ދިގު ވާހަކަ: ރަންދާ

ދިގު ވާހަކަ: ރަންދާ

ފަސް ވަނަ ބަޔާ ގުޅޭ

"ނުދޭން އޮތް ހިތް ތި އަތުލީ އެއް ލަކިން." ނަޒީހާ ލަސްލަހުން ބުނެލި އެވެ.

އެ ރެއަށް ފަހު ނަޒީހާއާއި ޝަރުވާނުގެ ގުޅުން ދިޔައީ ބަދަހި ވަމުންނެވެ. ދޭތެރެ ދޭތެރެއިން ދެ މީހުން ބައްދަލުކުރެ އެވެ. ކޮންމެ ބައްދަލުވުމެއް ނިމިގެންދަނީ ހިމޭންކަމަށް ތަންދެމުންނެވެ. ސިއްރުން ފެށި އެ ދަތުރު ދެބައި ނުވަނީސް އެކަން ހަމްދާނަށް އެނގުނެވެ.

"އަހަރެން ހިޔެއް ނުކުރަން ނަޒީއަކީ ތި ކަހަލަ މީހެއް ކަމަކަށް،" ހަމްދާން ހިތްހަމަ ނުޖެހި ހުރެ ބުނެލި އެވެ.

"އަހަރެން ވެސް ހިޔެއް ނުކުރަން ހަމްދާނަކީ އަހަރެންގެ އިހުސާސްތައް ނުދަންނަ މީހަކަށް ވާނެއެކޭ،" ނަޒީހާ ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.

"އަހަރެން ކޮންކަމެއް ނުކުރަނީ؟ ޚުދު އަހަރެންގެ ޒަމީރު ބޭނުން ނުވާ އެތައް ކަމެއް ނަޒީ ބުނެގެން، ނަޒީ ހިތްހަމަ ޖައްސައިދިނުމަށް އަހަރެން ކޮށްދީ ފިން."

"ތިޔޭ މައްސަލަ ފެށޭ ހިސާބަކީ. ބޭނުން ނުވެ ކުރާ ކަމެއްގަ އަސަރެއް އިހުސާސެއް ނުހުންނާނެއްނު."

"ދެން އަހަންނަކަށް ނޭނގެ." ހަމްދާން ހިނގައިގަތެވެ.

"ނިމުނީތަ؟" ނަޒީހާ ލާނެތް ރާގެއްގައި ބުނެލި އެވެ.

"އާނ! އަހަރެން ބޭނުންމެއް ނޫން، ދެ ތަނުން ކައްކާ އުނދުނެއް. ސްޕަންޖަށް ކިތައްމެ ވަރަކަށް ފެން އެޅިޔަސް އޭގައި ހުރި ލޯވަޅުތަކުން ފެނެއް ބޭރެއް ނުވާނެ. ފެނެއް ހަރެއް ވެސް ނުވާނެ. އެ އޮންނާނީ ފުފިފަ. ފޯވެފަ. ތި ވެސް އެކަހަލަ މީހެއް." ހަމްދާނު މަލާމާތުގެ ރާގުގައި ނަޒީހާ އަށް ބަލައިލަމުން ހީނލި އެވެ.

ނަޒީހާ ގާތަށް ރުޅި އާދެވުނެވެ. އޭނާއަށް ނިސްބަތްކޮށް ހަމްދާނު ބުނެލި ޖުމުލައިންނެވެ. އެހެންވެ އޭނާ ބޭނުންވީ އެ ބުނި ބަސްތައް އަނބުރާ ގެންދާށެވެ. މަޖުބޫރުކޮށްގެން ނަމަވެސް އެކަން ކުރާށެވެ. އެއީ އޭނާއަށް ހަޖަމުކޮށްލެވޭ ވަރު ބަސްތަކަކަށް ނުވާތީ އެވެ.

"ތިހެން ނުއެއް ދެވޭނެ. އަހަންނާ ދިމާއަށް ބޭނުންހާ އެއްޗެއް ކިޔައިލުމަށްފަހު އެހައި ފަސޭހައިން ނުދެވޭނެ." ނަޒީހާ ހިފައިގަތީ ހަމްދާނުގެ ގަމީހުގެ ގޮށްފަތީގަ އެވެ.

ހަމްދާނު އަނގައިން ވެސް ނުބުނެ ހުރި ގޮތަކަށް ހުރީ އެވެ. އެއީ އޭނާއަށް އާ ކުޅިވަރަކަށް ނުވާތީ އެވެ. ތަކުރާރުވާ ހަރަކާތަކަށްވާތީ އެވެ.

"އަހަންނަކީ އުނދުނެއް ނޫން. ސްޕަންޖު ގަނޑެއް ވެސް ނޫން. ހަމްދާނަކަށް އަހަންނާ ދިމާއަށް އެހެންނެއް ނުބުނެވޭނެ." ނަޒީހާގެ ދެ އަތުން ހަމްދާނުގެ މޭމަތީގައި ތަޅަން ފެށި އެވެ.

ހަމްދާނު ދުރަށް ޖެހިލި އެވެ. އޭނާ އުޅުނީ އެތަނުން ސަލާމަތްވެގެން ދެވޭތޯ އެވެ.

"ތިހެން ނުދެވޭނެ. ބުނޭ ސޮރީއޭ. ބުނޭ." އަނެއްކާ ވެސް ނަޒީހާ ހިފައިގަތީ ހަމްދާނުގެ ގަމީހުގަ އެވެ.

"ބުނަން ރަނގަޅު ވާހަކައެއް. އަހަންނަށް ބޭނުން އެއްޗެއް ބުނުމުގެ ހައްގު ލިބިފަ އެބައޮތް. އެ މިނިވަންކަން އަހަންނަށް އޮވޭ. އަހަރެން ބުނަން ބޭނުން އެއްޗެއް އަހަރެން ބުނާނަން. އެހެންނޫނަސް އިރެއްގައި އަހަރުމެން ދެ މީހުންގެ ދެމެދުގައި ގުޅުމެއް އޮތަސް އެއީ މިހާރު ނެތް ގުޅުމެއް." ހަމްދާން ރުންކުރު ރާގެއްގައި ބުނެލި އެވެ.

ނަޒީހާ ބަލައިލީ ސީދާ ހަމްދާނުގެ މޫނަށެވެ. ހަމްދާނުގެ މޫނުމަތިން ފެންނަމުން ދިޔަ ނުރުހުމުގެ އަސަރުތަކުން އޭނާ ހިމޭންވާން ފެށި އެވެ. މަޑުމަޑުން އަތް ތިރިކޮށްލެވުނެވެ.

"އެކަކު ގާތުން ނުފުދިގެން ދެވަނަ މީހެއް ގާތަށް ގޮސް ކުރާނެހާ ކަމެއް ކޮށްފަ، ދެ މީހުންނާ އެކު އުޅޭ މީހުންނަކީ ސީދާ ހަނދުވަރު ކުރަފިން. ހަވަރު ތުންފުހިން. އެކަހަލަ މީހަކާ ވައި އެޅެން ވެސް އަހަރެން ބޭނުމެއް ނޫން. މުހިއްމީ ސިފަ ރީތިވުމެއް ނޫން. ރިވެތި އަހުލާގެއް. އެކަން ތިޔަ ނަޒީހާގެ ކިބައިން ފެންނާކަށް ނެތް. އެއީ ކަލޭގެ ކިބައިގައި ހަރު ނުލި ސިފައެއް. ކަލޭއަކީ ހަމަ ރަނގަޅަށް ވެސް ދެ ތަނުން ކެކޭ އުނދުނެއް. މިހެން ބުނެގެން ހިތްދަތިވެ މާޔޫސްވާނެ ކަމެއް ނެތް. މިއީ ހަގީގަތް." ހަމްދާން ބަލައި ވެސް ނުލައި ހިނގައިގަތީ އެވެ.

ނަޒީހާ ހިތުގައި ޖެހުނުލެއް ބޮޑުކަމުން އޭނާއަށް ރޮވޭ ގޮތްވި އެވެ. ގިސްލެވޭ ގޮތްވި އެވެ. އެހެންވެ އޭނާ އެ ހުރިގޮތަށް ހުރީ އެވެ. ހިތުގައި އުފެދެމުން ދިޔަ ބާނިތައް ކޯދުލައިގެން ނުކުމެ އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތީ އެވެ. އެގޮތުގައި އެތައް އިރެއް ވަންދެން އޭނާ ހުއްޓެވެ. ކުރާނެ ކަމެއް ނޭނގި، ހަނދާނެ ގޮތެއް ނޭނގިފަ އެވެ.

"ވަރަށް ގުޅައިފިން ކޮންތާކުތަ؟" ނަޒީހާގެ ފޯނަށް އައި މެސެޖު އޭނާ ކިޔައިލި އެވެ.

ދެފަހަރަކު ޖަވާބު ލިޔެލުމަށްފަހު އޭނާ ފޮހެލި އެވެ. ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ.

"ފޯނު ނުނަގަންޏާ މެސެޖު ކޮށްބަލަ." އަނެއްކާ ވެސް މެސެޖެއް ލިބުނެވެ.

"ސެންޓްރަލް ޕާކުގައި." ނަޒީހާ ޖަވާބު ފޮނުވާލި އެވެ.

ނަޒީހާ އެ އިން ގޮތަށް އިނީ އެވެ. އެއްފަހަރު އޭނާއަށް ހީނލެވެ އެވެ. އަނެއް ފަހަރު އޭނާއަށް ރޮވޭ ގޮތްވެ އެވެ. ބައެއް ފަހަރު އޭނާގެ ޒަމީރު އޭނާއަށް މުހާތަބުކޮށް ބުނެލާހެން ހީވެ އެވެ.

"އޭ މޮޔަ އަންހެން ކުއްޖާ. ނޫޅެން އުޅޭ މީހަކާއެކު އުޅުމަކުން ވާނެ މޮޅެއް އޮންނާނެތަ؟ ބަލަ ކަލޭގެ ކުރިމަގަކީ ޝަރޭއޭ. ކަލޭގެ މުސްތަގުބަލަކީ އެއީއޭ. ޝަރޭއާ ބަލައިފަ އެ ހަމްދާނަކީ ކާކުތަ؟ ކަމެއް ކުރާން ކެރޭ މީހެއްތަ؟ ފިރިހެންވަންތަކަން ނެތް މީހެއް ނޫންތަ؟"

ނަޒީހާ ދެ ތުންފަތަށް ބާރުކޮށްލަމުން ހީނލި އެވެ. ގަދަކަމުން ކަހަލަ ގޮތަކަށް އޭނާ މޫނުމަތީގައި ހިނިތުންވުމެއް ކުރަހައިލި އެވެ. އެ ހިނިތުންވުން ބަދަލުވެގެން ދިޔައީ ލާނެތް ހިނިތުންވުމަކަށެވެ. އެ ހިނިތުންވުމުގެ ފަހަތުން އެތައް މާނައެއް ނެނގޭފަދަ ހިނިތުންވުމަކަށެވެ.

އޭރު ތަންކޮޅެއް ދުރުން ފިރިހެނަކު އަންނަ މަންޒަރު ފެނުނެވެ. އޭނާގެ އެއް އަތުގައި އޮތީ ހެލްމެޓެކެވެ. އަނެއް އަތުގައި އޮތީ ކޮންމެ ވެސް އެއްޗެކެވެ. އެ މީހާ ނަޒީހާއާ ދިމާއަށް ބަލައިލަމުން ހަނައަޅައިލި އެވެ. ނަޒީހާ ވެސް އެ މީހާއަށް ހަނައަޅައިލި އެވެ. އެއީ ޝަރުވާނެވެ. ޝަރުވާނުގެ ސްޓައިލްގައި އޭނާ ހިނގަމުންއަ އެވެ. އެއީ ބަލާ ކޮންމެ މީހެއްގެ ހިތަށް ވެސް ލުއިކަން ލިބޭނެ ފަދަ ޗާލު ހިނގުމެކެވެ. ފަރި އެހައިމެ ލުއި ހަރަކާތްތަކެކެވެ.

"ކިހިނެއްވީ؟ ހާދަފާޑަކަށް؟" ޝާރުވާނުގެ އަތުގައި އޮތް ޕޮޕުކޯން ތަށި ދިއްކޮށްލަމުން ބުނެލި އެވެ.

"ކަމެއް ނުވޭ." ނަޒީހާ ގަސްތުގައި އޮޅުވާލި އެވެ.

"މަށަށްތަ އަދިވެސް އޮޅުވާލަން ތި އުޅެނީ." ޝަރުވާނު އަނެއްކާ ވެސް ބުނެލި އެވެ.

ނަޒީހާއަށް މަޖުބޫރުވީ ކަން ވީގޮތްތައް ކިޔައިދޭށެވެ. އޭނާ ލަސްލަހުން މަޑުމަޑުން ހުރިހާ ވާހަކައެއް ޝަރުވާނަށް ކިޔައިދިނެވެ. އަދި އޭނާއާ ދިމާއަށް ހަމްދާން ބުނި ބަސް ތަކުރާރުކޮށް ބުނެލި އެވެ.

"ދެ ތަނުން ކެކޭ އުނދުނެކޯ. ސްޕަންޖު ގަނޑެކޯ. އަހަރެން ވަރަށް ދެރަވި އެހެން ބުނީމަ." ނަޒީހާ ބޯ އަޅައިލީ ޝަރުވާނުގެ ކޮނޑުގަ އެވެ.

"އަހަރެން ކީއް ކޮށްދޭންވީ؟ ނަޒީ ބުނި ކޮންމެ ކަމެއް ކޮށްލެވިދާނެ. ނަޒީ ހިތުގައި ޖައްސައިފަ އޭނާއަށް އެހާ ފޮނިވެލައިފަ ނޫޅެވޭނެ. ބުނޭ." ޝަރުވާނު މޭ ފުއްޕައިލި އެވެ.

"އޭނާ ޖެހޭނެ އެ ބުނި ބަސް އަނބުރާ ގެންދަން." ނަޒީހާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.

އެ ދުވަހުގެ ރެޔެއެވެ. ހަމްދާނަށް ގުޅީ ސީދާ ނަޒީހާ އެވެ. އޭނާއާ ބައްދަލުކޮށްލަން ބޭނުންވާ ކަމަށް ބުނެލި އެވެ. ނަމަވެސް، ހަމްދާނު ދިނީ ރުންކުރު ޖަވާބެކެވެ.

"އަހަރެން ކަލެއާ ބައްދަލު ކުރާން ޖެހޭ ސަބަބެއް ނޯންނާނެ. ދެން މަށަށް ނުގުޅާތި." ހަމްދާނު ފޯނު ބޭއްވި އެވެ.

އެކަން ނަޒީހާއަށްވީ ބަލައިގަންނަން އުނދަގޫ ކަމަކަށެވެ. ހަޖަމު ކުރާންދަތި ކަމަށެވެ. އެހެންވެ އޭނާ ދެވަނަ ފަހަރަށް ހަމްދާނަށް ގުޅި އެވެ.

"ކަލޭ ހީނުކުރާތި ކަލޭއަށް ފަސޭހައިން ސަލާމަތް ވެވޭނެ ކަމަށް. ކަލޭ އަހަންނާ ދުރަށްދާން ތިއުޅެނީ ކީއްވެކަން އަހަންނަށް އަދި ކިރިޔާ މި އެނގުނީ. ކުރާނެހާ ކަމެއް ކޮށްފަ ހުރިހާ ލަދެއްގަ ބެދެން އަހަންނަށް ޖައްސައިފަ ކަލޭ އަހަރެން ދޫކޮށްލައިފަ ދާން ވިސްނީތީ އަހަރެން ހައިރާން ވެއްޖައިމު." ފޯނު ނެގިއިރަށް ނަޒީހާ އަމުނައިލި އެވެ.

"ބަލަބަލަ، ހާދަ މައްޗަކަށް ތި ދަނީ." ހަމްދާނު ބުނެލި އެވެ.

"މައްޗަށް ދާނެ ގޮތަށް ކަންކަން ކުރާންޏާ ދާނީ މައްޗަށް. ތިރިއަކަށް ނުދާނެ." ނަޒީހާ ހުރީ ފުފިފަ އެވެ.

"ތިޔަ ދެއްކޭ ވާހަކައެއް އެބަ އެނގޭތަ؟ ތިޔަ ކިޔެނީ ކީކޭކަން އެބަ ވިސްނޭތަ؟" ހަމްދާން ބުނެލި އެވެ.

"ކުރެވޭ ކަންކަމާއި ކިޔޭ އެއްޗެއް ނޭނގެނީ މަށަށްތަ ނޫނީ ކަލެއަށްތަ؟" ނަޒީހާގެ ރުޅިގަނޑު އިތުރުވަމުން ދިޔަ އެވެ.

"އިހަށް ހަމަޖެހިލައިފަ ވީގޮތެއް ބުނެބަލަ. އަހަންނަކީ މިހާރު ނަޒީހާއާ ދުރުހިލޭ މީހެއް. އަހަންނަކީ ނަޒީހާގެ ރައްޓެއްސެއް ނޫން." ހަމްދާނު ބުނެލި އެވެ.

"ކަލޭ ކުރި ކަމެއް ނުކުރާކަމަށް ހެދެން އުޅުނަސް އެކަމެއް ނުވާނެ. ޒިންމާ ނަގަން ޖެހުނީމަ އެ ޒިންމާ ވެސް ނަގަން ޖެހޭނެ." ނަޒީހާ އަޑުގައި މާޔޫސީ ރާގެއް ގަސްތުގައި ހިމަނައިލި އެވެ.

"އަހަންނަކަށް ނޭނގޭ ތި ކިޔާ އެއްޗެއް. ތަންކޮޅެއް ސާފުކޮށް ބުނެބަލަ! ދުރުހިލޭ މީހުންނާ ވާހަކަދައްކާ އިރު ކަންކަން ސާފުވާ ގޮތަށް ވާހަކަދައްކާ." ހަމްދާން ގަސްތުގައި ދުރުވެގަންނަން މަސައްކަތްކުރި އެވެ.

ނަޒީހާއަށް ރުޅި އިސްކުރެވެނީ އެހެންވީމަ އެވެ. އޭނާގެ މަޅިއަށް ހަމްދާނު މަހައިލަން އުނދަގޫވަމުން ދާތީ އެވެ. އޭނާ ދައްކާ ވާހަކައަށް ހަމްދާނު އެއްބާރުލުން ނުދޭތީ އެވެ.

”އަހަރެން މި އިނީ ހަމްދާނުގެ ދަރިއަކަށް ބަލިވެ." ނަޒީހާ ލަސްލަހުން ބުނެލި އެވެ.

(ނުނިމޭ)

ފަހުގެ ޚަބަރު

އެޒްޓެކް ލިޔުމެއް 186 އަހަރަށްފަހު މެކްސިކޯއަށް

ސްޕޭނުގެ އިސްތިއުމާރީ ދުވަސްވަރުގެ އެޒްޓެކް ހަޟާރަތުގެ ތާރީޚު ކިޔައިދޭ "ކޯޑެކްސް އަޒްކަޓިޓްލާން" ކުރެހުން، 186 އަހަރަށްފަހު ފަރަންސޭސިވިލާތުން މެކްސިކޯއަށް ގެންގޮސްފިއެވެ. މި ލިޔުން މެކްސިކޯއަށް ދޫކުރީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 200 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ދެ ގައުމުގެ އާސާރީ ދެ ލިޔުމެއް ވަގުތީގޮތުން ބަދަލުކުރުމަށް ވި އެއްބަސްވުމެއްގެ ދަށުންނެވެ.

ކޮއްކޯފުޅުގެ ފޮތުގައިވާ ތުހުމަތުތައް ގަނޑުވަރުން ދޮގުކޮށްފި

ޕްރިންސަސް ޑަޔާނާގެ ކޮއްކޯފުޅު އާލް ޗާލްސް ސްޕެންސާ ނެރުއްވާ ފޮތެއްގައި، ޑަޔާނާގެ ޖަނާޒާގެ ކުރިން ރަސްގެފާނު ޗާލްސް ދެއްކެވި ކަމަށް ބުނާ ވާހަކަތަކެއް ބަކިންހަމް ޕެލެސްއިން ދޮގުކޮށްފިއެވެ. ގަނޑުވަރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އާއިލާގެ މީހަކު ވަކިވުމުން ލިބޭ ހިތާމައިގެ ސަބަބުން ކަންކަން ހަނދާން ހުންނަ ގޮތަށް ބަދަލު އަތުވެދާނެ ކަމަށް ރަސްގެފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

މީދަލުގެ ސިކުނޑީގެ ތެރޭގައި އިންސާނުންގެ ސެލް ހިމަނައިފި

އެމެރިކާގެ ސައިންސްވެރިން މީދަލުގެ ސިކުނޑީގައި އިންސާނުންގެ ސެލްތައް އަށަގަންނުވައިގެން ކާމިޔާބު ތަހުލީލެއް ކޮށްފިއެވެ. މި ދިރާސާގެ މައިގަނޑު ބޭނުމަކީ އިންސާނުންނަށް މެދުވެރިވާ ނަފްސާނީ އަދި ސިކުނޑީގެ ބަލިތައް ދެނެގަނެ، އެފަދަ ބަލިތަކަށް ފަރުވާ ހޯދުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމެވެ.

އެޑް ދިފާއުކުރަން ނުކުތީ ކޮންސެޓް ބާއްވާ ތަނުގެ ޔަހޫދީ ވެރިޔާ

ފަލަސްތީނަށް ތާއީދުކުރާ ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ކޮންސަޓުން ވަކިކުރުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކާ އެކު، ސްޓޭޑިއަމްގެ ވެރިޔާ ރޮބަޓް ކްރާފްޓް ވަނީ ޝީރަންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ކްރާފްޓް ހާމަކުރި ގޮތުގައި ޝީރަން ވަނީ ފަލަސްތީނު ހިމެނޭ ސަރަހައްދަށް އިންސާނީ އެހީގެ ގޮތުގައި ދެ މިލިއަން ޑޮލަރު ހަދިޔާކުރުމަށް އެދިފައެވެ. މީގެ އިތުރުން، މެކްލްމޯ ވަކިކުރީ އޭނާ ނަފުރަތު އުފައްދާ ވާހަކަދައްކާތީ ކަމަށާއި، ޝީރަން އަކީ އެ ސަރަހައްދުގެ ސުލްހައަށް މަސައްކަތްކުރާ ފަރާތެއްކަން ކްރާފްޓް ފާހަގަކުރިއެވެ.

މެކްލްމޯ ވަކިކުރުމުން އެހެން ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން ރެޕް ލަވަކިޔުންތެރިޔާ މެކްލްމޯ، އެޑް ޝީރަންގެ ޓުއާ އިން ވަކިކުރުމާ ގުޅިގެން އެ ދަތުރުގައި ބައިވެރިވާ އެހެން ހުރިހާ ފަންނާނުން ޓުއާ ބޮއިކޮޓްކޮށްފިއެވެ. މީގެ ތެރޭގައި ފިނިއަސް އާއި ލޫކަސް ގްރަހަމް ފަދަ މަޝްހޫރު ފަންނާނުން ހިމެނޭއިރު، އެ ފަރާތްތަކުން ބުނެފައިވަނީ މިއީ ހައްގު ބަސް ބުނާ ފަންނާނުންގެ އަޑު ކަނޑުވާލުމާ ދެކޮޅަށް ނިންމި ނިންމުމެއް ކަމަށެވެ.

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު އެއްލައްކައަށް

ޖަޕާނުގައި އުމުރުން 100 އަހަރުން މަތީގެ މީހުންގެ އަދަދު ފުރަތަމަ ފަހަރަށް އެއްލައްކައަށް ވުރެ މައްޗަށް އަރާފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެނުންނެވެ. މިގޮތަށް އުމުރު ދިގުވުމުގެ މައިގަނޑު ސަބަބުތަކަކީ އެ ގައުމުގެ މީހުންގެ ދުޅަހެޔޮ ކެއުމުގެ އާދަތަކާއި ހަރަކާތްތެރި ދިރިއުޅުމެވެ. ނަމަވެސް، އާބާދީ މުސްކުޅިވަމުންދާތީ އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ދެމެހެއްޓުމުގައި ޖަޕާނަށް ވަނީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

ސިންގަޕޫރު މީހުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި

ދުނިޔޭގެ އެންމެ ދިގު އުމުރެއް އޮންނަ ގައުމުގެ ގޮތުގައި ސިންގަޕޫރު ފާހަގަވި ނަމަވެސް، އެ ގައުމުގެ ރައްޔިތުން ހަޔާތުގެ ފަހު 11 އަހަރު ހޭދަކުރަނީ ބަލިހާލުގައި ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ސިންގަޕޫރުގެ ހަރުދަނާ ސިއްހީ ނިޒާމުގެ ސަބަބުން އެވްރެޖް އުމުރު 85 އަހަރަށް ވުރެ މަތިވެފައިވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ އުމުރާއި މަރުވާ އުމުރާ ދެމެދު އޮންނަ ފަރަގު ނުވަތަ "މޯބިޑިޓީ ގެޕް" ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.

Newsletter

Get the latest news delivered straight to your inbox