ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

ފުރަތަމަ ބަޔާ ގުޅޭ

ނާއިޝްގެ ފަހަތުން އަހަރެން ލިފްޓަށް ވަނީމެވެ. އޭނާ ހުރީ ފާޑަކަށް ހެވިފަ އެވެ. ބަދަލުގައި އަހަންނަށް ޖެހުނީ ލަދުގަންނާށެވެ. މި ހުރިހާ އިރު މި ޖެހުނު ސަކަރާތުގެ ސަބަބުންނެވެ. ހިތަށް އަރުވައިގެން އުޅުނު ކަންކަމުގެ ސަބަބުންނެވެ.

"އެކަނިތަ؟" ނާއިޝް ލިފްޓުގެ ނަންބަރަށް ފިތައިލަމުން ހީނލި އެވެ.

އަހަރެން ބޮލުން އިޝާރާތްކޮށްލީމެވެ. އާނ އެކޭ ބުނުމުގެ ގޮތުންނެވެ.

"ސުވާލެއް ކޮށްލަންތަ؟" އަނެއްކާ ވެސް ނާއިޝް އަހައިލި އެވެ.

އޭނާ އަހަންނާ ސުވާލު ކުރަނީ ވަކި ހުއްދައެއް ހޯދައިގެން ހެއްޔެވެ؟ ކުރިން ދެ ފަހަރު ވެސް އޭނާ ދައްކަން ބޭނުންވި ވާހަކައެއް ދެއްކީ އެވެ. އަހަރެންގެ ހުއްދައެއް ނުހޯދަ އެވެ.

"ކީއްވެ ބަލަނީ؟ ހުއްދަ ނެތީތަ؟" އަނެއްކާ ވެސް ނާއިޝް އަހައިލި އެވެ.

"ކުރިން ވެސް ހުއްދައެއް ނުހޯދަމެއްނު." އަހަންނަށް ބުނެވުނީ އެވަރަށެވެ.

"މި ވާހަކައިގެ ގޮތުން ހުއްދައަކަށް އެދެން ޖެހުނީއޭ." ނާއިޝް މޫނުމަތިން ފެންނަމުން ދިޔައީ ސީރިއަސް ކަމެވެ.

"އަހައިބަލަ!"

"މީހަކާ ފިލައިގެންތަ ތި އުޅެނީ؟" ނާއިޝް ދެ ލޮލަށް ގޮތެއް ހަދައިލި އެވެ.

އަހަންނަށް ބަލައިލެވުނީ ނާއިޝްގެ މޫނަށެވެ. ކޮނޑުގެ ދެ ފަރާތުން ބުރަކަށި މަތިން ދުވެގަތް ތުރުތުރު ގޮސް ހިނދުނީ ކުޑަކަޅުވާއާ ހަމައަށެވެ. އޭރު ވެސް ނޭނގޭ ތުރުތުރެއް މުޅި ހަށިގަނޑުގައި ދުވަމުން ދިޔަ އެވެ. އެއާއެކު ހިތުގައި އެތައް ސުވާލެއް އުފެދެމުން ދިޔަ އެވެ.

"ކީއްވެ؟" އަހަންނަށް ބުނެވުނީ ކޮން ވާހަކައެއް ކަން އެނގުނީ ވެސް ކިރިޔާ އެވެ. "މި ބުނީ ކާކާހޭ؟"

"މިޒޫއަކަށްނު އެނގޭނީ."

އެ ވަގުތު ލިފްޓުގެ ދޮރު ހުޅުވުނެވެ. އެންމެ ފުރަތަމަ ލިފްޓުން ނުކުތީ ނާއިޝެވެ. އޭނާގެ ފަހަތުން އަހަރެން ބޭރަށް ނުކުތީމެވެ.

"ސެވަން ޒީރޯ ސެވަން." ނާއިޝް އިޝާރާތްކޮށްލީ ކުރިމަތީގައި ހުރި ކޮޓަރިއަށެވެ.

އަހަރެން ދިޔައީ އޭނާގެ ފަހަތުންނެވެ. ލަސް ފިޔަވަޅުތަކެއް އަޅަމުންނެވެ. އޭރު ވެސް ނޭނގޭ ތުރުތުރެއް މުޅި ހަށިގަނޑުގައި ރަސްކަން ކުރަމުން ދިޔަ އެވެ. ނާއިޝްގެ ސުވާލުގެ ސަބަބުން ފާޑަކަށް ބިރު ގަންނާން ފެށީ އެވެ. އޭނާއަށް އަހަރެންގެ ހަގީގަތް އެނގުނީ ހެއްޔެވެ؟ ނޫނީ އޭނާއަށް ކަމެއް ފަޅާ އެރީ ހެއްޔެވެ؟

ކޮޓަރި ދިއްލާނެ ގޮތާއި ފާހާނާ ބޭނުން ކުރާނެ ގޮތުގެ މައުލޫމާތު ހިއްސާކުރީ ނާއިޝެވެ. ކަމެއް ބޭނުން ވެއްޖެ ނަމަ ކަންކަން ކުރާންވީ ގޮތް ވެސް ކިޔައި ދިނީ އޭނާ އެވެ.

"ކެއުން ދޯ!" ނާއިޝަށް ކަމެއް ހަނދާން ވުމުން ބުނެލި އެވެ.

އަހަރެން ބޮޑު ހިނިތުންވުމެއް ތުންފަތުގައި ކުރަހައިލަމުން ހިނިތުންވެލީމެވެ.

"އޯކޭ އަހަރެންގެ ޑިއުޓީ ގަޑީގައި އަންނާނީ އަހަރެން. އަނެއް ޑިއުޓީގައި ހުންނާނީ ރާގިބު. އެއީ ނޭޕާލް ކުއްޖެއް. އޭނާ ހަމަޖައްސައިފަ ބަހައްޓާނަން." ނާއިޝް ބުނެލި އެވެ.

ހުރިހާ ކަމެއް ސާފުކޮށް އޮޅުންފިލުވައިދިނުމަށްފަހު ނާއިޝް ބޭރަށް ނުކުންނަށް ހިނގައިގަތެވެ. އޭނާ ފަސްއެނބުރި ބަލައިލި އެވެ. ލުއި ހިނިތުންވުމަކާ އެކުގަ އެވެ. އަހަންނަށް އަތް ހިއްލައިލެވުނެވެ. ނާއިޝްގެ ކިބައިން ކަމެއް ސާފުކުރާން ބޭނުންވީ އެވެ. ހިތަށް ގިނަވަމުން ދިޔަ ސުވާލުތަކަށް ޖަވާބެއް ބޭނުންވާތީ އެވެ.

"ކިހިނެއްވީ؟ ލަދު ނުގަނެ ބުނޭ. އަހަރުމެންގެ ވަޒީފާއަކީ، ޒިންމާއަކީ ކަސްޓަމަރުންނަށް ބޭނުންވާ ކަންކަން ކޮށްދިނުން. އަހަންނަކީ ދިވެއްސަކަށްވީތީ ލަދު ގަންނާނެ ކަމެއް ނެތް." ނާއިޝް ފުން ނަޒަރަކުން އަހަންނަށް ބަލައިލި އެވެ.

އަހަންނަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ހިތުގައި އޮތް ސުވާލު ކޮށްލަންވީބާ އޭ ހިތަށް އެރި އެވެ. ފަހަރެއްގައި އެ ސުވާލުކޮށްލެވުނީމަ ހިތް ހަމަޖެހުމެއް ލިބިދާނެ އެވެ. ނޫނެކެވެ. އެ ސުވާލުކޮށްފި ނަމަ އަހަރެން ބަދުނާމު ވެދާނެ އެވެ. ލަދުގަންނަން ޖެހިދާނެ އެވެ. ދެރަވެ މާޔޫސްވާން ޖެހިދާނެ އެވެ.

"އަސްލު ކީކޭ ބުނަން ތިޔަ އުޅެނީ؟" ނާއިޝް ކުރިއަށް ޖެހިލި އެވެ.

އަހަންނަކަށް ނުކެރުނެވެ. ފާޑަކަށް ލަދު ގަންނަ ގޮތްވާން ފެށި އެވެ. އިތުރަށް މޭ ތުރުތުރު އަޅައިގަންނަ ގޮތްވި އެވެ.

"އަހަރެން... އަހަރެން.." ބުނަން އުޅުނު ވާހަކަ ދުލާ ހަމައަކަށް ތިލައެއް ނުވި އެވެ.

"ހޫމް، ހަމަޖެހިފަ ބުނެބަލަ."

"މި ބުނީ. އަހަރެން ބުނަން އުޅުނީ... ބުނަން... ބުނަން.." ފާޑަކަށް އަޑު ވެސް ތުރުތުރު އަޅައިގަތެވެ.

"އަދި ނުބުނަމެއްނު. ބުނަން ތި އުޅުނީ ކީކޭތަ؟" ނާއިޝް ޖޯކު ޖަހައިލީ އަހަންނަށެވެ.

"ގުޅައިފަ.. މިކޮޅަށް ގުޅައިފަ.. އަހަންނަށް ކީކޭތަ ކިޔުނީ؟" ވަރަށް ހިތްވަރުން އަހަންނަށް ބުނެލެވުނެވެ.

"އޯހް." ނާއިޝް ފުން ނޭވާއެއް ބޭރުކޮށްލި އެވެ.

އަހަންނަށް ބޯ ޖަހައިލެވުނެވެ. އަމިއްލަ ތުންފަތުގައި ދައިގަނެވުނެވެ. ނާއިޝް ބުނާނެ ވާހަކައެއް ނޭނގިގެންނެވެ. އޭނާ ގާތުގައި އަހަންނަށް ދެއްކުނު ވާހަކައެއް ޔަގީން ނުވީމަ އެވެ.

"މިޒޫއަކީ އެކަނިވެރިއެކޭ. ބޮޑު ކަމަކުން ސަލާމަތްވާން ޖެހެޔޭ. އެއް މަހަށް ރޫމެއް ނަގައިދޭށޭ. އެޑްވާންސްކޮށް ލާރި ދައްކާނަމޭ. ދެން އެއްވެސް މީހަކަށް މިޒޫ މިތަނުގައި ހުރިކަން ނާންގާށޭ. މިޒޫ މިތަނުގައި ޗެކްއިންވި ކަން ވެސް ސިސްޓަމަށް ނޭނގޭހެން ހަދައިދޭށޭ." ނާއިޝް ފުން ނޭވާއެއް ބޭރުކޮށްލަމުން އަހަރެންގެ މޫނަށް ބަލައިލި އެވެ.

"ދެން." އަނެއްކާ ވެސް އަހަންނަށް އަހައިލެވުނެވެ.

"ދެން ބުނީ ނިދާ ގަޑީގައި ޑިއުޓީކޮށްދޭން އަހަރެން ޖެހޭނޭ އިންނަން،" ނާއިޝް ހޭންފެށި އެވެ. "މިޒޫގެ ފިރިމީހާއަށް ވެގެން އުޅޭށޭ."

އަހަންނަށް ލޮލަށް ގޮތެއް ހަދައިލަމުން ފާޑަކަށް ނާއިޝްގެ މޫނަށް ބަލައިލެވުނެވެ. އަހަންނަށް އެ ކަހަލަ ވާހަކައެއް ވެސް ބުނެވުނީ ހެއްޔެވެ؟

"އެ ދޮގު. އެހެންނެއް ނުބުނޭ،" ނާއިޝް އަހަންނަށް މަޖާކޮށްލީ އެވެ. "ބުނި އެހެން މީހުންނަށް މިޒޫގެ ކަންކަން ހަވާލު ނުކޮށް އަހަރެން ހުރިހާ ކަމަކާ ހަވާލުވާން."

އެއީ އަހަރެން ބުނި ވާހަކައެކެވެ. އެކަން އަހަންނަށް ޔަގީނެވެ. ނަސީބަކުން ނާއިޝަކީ އަހަރެން އުއްމީދުކުރި ކަހަލަ ރީތި ޒުވާނެކެވެ. އަޅައިގަންނަ ކަހަލަ ސިފަތަކެއް ލިބިފައިވާ މީހެކެވެ. އޭނާގެ މޫނުމަތިން ފެންނަނީ މާތްކަމެވެ. އޯގާތެރިކަމެވެ. އިހުސާންތެރި ކަމާއި ހިތްހެޔޮ ކަމެވެ.

"އަސްލު ބޮޑުކަމަކުން ސަލާމަތްވާން ދޯ ތި އައީ؟" ނާއިޝް އަހައިލި އެވެ.

ބަދަލުގައި އަހަންނަށް ބޯ ޖަހައިލެވުނެވެ. ނާއިޝްގެ މޫނަށް ބަލައިލެވުނެވެ. އޭރު ލޮލަށް ކަރުނަތައް ދިޔައީ ގިނަވަމުންނެވެ.

"ގެއްލިގެން ހޯދަންޏާ އޯ." ނާއިޝް ކޮށްލީ އަހަރެން އޭނާ ލައްވާ ކުރުވަން ބޭނުންވެފައިވާ ސުވާލެކެވެ.

"އަޅައި ނުލީމަ ނިމުނީ."

"އެހެންވާނެބާ؟" ނާއިޝްގެ މޫނަށް ދެތިން ރޫ އަރުވާލި އެވެ.

"އެހެން ވާނެއްނު. އަހަރެން މި ގެސްޓު ހައުހަށް ޗެކް އިންވި ކަމެއް ނޭނގޭނެއްނު."

"އާން! އަހަރެން އޮންނާނީ މޮޅު ކަމެއް ކޮށްލައިފަ." ނާއިޝް ހީނލި އެވެ.

"މިދިޔަ އަހަރު ރާއްޖެއާ އިޓަލީގެ މީހެއްގެ މައުލޫމާތު ސިސްޓަމުން ހޯދައިފަ އެ މީހާގެ ނަމުގައި މި ރޫމު ބުކުކޮށްފަ ހުންނާނީ." ނާއިޝް މޫނަށް ގޮތެއް ހަދައިލި އެވެ.

"ޝުކުރިއްޔާ!"

"އޭ ޝުކުރަކުން ނުވާނެ އިނގޭ. މި އަހަރެން ދުވަހަކު ވެސް ކުރި ކަމެއް ނޫން. އެކަމަކު ދިވެހި އަންހެން ކުއްޖަކު، އެހާ ބޮޑަށް ރޮއި އާދޭސްކުރީމަ އަހަރެންގެ ހިތުގައި ހަމްދަރުދީ އުފެދުނީ."

"ދެން ކީއްބާ ކޮށްދޭންވީ؟"

"ފަހުން ބުނާނަން."

ނާއިޝް ކޮޓަރިން ނުކުންނަށް ހިނގައިގަތެވެ.

ނާއިޝް ނުކުތުމާއެކު އަހަރެން ކޮޓަރި ތަޅުލީމެވެ. އަވަސްއަވަހަށް ފާހާނާއަށް ވަނީމެވެ. ބޭނުންވީ ރަނގަޅަށް ފެންވަރައިލާށެވެ. މިހާ ހިސާބަށް މި އާދެވުނީ ހާދަ ހިތްވަރެއް ކޮށްގެންނެވެ. ހާދަ މަސައްކަތެއް ކޮށްގެންނެވެ. އެތައް ކަމެއް ސިއްރުގެ ބަނޑަށް އަޅައިދީގެންނެވެ. ފެން މާގަނޑު ދޫކޮށްލީމެވެ. އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހައިލީމެވެ. ލިބުނު އަރާމެއްގެ ބޮޑުކަމުން ދެ ލޯ މަރައިލެވުނެވެ.

ކުއްލިއަކަށް ނޭފަތުގައި ޖެހުނީ އާދަޔާ ހިލާފު ވަހެކެވެ. އެއީ ލޭގެ ވަހެވެ. އަހަރެންގެ ހިތް ތެޅި ގަތެވެ. މަޑުމަޑުން ލޯ ހުޅުވާލަމުން ދެ އަތް ތިލައަށް ބަލައިލެވުނެވެ. ހީވީ ހަމަ ރަނގަޅަށެވެ. މުޅި އަތުގައި ހުރީ ރަތްލެޔެވެ. އަވަސް އަވަހަށް ބޮލާ ދިމާއަށް ފެންމާގަނޑު އަރިކޮށްލެވުނެވެ. އަހަރެން ބޭނުންވީ އެކަމުން ސަލާމަތްވާށެވެ. މުޅި ގައިން ލޭތައް ފިލުވާށެވެ.

އެތައް އިރެއް ވަންދެން ބޮލަށް ފެން އަޅަމުން ދިޔައީމެވެ.

އެންމެ ފަހުން އަތް ތިލައަށް ބަލައިލެވުނެވެ. ލޭގެ އަސަރެއް ނެތެވެ. ބަލައިލެވުނީ ތިރިއަށެވެ. މުޅި މުށިގަނޑުގައި ހުރީ ރަތްކުލަ އެވެ. ފެނާއެކުވެފައިވާ ލޭގެ ކުލަ އެވެ.

"އަނެއްކާ! ނާއިޝަށް އެނގުނުބާ؟" އަހަންނަށް ދެ ހިޔާލެއްގައި ހުރެ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނެވެ.

ނޫނެކެވެ. ނުފެންނާނެ އެވެ. އޭނާއަކަށް ނޭނގޭނެ އެވެ. ފެންވެރުމުން އެ ސާފުވީ އިސްތަށިގަނޑެވެ. އިސްތަށިގަނޑުގައި ހޭކިފައި ހުރި ލެޔެވެ. އިސްތަށިގަނޑުގައި ތަތްވެ ގަނޑުވެފައި ހުރި ލެޔެވެ. އަހަރެން ބޭރަށް ނުކުތީ އަތްފައި ރަނގަޅަށް ދޮވެގެންނެވެ. މޫނާއި ހަށިގަނޑު ވެސް ރަނގަޅަށް ދޮވެގެންނެވެ. އަހަރެން ނުދޮންނަނީ އިސްތަށިގަނޑެވެ.

ޝައްކެއް ވިޔަސް ޝައްކުވާނީ ނާއިޝް އަށެވެ. އޭނާއަށް ޝައްކުވި ނަމަ އެ ވާހަކަ ދައްކާނެ އެވެ. އެއީ އެހައި ވެސް ހަމަޖެހޭ މީހެކެވެ.

ކުއްލިއަކަށް ކޮޓަރީގެ ތެރެއިން ރަނގަބީލެއްގެ އަޑު އިވުނެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އަވަސް އަވަސް ކޮށްލައިގެން ތުވާލިގަނޑު ނަގައި ގައިގައި އޮޅައިލީމެވެ. (ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox