ސެލްމޮނެލާއިން ތަޣައްޔަރުވެފައިވާ ހަވާދުގެ ބާވަތެއް ރާއްޖެއަށް އެތެރެކޮށް ވިއްކަމުންދާތީ، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ސަމާލުވާން އެދިއްޖެ އެވެ.
އެމްއެފްޑީއޭއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ސެލްމޮނެލާއިން ތަޣައްޔަރުވެފައިވާ ހަވާދުގެ ބާވަތެއްކަމުގައިވާ ވާސްޓެޖެން ސްޕައިސަސް އެންޑް ސޯސް ބީވީ ނަމަކަށްކިޔާ ނެދަލޭންޑްސްގެ އުފެއްދުމެއް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށެވެ.
ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް މެދުވެރިކޮށް އެމްއެފްޑީއޭއަށް ލިބުނު އެ މައުލޫމާތުގެ އަލީގައި އެ އޮތޯރިޓީން ވަނީ އެ އުފެއްދުން ނުވިއްކުމަށާއި ބޭނުންނުކުރަން އާންމުންނަށް އިލްތިމާސް ކޮށްފަ އެވެ.
އެމްއެފްޑީއޭއިން ސަމާލުވާން ހަވާދުތަކަކީ:
- ވާސްޓެޖެން ސްޕްރެޑާ ލެމަންގްރާސް - 25 ގުރާމު
- ވާސްޓެޖެން މިކްސް ނާސި/ބާމި - 30 ގުރާމު
- ވާސްޓެޖެން މިކްސް ސަޓޭ - 30 ގުރާމު
އެމްއެފްޑީއޭއިން އިތުރަށް ބުނީ އެ ތަކެތި ނެދަލޭންޑްސްއިން ރާއްޖެއަށް އެކްސްޕޯޓު ކޮށްފައިވަނީ އެންއެލް ފުޑްސް ބީވީ ނަމަކަށް ކިޔާ ކުންފުންޏަކުން ކަމަށެވެ.

ސެލްމޮނެލާ އަކީ ކޯއްޗެއް؟
ސެލްމޮނެލާއަކީ ޖަނަވާރުގެ ގޮހޮރުގައި އުފެދޭ ބާވަތެއްގައި ބެކްޓީރިއާ އެކެވެ. އިންސާނުންނަށް އެންމެ އާންމުކޮށް އެ ބެކްޓީރިއާގެ އަސަރުކުރަނީ ކާބޯތަކެތިންނެވެ.
އެގޮތުން ކޮންމެ އަހަރަކުހެން އެމެރިކާގައި ދެ މިލިއަނެއްހާ ސެލްމޮނެލާ ކޭސް ރިޕޯޓުކުރާ ކަމަށް އެގައުމުގެ މެޑިކަލް މައިކްރޮބަޔޮލޮޖިސްޓުން ބުނެ އެވެ. ސަލްމޮނެލާގެ ސަބަބުން ބޭރަށް ހިންގުމާއި ހުން އައުން އަދި ބަނޑަށް ތަދުވުންފަދަ ކަންކަމާ ކުރިމަތިވެ އެވެ.
އެ ބެކްޓީރިއާގެ އަސަރު ގާތްގަނޑަކަށް ހަފްތާއެއްހާ ދުވަހު ހަށިގަނޑަށް ކުރެ އެވެ.












