ބައެއް މުހިންމު ފަރުވާތަކަށް އާސަންދަ ނުލިބޭ މައްސަލައަށް ހައްލެއް ހޯއްދަވާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހޯރަފުށި ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ސަލީމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނަސީމް ވިދާޅުވީ ބައެއް މުހިންމު ކަންތައްތަކަށް އާސަންދަ ނުލިބޭތީ ވަރަށް ގިނަ ފަރާތްތަކުން ސުވާލުކުރަމުން އަންނަ ކަމަށެވެ. އަދި، އެކަންކަމާ ގުޅިގެން އާސަންދަ ކޮމްޕެނީ ލިމިޓެޑާ މަޝްވަރާކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އާސަންދައިގެ އެހީ ނުލިބޭ ކަންތައްތައް ވެސް އެެބަހުރި. އެހެންވީމާ އަޅުގަނޑު ބަލާފައި އެކަންތަކަށް، މިވަގުތަށް ގެނެވެން އޮތް އެންމެ ރަނގަޅު ހައްލެއް ގެނެވޭތޯ އަަޅުގަނޑު މަސައްކަތްކުރާނަން،" ނަސީމް ވިދާޅުވި އެވެ.
އެހެން ނަމަވެސް، ހުރިހާ ކަމެއް ކުއްލިއަކަށް ނުނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭގެ ފަހުން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އާސަންދައިގެ ހިދުމަތް ދިނުމުގައި ވަރަށް ގިނަ މައްސަލަތައް އެބަހުރި ކަމަށެވެ. އޭގެ އެެއް ކަމަކީ އޭނާ ވިދާޅުވި ގޮތުގައި ވަަރަށް ހަރަދު ބޮޑު ނިޒާމަކަށް އެ ނިޒާމު ވެފައި އޮތުމެވެ.

"މިހާރު [އަހަރަކު] ގާތްގަނޑަކަށް 1.2 ބިލިޔަން ރުފިޔާ އާސަންދައިގެ ކަންތަކަށް ހަރަދުވަމުން އެެބަދޭ،" ނަސީމް ވިދާޅުވި އެވެ.
ޖާބިރު ކުރެއްވި ސުވާލުގައި އެއްސެވީ އެއްވެސް ހައްދެއް ނެތި އާސަންދައިން ހަރަދުކޮށްގެން، ގެސްޓްހައުސް އެއް ހެން [އެޑްމިޓްކުރުން ފަދަ ކަންކަމަށް މާ ބޮޑެތި އަގު ނަގައިގެން] ހިންގާ އިރު އެކަމަށް ފިޔަވަޅު ނާޅުއްވަނީ ކީއްވެތޯ އެވެ.
މިނިސްޓަރު ވިދާޅުވީ ޖާބިރު އެ ވިދާޅުވި ގޮތަށް ކަންތައް ހިނގާ ކަމަށް ވެދާނެ ކަމަށާއި އެހެން ނަމަވެސް އެކަން އޮތްވަރު ދެނެގަންނަން ޖެހޭ ކަމަށެވެ.












