ދިގު ވާހަކަ: މާޒީން ހިތި

ދިގު ވާހަކަ: މާޒީން ހިތި

(ފުރަތަމަ ބައި)

ހިނގުމުގައި ފަރުވާ ކުޑަ ގޮތެއް ގެންގުޅެވުނު ކަން އަހަންނަކަށް ނޭނގެ އެވެ. ދަމަމުން އައި ފޮށީގެ ބުރަށް ރިބަން ފަށެއް ވަދެ އެ ރިބަން ފަށާއެކު ކުނި ގުޅައެއް ވެށެމުން ދިޔަކަން ވެސް ނޭނގެ އެވެ. އަހަރެންގެ ހިތުގެ އެކި ދިމަދިމާއަށް ހަމަލާ ދެމުން ދިޔައީ ހުޅި ނަގައިފައި އައި ބިޔަ ރާޅުތަކެވެ. ފޮނަ އަރުވާލައި، ރުޅި މޫނު ދައްކމުން އަހަންނާ ދިމާއަށް ފުންމަމުން އައި ކުއްތާއެއްފަދަ ރާޅުތަކެވެ. ކޮންމެ ރާޅެއްގެ މޯހިރަށް ހިނދެމުން ދިޔައީ ދިރިއުޅުމުގެ ހައިޖާނުގަނޑުގެ ތެރެއިން ކެކެމުން ބޮކި ޖަހަމުން ދިޔަ އަސަރުތަކެވެ. ހަނދާންތަކެވެ.

"ކިހިނެއްތޯ ހަދައިލަ ދޭންވީ؟" ފިރިހެނެއްގެ ބަރު އަޑު ޖެހުމާއެކު އަހަންނަށް ބަލައިލެވުނެވެ.

އެއީ ފަތިހަށިގަނޑެއްގެ ވެރި އިސްކޮޅުން ދިގު ޒުވާނެކެވެ. ކުލައަލި އެ މޫނަށް ފުރިހަމަކަން ގެނުވައިދެނީ ކަޅުކަން ގަދަ ތުނި ތުނބުޅިންނެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ ދެ ލޮލަށެވެ. އޭނާއަށް ވެސް ބަލައިލެވުނީ އަހަރެންގެ ދެ ލޮލަށެވެ. އިރުކޮޅަކަށް ހުރިހާ ކަމެއް ހަނދާން ނެތުނު ކަހަލަ އެވެ. ފުން ވާދީއެއްގެ ތެރެއަށް އެއްލައިލެވި، ދޫކޮށްލެވިފައިވާ ކުޑަކުޑަ ރުމާލެއް ފަދައިން އަހަރެންގެ ހިޔާލުތަކާއި ފިކުރުތައް އެގޮތް މިގޮތަށް އުދުހެމުންދާ ކަމުގެ އިހުސާސް ކުރެވެމުން ދިޔަ އެވެ.

އޭނާ ދެ ލޮލުން އަހަންނަށް ފެންނަނީ އުއްމީދެވެ. އޯގާތެރިކަމެވެ. ހަމްދަރުދީ އެވެ. ނަމަވެސް އަހަރެންގެ ދެ ލޮލުން އެއިން އެއްވެސް ކަމެއް އޭނާއަކަށް ނުފެންނާނެއެވެ. އެއްވެސް ކަމެއް އިހުސާސެއް ނުކުރެވޭނެ އެވެ. އަހަރެންގެ ލޮލަށް ގިނަވެ ޖަމާވެފައިވަނީ ޝަކުވާތަކެވެ. ފޫހިކަމެވެ. މާޔޫސްކަމެވެ. ވީއިރު އޭނާ އެ ވަރަށް އެ ބަލަނީ ކީއްވެ ހެއްޔެވެ؟ އެއީ އަހަރެންގެ ކާކު ހެއްޔެވެ؟ އަހަންނަކީ އޭނާގެ ކާކު ހެއްޔެވެ؟

"އަޅުގަނޑަކީ ނާއިޝް. އަބުދުﷲ ނާއިޝް." އަހަންނާ ދިމާއަށް އަތް ދިއްކޮށްލަމުން އަމިއްލައަށް އޭނާ ތައާރަފުވި އެވެ.

އަހަންނަށް ކުރެވުނީ ފޫހި އިހުސާސެކެވެ. ހިތަށް އެތައް ވާހަކައެއް އަރައިފައިބާން ފެށި އެވެ. ކިރިޔާ ވެސް ރީތި ސިފައެއް ލިބިއްޖެ ނަމަ ޝިކާރަކުރުމަކީ ފިރިހެނުންގެ އާދައެއްކަން އަހަންނަށް މިހާރު ވިސްނިއްޖެ އެވެ. އެކަން ތަޖުރިބާ ކުރެވިއްޖެ އެވެ. ދެން އިތުރަށް އެ ހޮރަކުން ކަށްޓެއް ނުޖެހޭނެ އެވެ. ކަށި ޖެހިޔަކަ ނުދޭނަމެވެ.

އަހަންނަކީ އަންހެނަކަށް ވީތީ ބިރުން ރޫރޫ އަރާނެ މީހެއް ނޫނެވެ. ޖެހިލުންވާނެ މީހެއް ނޫނެވެ. މާޔޫސްކަމުގެ ސާލެއް ފަތުރައިގެން އޭގެ މަތީގައި ދެފައިން ތަޅާނެ މީހެއް ވެސް ނޫނެވެ.

އަހަރެން މި އައީ ހަބީބަށް އެކަން ސާބިތުކޮށްދީފަ އެވެ. ހަޔާތުގެ ފޮތުގައި ލިޔަމުން ދިޔަ ބާބެއް ނިންމާލުމަށްފަހުގަ އެވެ. މި ނިންމުނު ނިންމުކީ އަނިޔާއާ ދެކޮޅަށް ނިންމި ނިންމުމެކެވެ. ބޭނުންހާ ގޮތެއް ނެހެދޭނެކަން އަންގައިދޭން ނިންމި ނިންމުމެކެވެ. މިއަދާ ހަމައަށް އަހަރެން މި އުޅުނީ ކޮންފަދަ ނިކަމެތި ކަމެއްގައި ބަންދުވެ، ގައިދުވެގެން ހެއްޔެވެ؟ ކޮންފަދަ ހާލެއްގައި ހެއްޔެވެ؟

ހަބީބަކީ ވެސް ފިރިހެނެކެވެ. ލޯބީގެ ކުލަތަކުން އަހަރެންގެ ހިތުގައި ފިނިފެންމާ ހެއްދި މީހެކެވެ. އަހަރެން ހީކުރީ އޭނާ މުޑުވައްކުރި ދަނޑުގައި ހެދޭ ގަސްތަކުން އަޅާނީ ރަތްފިނިފެން މާ ކަމަށެވެ. ނަމަވެސް ކަންތައްވީ ހީކުރި ގޮތާ ހިލާފަށެވެ. ހުރިހާ އޮށަކުން ފެޅީ ހިތިގަސްތަކެވެ. ކޮންމެ ގަހަކުން އެޅީ ހިތި މޭވާ އެވެ. އެއިން ކޮންމެ މޭވާއެއް ދޮންވުމުގެ ކުރިން އަހަރެންގެ އަރުބުޑަށް ފިތައިލާ ކަރުބުޑުގައި ހިތި ރަހަލައްވާ ދިނީ ހަބީބެވެ.

ހަބީބަކީ އަހަރެންގެ އަލަތު ފިރިމީހާ އެވެ. ލޯބިވާކަމަށް ބުނި މީހާ އެވެ. ލޯބީގެ ތަސްވީރުގައި ކަޅު ކުލަ ޖެއްސި އަނިޔާވެރިޔާ އެވެ. ދެން ހަބީބަކަށް އަހަންނާ ހަމައަކަށް ނާދެވޭނެ އެވެ. ދުވަހަކު ވެސް ނާދެވޭނެ އެވެ. އޭނާއަކަށް އެ ފުރުސަތެއް ނުލިބޭނެ އެވެ. އޭނާއަށް ކިތައް ފުރުސަތު ދިނިން ހެއްޔެވެ؟ ކިތައްފަހަރު ދެފައި ބުޑަށް ވެއްޓި އާދޭސްކުރީމަ މައާފުދިނިން ހެއްޔެވެ؟ އަހަންނަކީ ވެސް ފާޑެއްގެ މީހެކެވެ. ރުޅިއަކީ އަހަރެންގެ ބަލިފަޔަކަސް އެއީ އަހަރެންގެ ހެޓިލަރުކަން ގަދަވުމުގެ އަސްލެވެ. ބައެއް ފަހަރު އަހަންނަށް ބާރު ނުފޯރާ އެތައްކަމެއް އަހަރެންގެ ދެ އަތުން ކުރާންޖެހެ އެވެ. ބޮލަށް ތިލަ ނުވާ އެތައް ކަމެއް އަހަންނަށް އަތުން ކުރާން ޖެހެ އެވެ. ހަބީބާ އެކު މި ހުރިހާ ދުވަހު ކެތްކުރެވުނީ ވެސް މިހެންވެ އެވެ. އެހެން ނޫންނަމަ އަހަންނަށް ހާސްކަމުގައި ފީނާކަށް ނޫޅެވޭނެ އެވެ. ހަބީބަށް ވެސް އަހަންނަށް ދެވުނު ހަދިޔާއަކީ އެއީ އެވެ. ހަބީބަށް ދުނިޔެ ބަންދުކުރާން ޖެހުނީ އެހެންވީމަ އެވެ.

"އަޅުގަނޑު ކޮށްލަންތޯ؟" ނާއިޝް ހިނިތުންވެލި އެވެ.

ނާއިޝްގެ މޫނަށް ބަލަން އަހަންނަށް ހުރެވުނެވެ. އޭނާ އެ ދައްކަނީ ކޮން ކަމެއް ރަނގަޅު ކޮށްލާ ވާހަކައެއް ހެއްޔެވެ؟ އަނެއްކާ އޭނާއަށް އަހަރެންގެ ހަގީގަތް އެނގެނީ ހެއްޔެވެ؟ އަހަރެން މިއައީ ކޮން ކަމެއް ކޮށްފައިކަން އޭނާއަށް ވިސްނެނީ ހެއްޔެވެ؟ ސުވާލުތަކުން ބަރުހެލިވެފައިވާ ހާލު އަހަންނަށް ބަލައިލެވުނީ ނާއިޝްގެ މޫނަށެވެ. ނާއިޝް ލުއި ގޮތަކަށް ހިނިތުންވެލި އެވެ. އޭނާ ކުރިއަށް ޖެހިލި އެވެ. އަހަންނަށް ބަލައިލެވުނީ އޭނާގެ މޫނަށެވެ. އެ މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އަހަރެންގެ ހިތް ލެނބެމުން ދިޔަ ކަހަލަ އެވެ. ބޭއިޚްތިޔާރުގައި އަހަންނަށް ލޯ މަރައިލެވުނެވެ.

ނޭނގި ނަމަވެސް އަހަންނަށް އިންތިޒާރު ކުރެވެމުން ދިޔައީ ނާއިޝް އަށެވެ. އޭނާގެ ބީހުމަކަށެވެ. ލޯ މަރައިގެން ހުރެ ގުނުނު ވިއްސަކަށް ސިކުންތު ވެސް އަހަންނަށް ހީވީ ތިރީސް ގަޑީއިރަށް ބަދަލުވި ހެންނެވެ. އެހާ ވެސް ވަގުތު ދިގުކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ.

މަޑުމަޑުން ލޯ ހުޅުވާލީމެވެ. އަހަންނަށް ލިބުނީ ސިހުމެކެވެ. އެއީ ހީއެއްކަމަށް ބަލައި ދެފަހަރަކު ލޯ މަރައިލީމެވެ. އެސްފިޔަ ޖެހުން އަވަސްކޮށްލަމުންނެވެ. ހިތުގައި އުފެދެން ފެށީ ސުވާލުތަކެކެވެ. އެއްފަހަރުން އަހަރެން ބޭޒާރުވީއޭ ހިތްބުނެލި އެވެ. އަހަންނަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟ އަދި މިއުޅެނީ ހަބީބުގެ ހިތި ހަނދާންތަކާއި އޭނާގެ އަނިޔާވެރި ވަކިތަކުން ނުނިކުމެވިގެންނެވެ.

އަނެއްކާ އަނެއް ގޯސް ހެދެނީއޭ ހިތްބުނެލި އެވެ. ހިތުގައި ޖެހި ވިންދަށްވުރެ ބާރަށް ކެކެމުން ދިޔައީ އަމިއްލަ ނަފުސެވެ. މީހާ ފުފެމުން ފުފެމުން ގޮސް މޫނުގެ ހަންގަނޑަށް ވާންވާހެން ހީވަމުން ދިޔަ އެވެ.

ކުއްލިއަކަށް މޫނާ ދިމާއިން އިސްތަށިގަނޑެއް ފެނުނެވެ. ލިބުނު ސިހުމާއެކު ދުރަށް ޖެހިލެވުނެވެ. ހައިރާން ކަމާއެކު އަހަންނަށް ބަލައިލެވުނީ އެއީ ކާކުތޯ އެވެ.

"ނާއިޝް." ހައިރާން ކަމާއެކު އަހަންނަށް ދެ ލޯ ބޮޑުކޮށްލެވުނެވެ.

ނާއިޝް ހިނިތުންވެލި އެވެ. އަހަރެންގެ މޫނުމައްޗަށް ދެތިން ރުލެއް އަރުވާލަމުން ބަލައިލެވުނެވެ. ނާއިޝް މި ހުރިހާ އިރު އެ ކުރީ ކޮން ކަމެއް ހެއްޔެވެ؟ އޭނާ އަހަރެންގެ ފައިތިލައާ ދިމާއަށް ގުދުވެގެން އެ ޖެހީ ކޮން ސަކަރާތެއް ހެއްޔެވެ؟ އަހަންނަށް ބޭއިޚްތިޔާރުގައި ޖިންސުގެ ގޮށްތަކުގައި އިނގިލި ޖައްސާލެވުނެވެ. ފުން ނޭވާއެއް ބޭރުކޮށްލެވުނީ ޔަގީންކަން ލިބުމުންނެވެ.

ސުވާލުގެ ނަޒަރުން ނާއިޝްގެ މޫނަށް ބަލައިލެވުނީ ދެ ލޯ ބޮޑުކޮށްލަމުންނެވެ.

ނާއިޝް ކަނާއަތް ހިއްލައިލި އެވެ. ބޮޑުވާ އިނގިއްޔާއި ޝަހާދަތް އިނގިލީގެ ދެމެދުން އެލެން އޮތީ ބޮޑު އިސްތަށި ގުޅަ އެކެވެ. އަހަންނަށް ދެ ލޯ ބޮޑު ކޮށްލެވުނެވެ. ތަން މިނަށް އަނގަ ހުޅުވާލެވުނެވެ. ބޭއިހުތިޔާރުގައި އަނގަމަތީގައި އަތް އެޅުނެވެ.

ނާއިޝް ގާތަށް އައީ ލާނެތް ހިންޏެކެވެ. ދެވަނަ ފަހަރަށް އަހަންނަށް އަތް ޖައްސާލެވުނީ ޖީންސުގެ ގޮށްތަކުގަ އެވެ. ޔަގީންކޮށްލަމުން ހިނިތުންވެލީމެވެ. އެއީ ހަމަ ހަގީގަތުގައި ވެސް އަހަންނާ ގުޅުން ހުރި އެއްޗެއް ހެއްޔެވެ؟

"ތި؟" އަހަންނަށް އަހައިލެވުނެވެ.

"މިޒުނާގެ ކަމެއް ނޫންތަ؟" ނާއިޝް ހޭންފެށި އެވެ.

"ކިހިނެއް ނަން؟ މަގޭ ކޮން ކަމެއް؟" ހައިރާންކަމާއެކު އަހަންނަށް ބުނެލެވުނެވެ.

"އާން! ގުޅީމަ ފޯނު ނެގީ އަހަރެން." ނާއިޝް ލަސްލަހުން ބުނެލި އެވެ.

"ގުޅީމައޭ."

ނާއިޝަށް އަހަންނަށް ގުޅުނު ހެއްޔެވެ؟ އޭނާ ކުރިން ދަންނަނީ ހެއްޔެވެ؟ ނޫނެކެވެ. އަހަރެން ނުގުޅަމެވެ. އެއީ ކުރިން އަހަރެން ދަންނަ މީހެއް ނޫނެވެ. ދެން އޭނާއަށް އަހަރެންގެ ނަން އެނގެންވީ ކީއްވެ ހެއްޔެވެ؟

"އާނ! ރޫމު ބުކުކުރަން މި ގެސްޓު ހައުހަށް ގުޅީމެއްނު." ނާއިޝް ހިނިތުންވެލި އެވެ.

"އަހަރެން؟" ނާއިޝަށް ގުޅުނު ހަނދާނެއް ނުވެ އެވެ.

"އާނ! މި ގެސްޓު ހައުސްގެ ރިސެޕްޝަނަށް މިއަދު ދިހައެއް ޖަހާ ކަންހާއިރު ގުޅީމެއްނު. އެގަޑީގައި ވަރަށް ހާސްވެ ހުރެ ވާހަކަ ދެއްކީމެއްނު. މިތަނުން ރޫމެއް ހޯދާށޭ ބުނީމެއްނު. އަދި މިޒުނާ ހޯދަން މީހަކު ގުޅިޔަސް މިތަނުގައި އުޅޭކަން ނޭނގޭ ގޮތަށް ރޫމެއް ބުކުރު ކުރުމަށް ބުނީމެއްނު." ނާއިޝް އޮޅުންފިލުވާ ދިނެވެ.

"ނާއިޝްއަށް؟" އަހަންނަށް ނާއިޝަށް ގުޅުނު ހަނދާނެއް ނުވެ އެވެ.

"އާން! އެ ވަގުތު ފޯނު ނެގީ އަހަންނޭ." ނާއިޝް ހޭންފެށި އެވެ.

"އޯހް." އަނެއްކާ ވެސް ލަދުގަންނަ ވަރު ކަމެއް ދިމާވީ އެވެ.

"މާ ބޮޑަށް ހާސްވާތީ ތިހެން ތި ދިމާވަނީ." ނާއިޝް އަނެއް އަތް ހިއްލައިލި އެވެ.

އޭނާގެ ދެ އިނގިލި ދޭތެރޭގައި އޮތީ ކިލާވެ ކަޅުވެފައިވާ ފެހި ކުލައިގެ ރިބަން ފަށެކެވެ. އެ ރިބަންފަހުގެ އެއްކޮޅުގައި އޮތީ ގުޅައަކަށް ވެށިފައި އޮތް ކުނި ގުޅައެކެވެ.

"އަނެއްކާ ތި؟" އަހަންނަށް އަހައިލެވުނެވެ.

"މި ވެސް." ނާއިޝް މިފަހަރު ފެށީ ހޭށެވެ.

"އަހަރެންގެ؟ ކިހިނެއް؟" ސުވާލުތަކުގެ މައްޗަށް ސުވާލު އުފެދި ފޫންޏެއްހެން ބަރި ޖެހެމުން ދިޔަ އެވެ.

"އާނ! ދޭންވީނު އަހަރެން އަތަށް." ނާއިޝް އަތްދިއްކޮށްލި އެވެ.

އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ އެ ކިޔަނީ ކީކޭ ހެއްޔެވެ؟ ނާއިޝްގެ މަގުސަދަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ އިސްތަށި ބޯޅައަކާއި ކުނި ގުޅައެކޭ ކިޔައިގެން އޭނާ އެ ދައްކަނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނާ ކިޔަނީ ކީކޭ ހެއްޔެވެ؟ އަހަރެން ވިސްނާ ވިސްނައި ވެސް ޖަވާބު ނުލިބުނު ސުވާލަކީ އެއީ އެވެ.

"ކޮން ފިކުރެއްގަ؟" އަނެއްކާ ވެސް ނާއިޝް އަހައިލި އެވެ.

އަހަރެން ޖަވާބު ދޭ ހިތެއް ނުވި އެވެ.

"އަހަރެން މި ބުނީ އަތުގައި ތި އޮތް ފޮށި ދޭށޭ. ކޮޓަރިއަށް ގެންގޮސްދޭނަމޭ،" ނާއިޝްގެ ރާގު ބަދަލުވަމުން ދިޔަކަން އަހަންނަށް ވިސްނެންފެށި އެވެ. "މި އިސްތަށި ބޯޅައާއި މި ކުނި ބޯޅައަކީ ތިޔަ ފޮށީގެ ފޮރުޅަށް އޮޅިފައި ހުރި އެއްޗެހި. މަގުމަތީގައި ހުރި ހުރިހާ ކުންޏެއް ފޮށީގެ ފުރޮޅަށް އޮޅުވައިގެންނެއްނު ތި އައީ."

އަހަންނަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. ވާނީ ވެސް އެހެންތާ އެވެ. އަހަންނަށް ލޯ މަރައިލިޔަސް ފެންނަނީ އެ މަންޒަރެވެ. ސިފަވަނީ އެ ކަންކަމެވެ. ފެންނަނީ އެ މޫނެވެ. އިވެމުން ދަނީ އެ ވޭނީ އަޑެވެ. އެ އިހުސާސްތައް ކުރެވޭ ކޮންމެ ފަހަރަކު ގައިން ހީބިހި ނަގައިގަނެއެވެ. ބިރުން ތުރުތުރު އަޅައިގަނެވެ. ނަމަވެސް އެކަން މިހާރު އެ ވަނީ ނިމިފަ އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox