ވާހަކަ: ބަދުނާމު

ވާހަކަ: ބަދުނާމު

މިއަދު އަހަރެން ލަދުގަނެއްޖެ އެވެ. ދެރަވެ މާޔޫސްވެއްޖެ އެވެ. އިސް އުފުލާ ބަލައިލަން ނުކެރޭ ވަރު ވެއްޖެ އެވެ. ކީއްވެ ހެއްޔެވެ؟ އަހަންނަށް ކުރެވުނު ކަމަކުންނެވެ. ހެދުނު ގޯހަކުންނެވެ. ހުރިހާ ކަމެއް މެދުވެރިވީ ވިސްނުމަށް ގެނެވުނު ބަދަލަކުންނެވެ. މި ދެ އަހަރު ތެރޭގައި އަހަންނަށް ރަނގަޅަށް ވެސް ތެޅެވުނީ އެވެ. އެއްތަނުން ލާހިލަމުން އަނެއް ތަނަށް ލާހިލަމުންނެވެ. ހަމަޖެހުމެއް ނެތި އެވެ. އުފާވެރިކަމެއް ނެތި އެވެ. ނަމަވެސް މިއަދު އަހަންނަށް ވިސްނިއްޖެ އެވެ. ވަގުތު ފާއިތުވި ފަހުންނެވެ.

އަހަރެންގެ މި ވާހަކަ ފެށެނީ އިރާޝާޔާ ހަމައިންނެވެ. އިރާޝާއަކީ އަހަރެންގެ އޮންލައިން ރަހުމަތްތެރިއެކެވެ. އޭނާ ކިޔަވަމުން ދިޔައީ މާލޭގެ މަޝްހޫރު ސްކޫލެއްގަ އެވެ. އަހަންނާ އެއް ގްރޭޑެއްގަ އެވެ. އަހަރެން އުޅުނީ ރަށު ސްކޫލުގަ އެވެ. ރަށު ސްކޫލަކީ އަހަރެންގެ ދުނިޔެ އެވެ. އަހަރެން އަހަންނަށް ހަދައިދިން މައިމީހާ އެވެ. އަހަރެންގެ އުފަލާއި އަރާމާއި ޅަ ދުވަހުގެ ހަނދާންތަކުގެ މަކާނެވެ. ރަށު ސްކޫލޭ ކިޔައިގެން މީހަކު އަނގައިން ބުންޏަސް އަހަރެންގެ ލޭ ހޫނުވެ އެވެ. އެ ތަނުގެ މުދައްރިސުންނަށް ކުޑައިމީސް ބަހެއް ބުންޏަސް އަހަންނަށް އަތް މަޅައިލެވެ އެވެ.

އިރާޝާއާ ދިމާވި ފަހުން މި ހުރިހާ ކަމެއް މަޑުމަޑުން ބަދަލުވަމުން ދިޔަ އެވެ. އޭނާގެ ސްކޫލުގެ ހަރަކާތްތަކުގައި އުޅޭ މަންޒަރުތަކުގެ ފޮޓޯތައް ފޮނުވާ އެއާ ގުޅޭ ލައްކަ ވާހަކަ ކިޔައިދޭން ފެށުމުންނެވެ. އަހަންނަށް އަޅައި ކިޔެން ފެށުނީ އަހަރުމެންގެ ރަށު ސްކޫލުގެ ހަރަކާތްތަކުގެ ފެންވަރެވެ. މިންވަރެވެ. ފޮޓޯތަކުގެ ކޮލެޓީ އެވެ. ރަށު ސްކޫލުގެ މީސްމީޑިއަށް އަދާހަމަކުރާ ފޮޓޯތަކެވެ.

ރަށު ސްކޫލުގެ މޮޅު އެއްވެސް ކަމެއް އަހަރެން ދުލަކަށް ތިލައެއް ނުވެ އެވެ. މުޅީން ވެސް ފެންނާން ފެށީ ނުކިއްސަރު ކަންކަމެވެ. ވިސްނުމުގެ މީޒާން ދެ ފަރާތަށް ކިރެމުން ގޮސް ބަރު ޖެހެން ފެށީ އިދިކީލި ވިސްނުމުގެ ފަޅިއަށެވެ. އެހައި ހިސާބުން ފާޅުގައި ފާޑުކިޔެން ފެށުނީ ވެރިންނަށެވެ. މުދައްރިސުންނަށެވެ. އެންމެފަހުން ސްކޫލާ މެދު އުފެދުނު ލޯބި ކަނިވެ ނަފުރަތުގެ ދިލަކަނިތައް ބުރާން ފެށި އެވެ.

ސްކޫލަށް ނުދާތީ ކުލާސް މިސް، މަންމައަށް ގުޅަ އެވެ. ސަބަބު ހޯދަ އެވެ. ނަމަވެސް ސަބަބެއް ނެތެވެ. އެއް ޖަވާބެއް އެތައް ފަހަރަކު ދެވިއްޖެ އެވެ. ދެން ކީއްކުރަން ގުޅާކަށް ހެއްޔެވެ؟ އަހަރެން ސްކޫލަށް ދާ ހިތް ނުވާންފެށީ ތަފާތުކުރުން އިންތިހާއަށް އޮންނާތީކަމަށް މަންމަގާތު ބުނާން ފެށީ ސަބަބެއް އުފަންކުރާށެވެ. އަހަރެން ކުލާހުގައި އިނަސް މުދައްރިސުން އަޅައި ވެސް ނުލާ އެހެން ކުދިންނަށް ގޮވާން ފަށާކަމަށް ބުނަނީ ލޮނު ހެޔޮ ކުރާށެވެ. ފަހުން އެހެން ކަންތައް ބަދަލުވީ އެވެ. މުދައްރިސް ވެސް އެއްޗެއް ބުނުމަށްފަހު ބަލައިލަނީ ކުލާހުގައި ތިބޭ އެހެން ކުދިންނާ ދިމާއަށެވެ. އަހަރެން ކުލާހަށް ނާންނާތީ އެ ބައިތައް ނޭނގޭނޭ ބުނެފަ އެވެ. އެއީ އަހަރެން ބޭނުންވި ގޮތެވެ. ކުލާހަށް ނައުމަކީ މީހަކާ ބެހޭ ކަމެއް ހެއްޔެވެ؟ ކުލާހަށް ނަޔަސް އަހަރެން ގޭގައި ފިލާވަޅު ދަސްކުރަމެވެ. ފޮތް ކިޔަމެވެ.

އޯ ލެވެލް ދުވަސްވަރު އަހަރެން ކުލާހަކަށް ނުދަމެވެ. ގޭގައި އޮވެގެން އަހަރެން ކިޔެވީމެވެ. ކުރީގެ ސުވާލު ކަރުދާސްތައް މުޠާލިއާ ކުރީމެވެ. އެއްޗެއް އޮޅުންއަރާއިރަށް މުދައްރިސުންނަށް ވައިބަރ ކޮށްލަނީ އެވެ. މެސެޖު ކުރަނީ އެވެ. އަހަންނަށް އެންމެ ބޮޑަށް ފާހަގަވީ މުދައްރިސުން ޖަވާބު ދެނީ ވަރަށް ލަހުން ކަމެވެ. އެތައް އިރެއްވާ އިރު ވެސް ޖަވާބު ނުދޭ ކަމެވެ. މިއީ ކިހާބޮޑު ތަފާތުކުރުމެއް ނޫން ހެއްޔެވެ؟ އޭރު އަހަންނަށް ނުވިސްނުނީ މުދައްރިސުން ރަސްމީ ގަޑީގައި އަވަދިނެތި އުޅޭނެ ކަމެވެ. ކުލާހުގައި ހުންނަވާއިރު ފޯނަށް ލޯ ނުދޭނެކަމެވެ.

އޯލެވެލް ނިމި ނަތީޖާ ލިބުނު ދުވަހެވެ. އެއީ ހަޔާތުގައި އައި އުފާވެރި ދުވަސްތަކުން އެންމެ އުފާވެރި އެއް ދުވަހެވެ. އަހަރެން ހުރިހާ މާއްދާއަކުން ފާސްވެ ރާއްޖޭގެ ގަދަ ދިހައެއްގެ އެއްވަނާގައި ހިމެނުނެވެ. އެހައި ހިސާބުން އަހަންނަށް ލިބުނު އުފަލާއެކު އެ ޚަބަރު ދިނީ އިރާޝާ އަށެވެ. އޭނާގެ ނަތީޖާ ކިހިނެއްތޯ އެހުމުން ކަރުއެރުވާލި އެވެ. އޭނާ ނަތީޖާ އަހަންނަށް ސިއްރުކުރީ އެވެ. އެސްފީނާއެއް ޖެހިދާނެ ކަމަށް ވިސްނީކަމަށް ވެދާނެ އެވެ. މުހިއްމީ އެއްވަނައެއް ނޫންކަމަށާއި މުހިއްމީ ގިނަ ހަރަކާތްތަކެއްގައި އުޅެ މާއްދާތަކުން ފާސްވުން ކަމަށް އިރާޝާ ބުންޏެވެ.

އޭލެވެލްއަށް ކިޔެވުމަށް މާލެ ބަދަލުވާން އަހަންނަށް އެންމެ ފުރަތަމަ ޚިޔާލު ދިނީ އިރާޝާ އެވެ. މޮޅު ނަތީޖާއެއް ހޯދައިގެން އާދައިގެ ރަށަކުން އޭލެވެލް ކިޔަވައިންގެ މޮޅު ނަތީޖާއެއް ފަށްފަށްނުކުރެވޭނެ ކަމަށް އޭނާ ބުންޏެވެ. އެއީ ތެދެއްކަމަށް އަހަރެންގެ ސިކުނޑި ބުނީ ހިތާ ދެކޮޅަށެވެ. ސިކުނޑިން ބުނަނީ އަހަރެން މޮޅު މީހަކަށްވީ އަމިއްލައަށް ކިޔަވައިގެން ކަމަށެވެ. ހިތްބުނަނީ ނޫން ކަމަށެވެ. އަހަންނަށް ބުރަވެވުނީ ސިކުނޑީގެ ކޮޅަށެވެ.

އެންމެފަހުން އޭލެވެލް ކިޔެވުމަށް އަހަރެން މާލެ ހިޖުރަކުރީމެވެ. މާލެއިން އަހަންނަށް ފެނުނީ ހީކުރި ތަސްވީރެއް ނޫނެވެ. ނުކުޅެދުންތެރިކަން ބޮޑު ތަސްވީރެކެވެ. އެންމެ ބޮޑު އެއްކަމަކީ ކިޔަވާނެ މިނިވަން މާހައުލެއް ނުލިބުމެވެ. ދެވަނަ ކަމަކީ ތޮއްޖެހިފައިވާ މަގުތަކެވެ. ހިނގާބިނގާވެ އުޅުމަށް ދަތިވުމެވެ. ޓިޔުޝަނަށް ބަރޯސާވާން ޖެހުމެވެ. އެހައި ހިސާބުން އަހަންނަށް އަޅައި ކިޔެންފެށީ ރަށު ސްކޫލެވެ. އެތަނުން ދިން ހިދުމަތްތައް ފުރިހަމަ ކަމެވެ. ދެއްކުންތެރިކަމަށް އިސްކަން ނުދޭކަމެވެ. ދިރިއުޅުމަށް ތައްޔާރުކުރުމަށް ގެވެހި ކަންކަން ދަސްކޮށްދޭކަމެވެ. ޓިޔުޝަނާ ނުލައި ނަތީޖާ ނެރޭނެ ފޯމިއުލާތައް ބޭނުންކުރާކަމެވެ.

ވަރަށް ދަތި ހާލުން އޭލެވެލް ނިންމީމެވެ. ނަތީޖާއަށް އިންތިޒާރު ކުރަމުން ދިޔައީމެވެ. ބޭނުންވީ ރައީސްގެ ސްކޮލަރޝިޕެވެ. ބޭނުން ޤައުމަކަށް ގޮސް ކިޔަވާށެވެ. އެންމެފަހުން އިންތިޒާރުގެ ނިމުން އަ އެވެ. ހީކުރިގޮތާ ޚިލާފަށް އެއްވެސް މާއްދާއަކުން ސީ ގްރޭޑުން އިންމައްޗެއް ނުލިބުނެވެ. އަހަންނަށް ބެލުނީ ރަށު ސްކޫލުގެ ކުދިންގެ ނަތީޖާއަށެވެ. އެއީ ހަމަ އަހަރެންނާއެކު ދިހައެއް ކިޔަވުމަށްފަހު އޭލެވެލަށް ކިޔެވި ކުދީންނެވެ. ރަށު ސްކޫލުން ހަތް ކުދިން އޭ ލެވެލް ގަދަ ދިހައެއްގައި ހިމެނުނެވެ. އެއްވަނައަށް ވެސް ދެ ކުއްޖަކު ދިޔަ އެވެ. އެއީ އަހަންނަށް ވުރެ އޯ ލެވެލްގެ ނަތީޖާ ދަށްކުދީންނެވެ.

ފެންވަރު ނެތިގެން ނުކިޔަވަން ދިޔަ ސްކޫލުގެ ދަރިވަރުން މިއަދު މާ އުފާވާނެ އެވެ. އެ ކުދިން ތިބޭނީ އުފަލުންނެވެ. މި ހުރިހާ ކަމަކުން އަހަންނަން ދަސްވި އެއް ކަމަކީ ހިތްހަމަ ނުޖެހުމެއް ކުރިމަތިވާ ކޮންމެ ފަހަރަކު އެހެން މީހުންގެ ބޮލުގައި އިލްޒާމު އެޅުވުމަށްފަހު ކުރާ އެއްވެސް ކަމަކުން ވާނެ މޮޅެއް ނޯންނާނެ ކަމެވެ. ތިމާއަށް ކަމެއް ގޯސްވާ ކަމުގެ އިހުސާސްކުރެވޭ ނަމަ ބޭނުން ގޮތަކަށް ކަން ކުރާންވީ ކަމެވެ. މީހުންނަށް އެކަން މަތި ނުކުރާންވީ ކަމެވެ. އިސްލާހުކުރާ ބޭނުންނަމަ ޝަކުވާއަށް ކާންދިނުމުގެ ބަދަލުގައި ފަށާންވީ ތިމާއާ ހަމައިން ކަމެވެ. އަހަންނަށް މި ހެދުނު ގޯހަކީ އެއީ އެވެ. އާއެކެވެ. އަހަންނަށް އުޅެވުނީ ބަދުނާމުގެ ކަންވާރުން މާމުއި ނަގާށެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox