނަލުގެ ދެ ވަނަ މެޗުގައި ވިލާ ކޮލެޖް ބަލިކޮށް, ފައިނަލަށް ގޮސްފައި ވަނީ އެމްއައި ކޮލެޖް އެވެ.
އަންހެން ބައިން ސީއެޗްއެސްއީ ބަލިކޮށް ފައިނަލަށް ދަތުރުކޮށްފައިވަނީ ކްލިކް ކޮލެޖް އެވެ. ސެމީގެ ދެ ވަނަ މެޗްގައި ވިލާ ކޮލެޖްގެ މައްޗަށް ކުރި ހޯދައި ފައިނަލުން ޖާގަ ހޯދާފައިވަނީ ގައުމީ ޔުނިވާސިޓީ އެވެ.
ފައިނަލް މެޗް އޮންނާނީ މާދަމާ ރޭ, ގައުމީ ހޭންޑް ބޯލް ދަނޑުގަ އެވެ. ކޮލެޖް ދަރިވަރުންގެ މެދުގައި ފޯރީގައި ކުރިއަށް ދިޔަ މުބާރާތް ބެލުމަށް ގިނަ ސަޕޯޓަރުން ދަނޑަށްދާއިރު، މި މުބާރާތް އެސްޓީއޯ, އެލިއާ އަދި އުރީދޫއިން ވަނީ ސްޕޮންސާކޮށްފަ އެވެ.
މި މުބާރާތުގެ އޮގަނައިޒިން ޕާޓްނަރަކީ ކްލަބް ޒެފްރޯލް އެވެ.

ކްލިކް ކޮލެޖާއި ސީއެޗްއެސްއީ ބައްދަލުކުރި ސެމީ ފައިނަލްގެ މެޗްގެ ތެރެއިން - ފޮޓޯ: މުހައްމަދު ޝާބިން
މި މުބާރާތުގައި ޔުނިވާސިޓީ/ކޮލެޖް ތަކުން ހަތް ޓީމް އަދި ހައި ސްކޫލްތަކުން އެއް ޓީމު ބައިވެރިވި އެވެ. ޔުނިވާސިޓީ/ކޮލެޖްތަކުން ބައިވެރިވެފައިވާ ޓީމުތަކަކީ ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުން، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ދަރިވަރުންގެ ޔޫނިއަން، ވިލާ ކޮލެޖް ސްޓޫޑެންޓްސް އެސޯސިއޭޝަން، މެޕްސް ކޮލެޖް، ކްލިކް ކޮލެޖް، މޯލްޑިވްސް ބިޒްނަސް ސްކޫލް އަދި އެމްއައި ކޮލެޖެވެ.
ހައި ސްކޫލް ތަކުން ބައިވެރިވެފައިވަނީ ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ) އިންނެވެ.
މި މުބާރާތުގެ ފިރިހެން ބައިގައި ހަތް ޓީމު އަދި އަންހެން ބައިގައި އަށް ޓީމު ވާދަކުރި އެވެ.
އިސްލާމީ ޔުނިވާސިޓީގެ ދަރިވަރުންގެ ގުޅުމުގެ ކުޅިވަރު ސެކްރެޓަރީ އަހުމަދު ވަފާދު ހިލްމީ ވިދާޅުވި ގޮތުގައި މި މުބާރާތް ބޭއްވުމުގެ މަގުސަދަކީ ހޭންޑްބޯލް ކުޅޭ ޒުވާން ކުޅުންތެރިން އުފެއްދުމެވެ. އަދި ގިނަ އަހަރުތަކެއް ވަންދެން އިންޓަ ކޮލެޖް ހޭންޑްބޯލް މުބާރާތް ނުބޭއްވި އޮތުން ނިމުމަކަށް ގެނެސް ކޮލެޖްތަކުގެ މެދުގައި ފޯރީގައި މި މުބާރާތް ކުރިއަށް ގެންދިއުން ކަމަށް ވަފާދު ވިދާޅުވި އެވެ.












