ވާހަކަ:އިލްޒާމް

ވާހަކަ:އިލްޒާމް

ދަރިފުޅަށް ޓަކައި ވޭންތަކާއި ހިތާމަތައް އުފަލަކަށް ހެދީމެވެ. ޝަކުވާ ނުކޮށް ނަސޭހަތްތައް އަޑުއެހީމެވެ. ދިރިއުޅުމަކީ އަޑިގުޑަން ގިނަ ސަހަރާއެއް ކަން ވިސްނޭތީ އެވެ. ދަރިންނަކީ އަމާނާތެއް ކަމަށް ގަބޫލުކުރާތީ އެވެ. އަހަންނަށް ހެދުނީ ގޯހެއްކަން އެނގުނީ ހުރިހާ ދޮރެއް ބަންދުވީފަހުންނެވެ. އިލާހީ އަމާނާތް ބީވެ ގެއްލުނު ފަހުންނެވެ. އަހަރެންގެ ބަލީގެ އަސްލަކީ އެއީ އެވެ. ނަފުސާއި ދެކޮޅަށް ބާރު ނުފޯރުވުމުގެ ސަބަބަކީ އެއީ އެވެ. ލޯމަރައިލާ އިރަށް އެ ހަނދާންތައް ވާތީ އެވެ. އެ މާޒީ ފެންނާތީ އެވެ. މާޒީއާ ދެކޮޅަށް ހަނގުރާމަ ކުރާނެ ހިތްވަރު ނުލިބޭތީ އެވެ. ނަފުސުގައި އެ ބާރުވެރިކަން ނެތުނީތީ އެވެ.

ދޮށީ ދަރިފުޅު، ވިޒާން ދުނިޔެއަށް ލީ ނޭވާއާއެކު އަހަރެންގެ އުއްމީދުތަކުގައި ސަނދުވާ ދެމުނެވެ. ރީތި ފަރި ފަށުވީގެ ސަނދުވާ އެވެ. އެ ސަނދުވާ ވަށައިގެން ކުލަ ބޮކި ދިއްލީމެވެ. ސަނދުވާގެ ވަށައިގެން ހުރީ ތަސްވީރުތަކެކެވެ. އުއްމީދުގެ ފޮޓޯތަކެވެ. އިމްތިހާނު ތަކުގެ ނަތީޖާތަކެވެ. ދަސްވެނިވުމުގެ ހަފުލާ އެވެ. ނަމަވެސް ގުދުރަތުގެ އަތުން ޖެއްސީ ތަފާތު ކުލައެކެވެ. ވިޒާނަށް ތިން މަސްނުވަނީސް އަހަރެންގެ އަލަތު ފިރިމީހާ، އަރީޝް ކުއްލިއަކަށް ނިޔާވީ އެވެ. މަސްވެރިކަމުގައި އުޅެނިކޮށް މެއަށް އެރި ތަދާއެކު އޭނާގެ ފަސްލު ނިމުމަކަށް އައީ އެވެ. އެ ދުވަހު އަހަންނަށް ރޯކަށް ހަނދާނެއް ނެތެވެ. ދެރަވާކަށް ނޭނގުނެވެ. ކުއްލިއަކަށް ލިބުނު ޚަބަރާއެކު އަހަރެން ހުރީ ހުއްޓިފަ އެވެ. ގަނޑުވެފަ އެވެ. ބުނަން ނޭނގޭ ކަހަލަ ގޮތްތަކެއް ވެފަ އެވެ.

"ނަދީމާ، ވިޒާންގެ ޙައްޤުގައި ނަމަވެސް ދުނިޔެއަށް ހޭލަބަލަ. ތިގޮތަށް ނުކައި ނުބޮއި ގިސްލާ ރުއިމުން އަރީޝް އަންނާނެތަ؟" މަންމަގެ އެ ޖުމުލަ އަހަންނަންވީ ފިލާވަޅަކަށެވެ.

ދަރުހަކަށެވެ. މައި ކުލުނާއެކު ބުނެލާ ޖުމުލައަކީ ޝިފާއެކޭ ބުނަނީ ކަމެއްވީމަ އެވެ. މަންމަގެ ފިރުމުންތަކުން އަނެއްކާ ވެސް އުއްމީދު އާވި އެވެ. ދާންވީ މަގު ފެނުނެވެ. އެ ދުވަހު މަންމަ މަގު ނުދެއްކިނަމަ އަހަންނަށް ގޮސް ވަދެވޭނީ ކަށިކުނބުރު ބިޔަ ޖަންގައްޔަކަށެވެ. ކުރާން ޖެހޭނީ ނަފުސާއި ހިތާ އެއްގަލަށް ނާރާ ހަނގުރާމައެކެވެ. މިއަދު އަހަންނަށް އެކަން ވިސްނެ އެވެ. މައިންބަފައިންނަކީ އިބިލީހަށް ކާންދޭ ބަޔެއް ނޫންކަމެވެ. އެމީހުން ދަރިންނަށް ދުވަހަކު ވެސް ގޯސްމަގެއް ނުދައްކާނެ ކަމެވެ. ހިތްބުރަކަމެއް ނުބާއްވާނެ ކަމެވެ. މަލެއް މުތެއް ފަދައިން އައިސް ހިތަށް ވަންނަ އިބީލީހުންނަކީ ކޮބައިކަމެވެ.

އަހަރެން ތެދުވީމެވެ. ވިޒާނަށް ޓަކައެވެ. ވިޒާންގެ މުސްތަގުބަލު އުޖާލާ ކުރާށެވެ. ބައްޕަގެ އުފާ ވެސް އަހަރެންގެ އުނގުތެރެއިން ހޯދައިދޭށެވެ. ވިޒާންގެ އުމުރުން އަހަރެއް ފުރުމުން އަހަރެން ފޫގަޅައިލީ އޭނާއަކީ މޮޅު ކުއްޖަކަށް ހެދުމަށެވެ. އެހެން ކުދިންނަށް ނަމޫނާ ދަރިއަކަށް ހެދުމަށެވެ. ކުރި ދުޢާތަކާއި އޮހޮރުވި ދާތަކާއެކު އަހަރެންގެ އުއްމީދުގައި ކުލަ ޖެހެން ފެށި އެވެ. ވިޒާންގެ ވިސްނުން ދުވަހެއް ދުވަހަކަށް ފުޅާވެ އެ އުމުރުގެ އެހެން ކުދިންނަށް ވުރެ ހޭލުންތެރި ހުނަރުވެރި ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން ދިޔަ އެވެ. ދޫތަކުން ތައުރީފުގެ ހާރުތައް ގެތެން ފެށި އެވެ.

އެއް ދުވަހަކު ވިޒާންގެ ކުލާސް މުދައްރިސް ބައްދަލުކޮށްލަން ބުނުމުން އަހަރެން ސްކޫލަށް ދިޔައީމެވެ.

"މުޅި ކުލާހުން ވެސް އެންމެ ފާހަގަކޮށްލެވޭ ކުއްޖަކީ ވިޒާން. ނަދީމާގެ މަސައްކަތަށް ތަޢުރީފު ޙައްޤު. އެކަމަކު.."

މުދައްރިސްގެ ޖުމުލަ ފުރިހަމަ ކުރާނެ ކަމުގެ އުއްމީދުގައި އަހަރެން އިނީމެވެ. ސުވާލުތަކުން ފުރިފައިވާ ހާލުގަ އެވެ. މުދައްރިސް އިސްޖަހައިލި އެވެ. އަހަރެންގެ ހިތުގެ ތެޅުން ބާރުވި އެވެ. ޑަންޑަން ކިޔާ ހިތް ތެޅެން ފެށި އެވެ. މޭ ބޭރަށް ނުކުންނަހެން ހީވި އެވެ.

މުދައްރިސްގެ ފައިލުން ނެގީ ކަރުދާސްގަނޑެކެވެ. ހަވާސާގެ މަތީގައި ވިޒާންގެ އަތުލިޔުމުން ނަން ލިޔެފައި އޮތެވެ. މުދައްރިސް ދައްކާލީ ކުރަހާފައިވާ މަންޒަރެވެ. އެ މަންޒަރުގައި ވަނީ މާޔޫސްވެފައި އިން ކުއްޖެކެވެ. އޭނާގެ ވަށައިގެން އޮތީ ކޯރެކެވެ. ތަންކޮޅެއް ދުރުގައި ހުރީ އެކަނި ހުރި އަންހެނެކެވެ. ކަޅު ހިޔަންޏެއް ކަހަލަ ތަސްވީރެކެވެ. ނަމަވެސް އޭނާގެ މެޔާ ދިމާގައިވަނީ ހުދުބޮޅެކެވެ. ބޮޅުގައި އޮތީ ފަޅިފަޅިވެފައިވާ ހިތެކެވެ. އިތުރަށް ބަލައިލެވުނީ އެ މީހާގެ ފަސް އަތް ހުރީމަ އެވެ. އެއިން ކޮންމެ އަތެއްގައި އެތައް ސާމާނެއް ހުއްޓެވެ. ކުޅޭ ތަކެއްޗެވެ. ރީތި ހެނދުމާއި މީރު ކާ ތަކެއްޗެވެ. ތެލި ތަށިތަކެވެ. އިސްތިރިއެކެވެ. އިލޮށި ފައްޗެކެވެ. އަހަންނަށް ވިސްނައިލެވުނެވެ. ތަސްވީރާ މެދުގަ އެވެ.

"ވިޒާން މޫނުމަތިން އުފާވެރިކަން ފެނުނަސް އޭނާ ވަރަށް ދެރަވޭ. މާޔޫސްވޭ. މިކަމާ ވިސްނައިލުން ރަނގަޅު." މުދައްރިސް ދެއްކީ ކޮން ވާހަކައެއްކަން އަހަންނަށް އެނގުނެވެ.

އެއީ އަހަރެން ކިތައްމެ ހިތްވަރެއް ކުރި ނަމަވެސް ހޯދައިދެވޭނެ އެއްޗެއް ނޫނެވެ. އަހަންނަކީ މަންމައެކެވެ. މަންމައަކަށް ދެވޭނީ މައެއްގެ ލޯތްބެވެ. ދުނިޔެ ބޯމައްޗަށް ލައިގެން ކިތައްމެ ހިތްވަރެއް ކުރި ނަމަވެސް ވިޒާން ބޭނުންވާ ކަންތައް އަހަންނަށް ކުރެވިދާނެ ބާވައެވެ؟

ގެއަށް އައުމަށްފަހު އަހަރެން ވިސްނީމެވެ. ވަރަށް ފުންކޮށް ވިސްނީމެވެ. މަންމައާ މަޝްވަރާކޮށް ހިޔާލު ބަދަލުކުރީމެވެ. އަހަރެން މި ހުރިހާ ޤުރުބާނެއް މިވަނީ ވިޒާނަށް ޓަކަ އެވެ. ގައިން ދާ އޮހޮރުވައިގެން ގުލާންކޮށްގެން ފައިސާ މި ހޯދަނީ އޭނާގެ މުސްތަގުބަލަށް ޓަކަ އެވެ. މިއަދު ވިޒާން ބޭނުންވާ ކަންކަން ކޮށްދިނުމަކީ އަހަރެންގެ މައްޗަށް އޮތް ވާޖިބެކެވެ. ލާޒިމު ކަމެކެވެ. އެކަން ވިސްނައިދިނީ ވެސް މަންމަ އެވެ. ތަޖުރިބާގެ އެއް ކަނުން މިސާލު ދައްކަމުންނެވެ.

ފަހީމުގެ އަލަތު އަނބިމީހާގެ ޝަރަފުވެރިއަކަށް ވެވުނެވެ. ވިޒާނަށް ޓަކަ އެވެ. އޭނާ ކުރެހި ތަސްވީރުން ހިތުގައި ފެނުނު މަންޒަރު ބަދަލުކުރާށެވެ. ފަހީމަކީ ދެވަނައެއް ނެތް ބަފައެކެވެ. ދޮންބައްޕައެއްގެ ފުރަތަމަ ދެ އަކުރު އޭނާއަށް ޙައްޤެއް ނޫނެވެ. އެއަށްވުރެ އޭނާ މާ ހިތްހެޔޮވެފައި އޯގާތެރިއެވެ. ވިޒާނަކީ އުފަން ދަރިއެއްކަމަށް އޭނާ ބެލި އެވެ. ވިޒާންގެ މޫނުމަތިން އުފާވެރިކަމުގެ ކުލަވަރު ފެނުނެވެ. އަހަރެން ހީކުރީ ހުރިހާ ކަމެއް ބަދަލުވީ ކަމަށެވެ. އިތުރަށް ވިޒާނަށް ބޭނުންވާނެ ކަމެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ކަންތައް ވީ ހީކުރި ގޮތާ ހިލާފަށެވެ. ބައްޕައެއްގެ ވައްގަނޑު ފުރުމުން ވިޒާން ހޯދީ ރައްޓެހިންތަކެކެވެ. އެއީ މައްސަލައެއް ނޫންކަމަށް އަހަރެން ނިންމީ މަންމަގެ ޚިޔާލާ ދެކޮޅަށެވެ.

އެހައި ހިސާބުން އަހަރެންގެ ބަސް ވިޒާނަށް މުހިއްމެއް ނުވި އެވެ. ފަހީމުގެ ހިޔަނި ފެނުނަސް އޭނާ ރުޅި އަންނާން ފެށި އެވެ. ވިޒާނާ އެ ވާހަކަދެއްކީމެވެ. އުއްމީދުތަކަށް ހުރަސްއަޅަނީ ފަހީމު ކަމަށް ފާޅުގައި އޭނާ ބުންޏެވެ. ފަހީމަށް އެ އަޑު އިވުނެވެ. އޭނާގެ މޫނުމަތީގެ ކުލަ ބަދަލުވި އެވެ. ކަރުއެލުވާލައިގެން ބޭރަށް ނުކުތެވެ.

ފަހީމު ގެއަށްއާއިރު ވެސް ވިޒާން ނުރުހިފައި ބޮޑުއަށީގައި އިނެވެ. ފަހީމު ދިއްކޮށްލީ އަތުގައި އޮތް ކޮތަޅެވެ. ވިޒާނު އޭގައި ހިފަން ނުހިފަން އިނދެ ހިފި އެވެ. އޭނާގެ މޫނުމަތީގެ ކުލަވަރު ބަދަލުވި އެވެ. އަހަރެންގެ ދެ ލޯ ބޮޑުވި އެވެ. ވިޒާނަށް ޓަކައި ފަހީމު ނުފޮރުޅާ ގަލެއް ނުބާއްވާނެ ކަން ވިސްނުނެވެ. އާއެކެވެ. ފަހީމު އައީ ވިޒާނަށް އެންމެފަހުގެ ފޯނެއް ހިފައިގެންނެވެ. ވިޒާނު ބޭނުންވީ ފޯނެކެވެ. ޝަކުވާތައް ބަނދެ އުޅުން ބަދަލުކުރީ އެހެންވީމަ އެވެ. އޭނާ ބޭނުންވީ އެހެން ކުދިންނެކޭ އެއްގޮތަށް ގޭމު ކުޅޭށެވެ.

އަހަންނަށް ނުރުހިފައި ބަލައިލެވުނީ ފަހީމުގެ މޫނަށެވެ. ދެވަނަ ސިކުންތުގައި ވިޒާނުގެ މޫނަށެވެ. އޭނާގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ. އުޖާލާކަމެވެ. މިއަދު ހިތާމަ ކުރާން މި ޖެހުނީ އެ ފޯނުގެ ސަބަބުންނެވެ. ފޯނުގެ އަވާގައި ޖެހި ދަރިފުޅު ގެއްލުމުންނެވެ. ހެދުނު ގޯހަކީ ހިތާ ދެކޮޅަށް ނަމަވެސް އެކަމަށް އާނބަސް ބުނެވުމެވެ. އިމެއް މިނެއް ނެތް ގޮތަށް ބޭނުންކުރާން ވިޒާނުގެ އަތްމައްޗަށް ފޯނު ދޫކޮށްލެވުމެވެ. މިއަދު މިކަން ވިސްނުނީ ދަރިފުޅު އަތުންބީވެ ގޮޅިއަށް ގެންދިޔަ ހިސާބުންނެވެ. ގޭމުގެ ދުނިޔެއިން މަސްތުގެ އާލަމަށް ގެނބިގެންނެވެ. ގަބޫލުކުރަން ދަތި ނަމަވެސް މި ހަގީގީ ހާދިސާގެ އިން ލިބޭ އިބުރަތަކީ އަހަންނަށް ކުޑަކުޑަ އިހުމާލަކުން ބޮޑެތި ފެހުރިހި ދެމިގަންނާނެ ޖާގަ ލިބޭނެ ކަމަށެވެ.

ފަހުގެ ޚަބަރު

"އެވެޓާ"ގެ އާ ސީރީޒް އިއުލާންކޮށްފި

މަގުބޫލު "އެވެޓާ" ފްރެންޗައިޒްގެ އާ އެނިމޭޓެޑް ސީރީޒް "އެވެޓާ ކުރުކް: ވޭވް އޮފް ކޭއޯސް" ނިއުޔޯކް ކޮމިކް ކޮންގައި ވަނީ އިއުލާންކޮށްފަ އެވެ. ޕެރަމައުންޓް ޕްލަސް އިން ދެއްކުމަށް ހަމަޖެހިފައިވާ މި ސީރީޒްގައި ފެންނާނީ ގުދުރަތީ ބާރުތައް ކޮންޓްރޯލްކުރާ ނުކިޔަމަންތެރި ފުރާވަރުގެ އެވެޓާއެއްގެ ވާހަކައެވެ.

ވައިލެޓްގެ ލޯބީގެ ވާހަކަ ގެނެސްދޭން "ބްރިޖަޓަން"ގެ ސީރީޒެއް

މަޝްހޫރު "ބްރިޖަޓަން" ސީރީޒްގެ ވައިލެޓް ބްރިޖަޓަންގެ ޒުވާން ދުވަސްވަރާއި އޭނާގެ ލޯބީގެ ވާހަކައަށް ބިނާކޮށް އާ ސްޕިން-އޮފް ސީރީޒްއެއް އުފެއްދުމުގެ މަސައްކަތް ނެޓްފްލިކްސް އިން ވަނީ ފަށާފައެވެ. ޝޮންޑާ ރައިމްސް ޕްރޮޑިއުސްކުރާ މި ލިމިޓެޑް ސީރީޒްގައި ފެނިގެންދާނީ ވައިލެޓް އާއި އެޑްމަންޑް ބްރިޖަޓަންގެ ގުޅުމުގެ ވާހަކަތަކެވެ.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކަކޮޅުން ފެންނަނީ އިވާން އާއި މައިރާ ބެލްކަނީގައި ތިބެގެން ލީން އާއި ނަދާލްގެ ވާހަކަ ދައްކާ މަންޒަރެވެ. އިވާންގެ މަޑުމައިތިރިކަމާއި ގާތްކަމުގެ ސަބަބުން މައިރާއަށް އުފާވެރި އިހުސާސްތަކެއް ކުރެވުނުއިރު، އެމީހުންގެ މެދުގައި ބަދަލުކުރެވުނީ ރަހުމަތްތެރިކަމުގެ އާދައިގެ ވާހަކަތަކެކެވެ.

194 އަހަރުވީ "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރު ހޯދައިފި

ދުނިޔޭގެ އެންމެ ދުވަސްވީ އެއްގަމު ޖަނަވާރު "ޖޮނަތަން" ގެ ދިގު އުމުރުގެ ސިއްރަކީ އޭގެ ޖެނެޓިކް ސިފަތަކާއި ސެލްތައް ޒުވާންކަންމަތީ ދެމެހެއްޓުމުގެ ގާބިލުކަން ކަމަށް ސައިންސްވެރިން ހާމަކޮށްފިއެވެ. ދިރާސާތަކުން ދައްކާގޮތުގައި 194 އަހަރުވީ މި ކަހަނބުގެ ޑީއެންއޭ މަރާމާތުކުރުމާއި ހަށިގަނޑުގެ މުހިންމު ނިޒާމުތަކަށް އައިސްފައިވާ ބަދަލުތަކަކީ އޭތި އާދަޔާ ހިލާފަށް ގިނަ ދުވަހު ދިރިހުރުމަށް އެހީތެރިވާ މައިގަނޑު ސަބަބުތަކެވެ.

ބޮމުގެ އިންޒާރަކާ ގުޅިގެން ކޮންސެޓް ކުއްލި ގޮތަކަށް ކެންސަލް

އެމެރިކާގެ ކަންޓްރީ މިއުޒިކް ތަރި އެލާ ލެންގްލީ، އޮކްލަހޯމާގައި ބޭއްވުމަށް ހަމަޖެހިފައި އޮތް ކޮންސެޓެއް ބޮމުގެ އިންޒާރަކާ ގުޅިގެން ކުއްލި ގޮތަކަށް ކެންސަލްކޮށްފިއެވެ. މި ފިޔަވަޅު އެޅީ ސަޕޯޓަރުންނާއި މުވައްޒަފުންގެ ސަލާމަތަށްޓަކައި ކަމަށް އޭނާ ބުނެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ކިނބިއްސެއްގެ ބާރުމިން: ހީކުރާ ވަރަށް ވުރެ މާ ބާރުގަދަ!

ކިނބިއްސަކީ ނޭވާލާ ނިޒާމަށް ވަންނަ ބޭރުގެ މާއްދާތަކުން ހަށިގަނޑު ސަލާމަތްކުރުމަށްޓަކައި މަސައްކަތްކުރާ ބާރުގަދަ ނިޒާމެކެވެ. ކިނބިއްސެއްގެ އަޑު ގާތްގަނޑަކަށް 90 ޑެސިބެލްއަށް އަރާއިރު، އޭގެ ވައިގެ ދުވެލި ގަޑިއަކު 100 މޭލުގެ ބާރުމިނުގައި ހުރެ، އޭގެން ބޭރުވާ ފެންތިކިތައް 26 ފޫޓު ދުރަށް ދަތުރުކުރެއެވެ.

އެއްވަނަ ލިބުނީ އޭއައި ވީޑިއޯއަކަށް ކަން ފަޅައިއަރައިފި

ނިކޮންގެ 'ސްމޯލް ވޯލްޑް އިން މޯޝަން' މުބާރާތުން އެއްވަނަ ހޯދި ވީޑިއޯއަކީ ޖެނެރޭޓިވް އޭއައި ބޭނުންކޮށްގެން އުފައްދާފައިވާ އެއްޗެއްކަން ފަޅާއެރުމުން، އެ ފަރާތް މުބާރާތުން ވަނީ ޑިސްކޮލިފައިކޮށްފައެވެ. ސައިންޓިސްޓުންތަކެއް ހުށަހެޅި ޝަކުވާތަކާ ގުޅިގެން ހިންގި ތަހުގީގަށްފަހު ނިކޮންއިން މި ނިންމުން ނިންމީ، މުބާރާތަށް ހުށަހަޅާ އުފެއްދުންތަކުގައި އޭއައި ބޭނުންކުރުމަކީ ގަވާއިދާ ހިލާފު ކަމަކަށް ވާތީއެވެ.

Newsletter

Get the latest news delivered straight to your inbox