އިނގިރޭސިވިލާތުގެ މިޔުޒިކް ބޭންޑް "ދަ ވޯންޓެޑް" ގެ ލަވަކިޔުންތެރިޔާ ޓޮމް ޕާކާ ސިކުނޑީގެ ކެންސަރުގައި އުމުރުން 33 އަހަރުގައި މަރުވެއްޖެ އެވެ.
ސިކުނޑީގެ ކެންސަރު ޖެހިފައިވާކަން ޓޮމް ޕާކާ އިއުލާން ކުރީ އޮކްޓޯބަރު 2020 ގަ އެވެ. އޭނާ ބުނީ ބައްޔަށް ފަރުވާއެއް ނެތް ކަމަށެވެ.
ޓޮމް ޕާކާގެ އަންހެނުން ކެލްސީ ހާޑްވިކް އިންސްޓަގްރާމުގައި ކުރި ޕޯސްޓެއްގައި ބުނީ "އަހަރުމެންގެ ހިތްތައް ހަލާކުވެފައިވާ" ކަމަށެވެ. އެ މީހުންނަށް ދެ ކުދިން ލިބިފައިވެ އެވެ.
"އަހަރުމެންގެ ދުނިޔެ އެނބުރެނީ ޓޮމް ވަށައި. އޭނާގެ އުޖާލާ ހިނިތުންވުމާއި ހަކަތައިން ފުރިގެންވާ ރޫހު ނެތި ދިރިއުޅުން ކުރިއަށް ދާނެ ގޮތެއް ނުވިސްނޭ."
ޓޮމް އާއި ކެލްސީ ކައިވެނި ކުރީ 2018 ވަނަ އަހަރު އެވެ. އެ މީހުން އަންހެން ދަރިފުޅު އޯރޭލިއާ ރޯޒް އުފަންވީ 2019 ގަ އެވެ. އޭގެ ފަހުން ފިރިހެން ދަރިފުޅު ބޯދީ އުފަންވީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

"ދަ ވޯންޓެޑް" ބޭންޑުން ބުނީ ޓޮމްގެ މަރާ ގުޅިގެން ހިތާމަ ކުރަމުންދާ ކަމަށާއި އޭނާ މަރުވި ވަގުތު ބޭންޑުގެ މެމްބަރުން ތިބީ އޭނާގެ ކައިރީގައި ކަމަށެވެ.
"ދަ ވޯންޓެޑް" އުފެދުނީ 2009 ވަނަ އަހަރު އެވެ. ބޭންޑުގެ މެމްބަރުންނަކީ ޕާކާ، މެކްސް ޖޯޖް، ސީވާ ކަނޭސްވަރަން، ނޭތަން ސައިކްސް އަދި މޭ މެކްގިނެސް އެވެ.
އެ މީހުންގެ އެންމެ ހިޓު ލަވަތަކުގެ ތެރޭގައު "ގްލޭޑް ޔޫ ކޭމް"، "ޗޭޒިން ދަ ސަން" އަދި "އޯލް ޓައިމް ލޯ" ހިމެނެ އެވެ.
މިދިޔަ ނޮވެމްބަރު މަހު ބޭންޑުން ނެރުނު އަލްބަމަކަށް ބޮޑު މަގްބޫލް ކަމެއް ލިބުނު އިރު، ކެންސަރާ ގުޅޭ ޝޯއެއްގައި ވެސް ހުށަހެޅި އެވެ.
އަލްބަމް ނެރުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން ޓޮމް ބުނީ އޭނާގެ ސިކުނޑީގައި އިން ޓިއުމަރް "ސްޓޭބަލް" ކަމަށާޢި "ކޮންޓްރޯލް ކުރެވިފައިވާ" ކަމަށެވެ.










